ޕީޕީއެމްގައި 22،000 މެމްބަރުން އެބަތިބި ކަމަށް މައުމޫން ވިދާޅުވެއްޖެ

އިލެކްޝަން ކޮމިޝަންގެ ދަފްތަރުގައި ޕީޕީއެމް މެމްބަރުންގެ ގޮތުގައި 16،565 މެމްބަރުން ތިބި ކަމުގައި ވިޔަސް އެޕާޓީގެ މެމްބަރުންގެ އަދަދަކީ 22،000 ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ އިންތިގާލީ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
މާލޭގައި އުޅޭ ޕީޕީއެމް އައްޑޫ އަތޮޅުގެ މީހުން އިސް ނަގައިގެން މިރޭ ގިޔާސުއްދީން ސްކޫލުގައި ބޭއްވި ހަފްލާއެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ އެޕާޓީގެ އޮފީހުގެ ރެޖިސްޓްރީގައި 22،000 މެމްބަރުން ހިމެނޭ ކަމަށެވެ.
"އެހެން ނަމަވެސް އެއީކީ އަޅުގަނޑުމެން ހިތް ހަމަ ޖެހޭ އަދަދެއް ނޫން، އަޅުގަނޑުމެން ޕާޓީއަށް ވަދެ ވަޑައިގަންނަވަން ބޭނުންވާ ބޭފުޅުން ޙާއްސަކޮށް ސޮއި ކުރައްވާފައި ތިއްބެވި ބޭފުޅުން އަތޮޅު ތަކުގެ ތެރޭގައި އެބަތިއްބެވި، އަޅުގަނޑުމެންނަށް ޖެހޭނީ އެ އަތޮޅުތަކަށް ޒިޔާރަތްކޮށް އެ ފޯމްތަކާއި ހަވާލުވާން." ކުރީގެ ރައީސް މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ އެ ފޯމްތަކާއި ހަވާލުވުމުގެ ސަބަބުން ވަރަށް އަވަހަށް ޕީޕީއެމްގެ މެމްބަރުންގެ އަދަދު 30،000 އަށް ބަދަލުވާނެ ކަމަށެވެ. އަދި ހުރިހާ އެންމެން އަޒުމާއި ހިތްވަރާއެކު ކުރާ މަސައްކަތުން މިއަހަރު ނިމުމުގެ ކުރިން ޕީޕީއެމް އޮންނާނީ ރާއްޖޭގައި އެންމެ މެމްބަރުން ގިނަ ޕާޓީއަށްވެފައި ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
މިކަން ވާން އޮތީ ޕީޕީއެމްއަށް ޝައުގުވެރިވާ އަތޮޅުތަކުގައި ތިއްބެވި ހުރިހާ ބޭފުޅުން މަސައްކަތްކުރައްވައިގެން ކަމަށާއި 2013 ޕީޕީއެމްއިން ކާމިޔާބުކުރުމަށް ޕީޕީއެމްގެ މެމްބަރުންގެ އަދަދު ގިނަވުން އެއީ ކޮންމެހެން ކުރަން ބޭނުންވާ ކަމެއް ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
"އެހެންވީމަ އަޅުގަނޑުމެން އެންމެން އެއް އަޒުމެއްގައި އަތު ގުޅާލައިގެން މަސައްކަތްކުރަންވީ ޕީޕީއެމްއަކީ ރާއްޖޭގައި އޮތް އެންމެ ހަރުދަނާ ޕާޓީއަށް ހަދަން، މި މަސައްކަތަށްޓަކައި ތިހުރިހާ ބޭފުޅުންގެ އެއްބާރުލުމާއި ތާއީދު ބޭނުންވޭ." މައުމޫން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ