1-3 ގެ ނަތީޖާއަކުން އިރާންގެ މައްޗަށް ކުރި ހޯދާ ބޮސްނިއާ މޮޅަކުން މުބާރާތް ނިންމާލައިފި އެވެ.
މިރޭ އިރާން އަތުން އެޓީމް ބޮސްނިއާ ހޯދި މޮޅަކީ އެޓީމް މި މުބާރާތުގައި ހޯދި ފުރަތަމަ މޮޅުކަން ވެސް ފާހަގަކޮށްލަންޖެހެ އެވެ. ގްރޫޕް ސްޓޭޖުގައި އޭގެކުރިން ކުޅުނު ދެ މެޗުން ވެސް ބޮސްނިއާ ވަނީ ބަލިވެފަ އެވެ. އެގޮތުން އާޖެންޓީނާ އަތުން އެޓީމް 1-2 ގެ ނަތީޖާއަކުން އެޓީމް ބަލިވިއިރު ނައިޖީރިއާ އަތުން ބަލިވީ 0-1 ގެ ނަތީޖާއަކުންނެވެ.
އޭޝިއާގެ ޓީމްތަކުގެ ތެރެއިން މި މުބާރާތުގައި ބައިވެރިވި ޓީމްތަކުގެ ރޭންކިންގެ އެންމެ ކުރީގައި އޮތް އިރާން މި މުބާރާތް ނިންމާލީ ޕޮއިންޓަކާ އެކީގަ އެވެ. ޓީމުން މި މުބާރާތުގައި ޕޮއިންޓެއް ހޯދާފައިވަނީ ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުގައި ނައިޖީރިއާ އަތުންނެވެ. އެ މެޗު ނިމުނީ 0-0 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. ގްރޫޕް ސްޓޭޖުގައި އާޖެންޓީނާއާ ކުޅެ 0-1 ގެ ނަތީޖާއަކުން އެޓީމް ވަނީ ބަލިވެފަ އެވެ.
މެޗުން މޮޅުވެގެން މުބާރާތުގެ ދެވަނަ ބުރަށް ދިޔުމުގެ ހަނި ފުރުސަތެއް އިރާނަށް އޮތް ނަމަވެސް މި މެޗުގައި އެޓީމުގެ ފަރާތުން ފެނިގެން ގޮސްފައިވަނީ އާދައިގެ ކުޅުމެކެވެ. އެގޮތުން މެޗުގެ ފުރަތަމަ ހާފްގައި ބޮސްނިއާ ޓީމުން ވަނީ ރަނގަޅު ކުޅުމެއްދައްކާ ބޮސްނިއާގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފަ އެވެ.
އެގޮތުން މެޗުގެ 4 ވަނަ މިނެޓްގައި ބޮސްނިއާގެ ފޯވާޑް ޒެކޯ ކުރިއަށް ފޮނުވާލި އިރާންގެ ކީޕަރު ހަގީގީ ހުޝިޔާރުކަމާ އެކީ ދިފާއުކުރިއިރު އޭގެ 5 މިނެޓްފަހުން ޒެކޯ ބޮލުން ކުރިއަށް ފޮނުވާލި ބޯޅަ ވެސް އިރާންގެ ކީޕަރު ވަނީ ދިފާއުކޮށްފަ އެވެ.
ނަމަވެސް މެޗުގެ 23 ވަނަ މިނެޓްގައި ބޮސްނިއާގެ ފޯވާޑް ޒެކޯ ވަނީ ގޯލެއްޖަހާ ބޮސްނިއާ އަށް މި މެޗުގައި ލީޑްނަގާދީފަ އެވެ. މި ގޯލަށްފަހު ވެސް ބޮސްނިއާ އަށް ވަނީ މެޗުގެ ފުރަތަމަ ހާފް ނިމުމުގެ ކުރިން ލީޑު ފުޅާކޮށްލަން ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފަ އެވެ.
ބޮސްނިއާ ކުރީގައި އޮވެ ފުރަތަމަ ހާފް ނިމިގެންދިޔައިރު ދެވަނަ ހާފްގައި ވެސް ރަނގަޅު ކުޅެ އިރާންގެ ޓީމުގެ ގޯލަށް ބޮސްނިއާ އިން ވަނީ ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފަ އެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 59 ވަނަ މިނެޓްގައި ބޮސްނިއާ އިން ވަނީ އެޓީމުގެ ދެވަނަ ގޯލް ކާމިޔާބުކޮށްފަ އެވެ. ސުސިޗް ދިން ޕާހަކުން މި ގޯލް ކާމިޔާބުކޮށްދިނީ މިރާލެމް ޕިޔާނިކް އެވެ. މި ގޯލް ޖެހިތާ މާގިނައިރުތަކެއް ނުވެ ކޮލޮސިނާޗް އަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ކުރިއަށް ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ ދަޑިކައިން ބޭރަށެވެ.
މެޗުގެ 82 ވަނަ މިނެޓްގައި އިރާން ޓީމުން ވަނީ ގޯލެއްޖަހާ މެޗުގެ ނަތީޖާގެ ފަރަގު ކުޑަކޮށްދީފަ އެވެ. ނެކޫނަމް ދިން ޕާހަކުން މި ގޯލް ކާމިޔާބުކޮށްދިނީ އެޓީމުގެ ފޯވާޑް ރެޒާ އެވެ. ރެޒާ މިރޭ ކާމިޔާބުކޮށްދިން ގޯލަކީ އިރާން ޓީމުން މި މުބާރާތުގައި ކާމިޔާބުކުރި ފުރަތަމަ ގޯލްކަން ވެސް ފާހަގަކޮށްލަންޖެހެ އެވެ.
މި ގޯލް ޖެހިތާ މިނެޓެއްފަހުން ބޮސްނިއާގެ ވާސަޔެވިޗް ވަނީ އެޓީމުގެ ތިންވަނަ ގޯލް ކާމިޔާބުކޮށްދީ މި މެޗުން އެޓީމަށް 3 ޕޮއިންޓް ކަށަވަރުކޮށްދީފަ އެވެ. މި މުބާރާތް ބޮސްނިއާ ޕޮއިންޓަކުން ނިންމާލިއިރު މިއީ ވޯލްޑްކަޕްގައި އެޓީމް ކުޅުނު ފުރަތަމަ ފަހަރުކަން ވެސް ފާހަގަކޮށްލަންޖެހެ އެވެ. ި
އިރާންގެ މައްޗަށް ކުރި ހޯދާ މޮޅަކުން ބޮސްނިއާ މުބާރާތް ނިންމާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ