ގާސިމަށް ސަރުކާރުން އަނިޔާކުރާތީ ރައްޔިތުން އެކަމާ ދެކޮޅަށް ތެދުވަން އަމީން ގޮވާލައްވައިފި

ރައްޔިތުންގެ ހައްގުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ނިކުތުމުން ސަރުކާރުން އެމަނިކުފާނަށް ދޭ އަނިޔާއާ ދެކޮޅަށް ރައްޔިތުން ތެދުވުމަށް ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހިމް ގޮވާލައްވައިފި އެވެ.
އަމީން މިކަމަށް ގޮވާލެއްވީ ރޭގެ ވަގުތެއްގައި ކުރެއްވި ޓްވީޓެއްގަ އެވެ. އަމީން އެފަދަ ގޮތަކަށް ޓްވީޓެއް ކުރެއްވި ވަކި ސަބަބެއް އޭނާ ވިދާޅުވެފައެއް ނުވެ އެވެ. ނަމަވެސް މިފަހަކަށް އައިސް ސަރުކާރުން ވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމުގެ ވިޔަފާރިއަށް ދަތިވާ ގޮތަށް ބައެއް ނިންމުންތައް ނިންމާފަ އެވެ.
އަމީންގެ ޓްވީޓްގައި ވިދާޅުވީ ރައްޔިތުންގެ ހައްގުގައި ގާސިމް އިބްރާހީމް ނިކުތުމުން އެކަން ހުއްޓުވަން ސަރުކާރުން އެމަނިކުފާނަށް ދޭ އަނިޔާ އާއި ދެކޮޅަށް ރައްޔިތުން ތެދުވަންޖެހޭ ކަމަށެވެ. އަދި އެކަމަށް ރައްޔިތުންގެ ކިބައިން "އާދޭސް ދަންނަވާ" ކަމުގައިވެސް ވިދާޅުވި އެވެ.
އެމްޑީޕީ އާއި އަދާލަތު ޕާޓީ އަދި ޖޭޕީގެ އިސް ބައެއް ވެރިން ގުޅިގެން ސޯލްޓް ކެފޭގައި މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަމީން ވިދާޅުވީ ރާއްޖޭގެ ވިޔަފާރިވެރިންގެ ތެރެއިން މިއަދު އެންމެ ބޮޑު އަނިޔާއެއް ލިބިވަޑައިގަންނަވާ ބޭފުޅަކީ ގާސިމް އިބްރާހިމް އިބްރާހިމް ކަމަށެވެ. އެ ދުވަހު އަމީން ވިދާޅުވީ ގާސިމް އިބްރާހީމަށް ވަރަށް ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި ކަމަށާއި، އެމަނިކުފާނާ މެދު ކަންތައް ކުރަމުންދަނީ ވަރަށް ބޭއިންސާފުން ކަމަށެވެ.
އެމްޑީޕީގެ ޕީޖީ ގުރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް ވެސް ވިދާޅުވީ މިއަދުގެ ސަރުކާރުން ގާސިމުގެ ވިޔަފާރި ހަލާކުކޮށްލާއި އެމަނިކުފާނު އިސްލާހަށް ކުރާ މަސައްކަތް ހުއްޓުވުމަށްޓަކައި އެމަނިކުފާނާ ދެކޮޅަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް ގާސިމްގެ ދިފާއުގައި އެމްޑީޕީ އޮންނާނެ ކަމުގެ ޔަގީންކަން އިބޫ ވަނީ ދެއްވާފަ އެވެ.
ރައީސް ޔާމިން ވެރިކަމަށް ވަޑައިގެންނެވި ފަހުން ގާސިމް އިބްރާހިމްގެ ވިލާ ގުރޫޕަށް ދޫކޮށްފައިވާ އެތައް ރަށަކާއި ފަޅުތަކެއްގެ އެއްބަސްވުން ބާތިލްކޮށް އެތަންތަން ވަނީ ސަރުކާރަށް ނަގާފަ އެވެ. އަދި އދ. މާމިގިލީގައި އިންޓަނޭޝަނަލް ފެންވަރުގައި ހިންގުމަށް ހުއްދަ ދީފައިވާ ވިލާ އެއާގެ އެއާޕޯޓް ޑޮމެސްޓިކް ފެންވަރުގެ އެއާޕޯޓަކަށް ބަދަލުވެސް ކުރި އެވެ. ނަމަވެސް ފަހުން ވަނީ އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލުކޮށްދީފަ އެވެ. މީގެ އިތުރުން ވިލާ ގުރޫޕުން ދިވެހި ދައުލަތަށް ދައްކަންޖެހޭ 100 މިލިއަން ޑޮލަރު އޮތް ކަމަށް ބުނެ އެ ފައިސާ ދެއްްކުމަށް ލިޔުމުން އެކުންފުންޏަށް ވަނީ އަންގާފަ އެވެ. ނަމަވެސް ގާސިމް އިބްރާހިމް ވިދާޅުވީ ވިލާ ގުރޫޕުން ދައުލަތަށް ދައްކަންޖެހޭ ފައިސާއެއް ނުދައްކާ ނޯންނާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ