ބައިނަލްއަގުވާމީ މުޖުތަމައުގައި އިސް އުފުލައިގެން އަމިއްލަ ފައިމަތީގައި ހިނގާ ގައުމަކަށް އަޅުގަނޑުމެންނަށް ވެވޭނީ ހީވާގި، މުރާލި، އަމިއްލަ މަސައްކަތުން ދިރިއުޅުން ހަމަޖައްސާ ބަޔަކަށް ވެގެން ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ގައުމީދުވަހާއި އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައެވެ.
އުމަރު ވިދާޅުވީ ގައުމެއް ބިނާ ކުރެވޭނީ މަސައްކަތްތެރި، އުފެއްދުންތެރި ރައްޔިތެއް އެގައުމެއްގައި އޮވެގެން އަދި އެގައުމެއްގެ ހުރިހާ ރައްޔިތުން އެކަމުގައި ޝާމިލްވެގެން ކަމަށެވެ. އަދި ވިދާޅުވީ އަޅުގަނޑުމެންގެ ރާއްޖެ މިނިވަންވީ އަދި މިއަދާ ހަމައަށް ވެސް އެގޮތުގައި ދެމިއޮތީ އަމިއްލަ ބުރަ މަސައްކަތާއި މިންނަތުން ކަމަށެވެ.
އުމަރު ވިދާޅުވީ ކޮންމެ ދިވެއްސަކު ވެސް އަމިއްލަ ބަތްސުވާ އަމިއްލައަށް، އަމިއްލަ މިންނަތުން ހޯދަންޖެހޭ ކަމަށާއި އަޅުގަނޑުމެންނަކީ އަބަދު އެހެން މީހުންނާ ދިމާއަށް އަތް ދިއްކުރަންޖެހޭ ނުވަތަ އެހެން ގައުމުތަކާ ދިމާއަށް ނާށިގަނޑު ދިއްކުރަން ޖެހޭ ބަޔަކަށްވެގެން ނުވާނެ ކަމަށެވެ.
"ބަނޑުހައިވެ ހާލުގައި ޖެހޭ ކޮންމެ ފަހަރަކު އެހެން ބައެއްގެ ދޮލަނގަށް ވެއްޓިގަންނަން ޖެހޭ މީހަކު ނުވަތަ އެފަދަ ގައުމެއް އެވަނީ ނެތިދިއުމުގެ މަގުމަތީގައި. ބައިނަލްއަގުވާމީ މުޖުތަމައުގައި އިސްއުފުލައިގެން، އަލިއްލަ ފައިމަތީގައި ހިނގާ ގައުމަކަށް ވެވޭނީ އަޅުގަނޑުމެންނަކީ ހީވާގި، މުރާލި، އަމިއްލަ މަސައްކަތުން ދިރިއުޅުން ހަމަޖައްސާ ބަޔަކަށް ވެގެން.
ގައުމުގެ އަބުރެއް، އިއްޒަތެއް އޮންނާނީ ވެސް އޭރުން. މިނޫން ގޮތަކަށް އަމަލު ކުރެވޭނަމަ ރީތި ނަމާއި ގަދަރާއި ކަމޭހިތުމުގެ ނަޒަރެއް އަޅުގަނޑުމެންނަށް އަމާޒުވުން އޮންނާނީ ވަރަށްވެސް ދުރުގައި" ހޯމް މިނިސްޓަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ އަޅުގަނޑުމެންގެ އަމިއްލަ އަތްފައި ހަރަކާތްތެރި ނުކުރެވޭނަމަ އެއީ ހިތާމަ ހުރި، ލަދުވެތި ކަމެއް ކަމަށެވެ. ދުނިޔޭގައި ކުރިއަރާފައިވާ ގައުމުތައް ކުރިއެރީ އަމިއްލަ ފައިމައްޗަށް ތެދުވެ، މަސައްކަތުގެ އަޚުލާގާއި އުޅުންތެރިކަން ހުރެގެން ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި އެމަނިކުފާނު ވަނީ އެފަދަ ބައެއް މިސާލުތައް ވެސް ދައްކަވާފައެވެ.
"ކުރިއެއެރުން އެދޭ ރައްޔިތުން ގައިގައި ހުރުން ލާޒިމް ސިފަތަކަކީ ވަގުތައް ފަރުވާތެރިވުމާއި މަސައްކަތުގައި ހީވާގިވުމާއި ހުނަރުވެރިވުން. އަދި އުފެއްދުންތެރިވުމާއި އުންމީދީ ވިސްނުން ކުރިއަށް ނެރުން. ބައެއް ގައުމުތަކުގައި 16 މަސް ދުވަހުން ބަނދެވޭ ބޯޓު ޖަޕާނުގައި 6 މަސް ދުވަހުން ބަނދެ ނިންމާ ކަމަށްވޭ. ތަފާތަކީ ޖަޕާނުގެ މީހުން ވަގުތަށް ފަރުވާތެރިވާކަން. އެމީހުންގެ ގައިގައިވާ މަސައްކަތުގެ އަޚުލާގު ނުވަތަ ގައިގައިވާ އިންސާނީވަންތަ އުޅުންތެރިކަން" އުމަރު ވިދާޅުވިއެވެ.
މަސައްކަތްތެރި ގައުމެއް ބިނާކުރުމުގައި އަޅުގަނޑުމެންގެ މަދަރުސީ ތައުލީމާއި ގޭތެރޭގެ ތަރުބިއްޔަތުވެސް ހަރުދަނާވާން ޖެހޭ ކަމަށް މިނިސްޓަރު އުމަރު ވިދާޅުވިއެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ ރާއްޖެ މިއަދު މިއޮތީ އިލްމީ ގޮތުން ލޯ ހުޅުވި ސިޔާސީ ގޮތުން ތަސައްރަފު ފުދި އަދި އިގުތިސާދީ ގޮތުން ވެސް ހަމަ ފިޔަވަޅު މަތީގައި ކަމަށެވެ. ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަގަޅުކޮށް ފުދުންތެރިކަން އިތުރުކުރުމަށްޓަކައި ސަރުކާރުން ދަނީ އާ މަގުތަކެއް ކޮށައި އާ ޕްލޭންތައް ހަދަމުން ކަމަށް ވެސް އުމަރު ވިދާޅުވިއެވެ.
ބައިނަލްއަގުވާމީ މުޖުތަމައުގައި އިސްއުފުލޭނީ މުރާލި ވެވިގެން: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ