2-4 ގެ ނަތީޖާއަކުން ދެކުނު ކޮރެޔާގެ މައްޗަށް ކުރި ހޯދާ އަލްޖީރިއާ މުބާރާތުގެ ދެވަނަ ބުރަށް ދިޔުމުގެ އުއްމީދު އާކޮށްފި އެވެ.
މި ނަތީޖާއާއެކު އަލްޖީރިއާ މިހާރު އޮތީ 3 ޕޮއިންޓާއެކީ ގްރޫޕް އެޗްގެ ދެވަނައިގަ އެވެ. 1 ޕޮއިންޓާއެކީ މި ގްރޫޕްގެ 3 ވަނައިގައި ރަޝިއާ އޮތްއިރު ގްރޫޕްގެ ފުލުގައި 1 ޕޮއިންޓާއެކީ އޮތީ ދެކުނު ކޮރެޔާ އެވެ. މި ގްރޫޕްގެ އެއްވަނައިގައި 6 ޕޮއިންޓާއެކީ އޮތީ ބެލްޖިއަމް އެވެ. ބެލްޖިއަމް މިހާރު ވަނީ މި ގްރޫޕުން ދެވަނަ ބުރަށް ގޮސްފަ އެވެ.
ބްރެޒިލްގެ ޕޯޓް އެލެގްރީގެ އެސްޓަޑިއޯ ބެއިރަ ރިއޯ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި މޮޅަށް ގޯލްޖަހާނެ ގިނަ ފުރުސަތުތަކެއް ތަަނަވަސްކޮށްފައިވަނީ އަލްޖީރިއާއިންނެވެ. އެގޮތުން މެޗުގެ ފުރަތަމަ 20 މިނެޓްތެރޭ އަލްޖީރިއާގެ ފޯވާޑް ސްލިމާނީއަސް ވަނީ ރަނގަޅު ދެ ފުރުސަތެއް ލިބި ބޭކާރުވެފަ އެވެ.
ނަމަވެސް މެޗުގެ 26 ވަނަ މިނެޓްގައި މެޖާނީ ދިން ޕާހަކުން އަލްޖީރިއާގެ ފޯވާޑް އިސްލާމް ސްލައިމާނީ ވަނީ ގޯލެއް ޖަހާ މެޗުގެ ލީޑް އަލްޖީރިއާއަށް ނަގާދީފަ އެވެ. މި ގޯލް ޖެހިތާ 2 މިނެޓްފަހުން އަލްޖީރިއާގެ ރަފީކް ހަލީޝް ވަނީ އެޓީމުގެ ދެވަނަ ގޯލް ކާމިޔާބުކޮށްދީފަ އެވެ.
މި ދެ ގޯލަށްފަހު ވެސް ރަނގަޅަށް ކުޅެމުންދިޔައީ އަލްޖީރިއާއިންނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 38 ވަނަ މިނެޓްގައި އަލްޖީރިއާ އިން ވަނީ 3 ވަނަ ގޯލްޖަހާ އެޓީމުގެ ލީޑު ފުޅާކޮށްފަ އެވެ. ސިލްމާނީ ދިން ޕާހަކުން މި ގޯލް އަލްޖީރިއާ ޓީމަށް ކާމިޔާބުކޮށްދިނީ އަބްދުލްމޫމިން ޑިޖާބޫ އެވެ.
ފުރަތަމަ ހާފާ ހިލާފަސް ދެވަނަ ހާފް ދެކުނު ކޮރެޔާއިން ފެށީ ވަރަށް ވަރުގަދަކޮށެވެ. އެގޮތުން ދެވަނަ ހާފް ފެށިގެން 5 މިނެޓްވީ ތަނަ ކޮރެޔާއިން ވަނީ އެޓީމުގެ ފުރަތަމަ ގޯލް މި މެޗުގައި ކާމިޔާބުކޮށްފަ އެވެ. ސަންގް ޔޮންގް ކީ ދިން ޕާހަކުން މި ގޯލް ކާމިޔާބުކޮށްދިނީ ހިއުންގް މިން ސަން އެވެ.
މި ގޯލަށްފަހު ކޮރެޔާއަށް ވަނީ ނަތީޖާ އެއްވަރުކުރަން ވެސް ރަނގަޅު ދެ ފުރުސަތެއް ލިބިގެންގޮސްފަ އެވެ. އެގޮތުން ކޮރެޔާގެ ކީ ބޮލުން ކުރިއަށް ފޮނުވާލި ބޯޅަ ގޯލުގެ ހުރަސް ރޮގުމަތިން އަލްޖީރިއާގެ ކުޅުންތެރިން ދިފާއުކުރިއިރު އޭނާ ކުރިއަށް ފޮނުވާލި ދެވަނަ ހަމަލާ އަލްޖީރިއާގެ ކީޕަރު އެމްބޮލީ ވަނީ ހުޝިޔާރުކަމާއެކީ ދިފާއުކޮށްފަ އެވެ.
ކޮރެޔާއަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުމުގެ ނަތީޖާއަކަށްވީ މެޗުގެ 62 ވަނަ މިނެޓްގައި އަލްޖީރިއާއިން އެޓީމުގެ 4 ވަނަ ގޯލްޖެހުމެވެ. ފެގޫލީ ދިން ރީތި ޕާހަކުން މި ގޯލް ކާމިޔާބުކޮށްދިނީ ޔާސިން ބްރަހީމީ އެވެ.
މެޗުގެ 72 ވަނަ މިނެޓްގައި ކޮރެޔާއިން ވަނީ އެޓީމުގެ ދެވަނަ ގޯލް މި މެޗުގައި ޖަހާފަ އެވެ. ކިއުން ހޯ ލީ ދިން ޕާހަކުން މި ގޯލް ކާމިޔާބުކޮށްދިނީ ކޫ ޖާ ޗިއޯލް އެވެ. މި ގޯލަށްފަހު ކޮރެޔާއަށް ގޯލްޖަހާނެ މާ ރަނގަޅު ފުރުސަތުތަކެއް ލިބިފައެއް ނުވެ އެވެ.
މިރޭގެ މި މޮޅަކީ އަލްޖީރިއާއަށް ވަރަށް ހައްސަ މޮޅެކެވެ. އެގޮތުން މިއީ 1982 ވަނަ އަހަރަށްފަހު އެޓީމް ވޯލްޑްކަޕްގެ މެޗަކުން މޮޅުވި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލަންޖެހެ އެވެ.
މިރޭ އަލްޖީރިއާ ޓީމުން ކޮރެޔާ ކޮޅަށް ޖެހި 4 ގޯލާއެކީ އެޓީމް ވެގެން ގޮސްފައިވަނީ ވޯލްޑްކަޕްގައި ބައިވެރިވި އެފްރިކާގެ ޓީމުތަކުގެ ތެރެއިން އެއް މެޗެއްގައި އެންމެ ގިނަ ގޯލްޖެހި ޓީމަށެވެ.
މި މޮޅާއެކު އަލްޖީރިއާ ޓީމަށް މުބާރާތުގެ ދެވަނަ ބުރަށް ދިޔުމުގެ ފުރުސަތު ހުޅުވިގެން ގޮސްފައިވާއިރު މި މެޗުން ބަލިވި ކޮރެޔާއަށް ވެސް ދެވަނަ ބުރަށް ދިޔުމުގެ ހަނި ފުރުސަތެއް އަދި އެބޮތެވެ.
ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ކޮރެޔާ ބައްދަލުކުރާނީ ބެލްޖިއަމްއާ އެވެ. އަލްޖީރިއާ ބައްދަލުކުރާނީ ރަޝިއާއާ އެވެ. މި ދެ މެޗުވެސް ކުޅޭނީ މި މަހުގެ 27 ވަނަ ދުވަހުގަ އެވެ.
ކޮރެޔާގެ މައްޗަށް ކުރި ހޯދާ އަލްޖީރިއާ ދެވަނަ ބުރަށް ދިޔުމުގެ އުއްމީދު އާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ