މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް އާއި ކޮލޮމްބޯ ސްޓޮކް އެކްސްޗޭންޖްއާއި ދެމެދު ފަންޑު ހޯދާ ދިނުމަށް އެމް.އޯ.ޔޫއެއްގައި ސޮއިކޮށްފި

ދިވެހިރާއްޖޭގެ ކުންފުނިތަކަށް ސްރީލަންކާގެ ސްޓޮކް މާކެޓް މެދުވެރިކޮށް ފަންޑު ހޯދާދިނުމަށްޓަކައި، ވާންޖެހޭ ތައްޔާރީތައްވުމަށް، 10 ޖުލައި 2015 ވަނަ ދުވަހު މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް (އެމް.އެސް.އީ) އާއި ކޮލޮމްބޯ ސްޓޮކް އެކްސްޗޭންޖް (ސީ.އެސް.އީ)އިން އެމް.އޯ.ޔޫ އެއްގައި ސޮއިކޮށްފިއެވެ.
މި އެމް.އޯ.ޔޫގެ ދަށުން، ދިވެހިރާއްޖޭގެ ސްޓޮކް މާކެޓް މެދުވެރިކޮށް ކުންފުނިތަކަށް ފަންޑު ހޯދުމުގެ ނިޒާމް ވަރުގަދަކުރުމަށްޓަކައި، 'ކްރޮސް ބޯޑަރ ލިސްޓިންގ' ތަޢާރަފުކޮށް، ރާއްޖޭގެ ކުންފުނިތަކަށް އިތުރު ފުރުޞަތުތައް ފަހިވެގެންދާނެއެވެ. މިފަދަ އެއްބަސްވުމެއްގެ ދަށުން، މިހާރު އެމް.އެސް.އީގައި ލިސްޓުކުރަން ބޭނުންވާ ފަރާތަކުން، ކޮލަމްބޯ ސްޓޮކް އެކްސްޗޭންޖް މެދުވެރިކޮށް ޑުއަލް ލިސްޓްކުރުމަށްފަހު، ރާއްޖޭގައި ތިބި އިންވެސްޓަރުންގެ އިތުރުން، ސްރީލަންކާގައި އިންވެސްޓްކުރަމުންދާ އިންވެސްޓްމަންޓް ފަންޑުތަކުގެ ޝައުގުވެރިކަން ހޯދުމުގެ ފުރުޞަތު އިތުރަށް ތަނަވަސްވެގެންދާނެއެވެ. އަދި މީގެ އިތުރުން، ރާއްޖޭގައި ތިބި އިންވެސްޓަރުންނަށް އިންވެސްޓްމަންޓް ޑައިވަރސިފައިކުރުމަށްޓަކައި، 'ކްރޮސް ބޯޑަރ އިންވެސްޓްމަންޓ'ް ޕްރޮމޯޓްކުރުމަކީވެސް މި އެމް.އޯ.ޔޫގެ ދަށުން ގުޅިގެން މަސައްކަތްކުރުމަށް ކަނޑައަޅާފައިވާ ދާއިރާއެކެވެ.
އެމް.އެސް.އީއިން މިފަދަ އެއްބަސްވުންތަކަށް ވަނުމުގެ ސަބަބުން، ދިވެހިރާއްޖޭގައި މިހާރު ލިސްޓުކޮށްފައިވާ ކުންފުނިތަކުގެ އިތުރުން، އައު ކުންފުނިތަކަކަށް ސްޓޮކް މާރކެޓް މެދުވެރިކޮށް ފަންޑު ހޯދޭނެ ކަމުގެ އުއްމީދު ބޮޑުވެގެންދާނެއެވެ. އަދި، ކުރިއަށް އޮތްތާނގައި، މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްއިން އިންވެސްޓަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ރަގަޅުކުރުމަށް ބޭނުންވާ އައި.ޓީ އިންފްރާސްޓްރަކްޗަރ އަދި މިދާއިރާއިން މީހުން ބިނާކުރުމަށް ފަންނީ އެހީ ލިބިގެންދާނެއެވެ.
މިއެއްބަސްވުމުގައި ސޮއިކުރުމާގުޅިގެން، މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގެ ސީ.އީ.އޯ ހަސަން މަނިކު ވިދާޅުވީ މިއީ އެމް.އެސް.އީ އަދި ދިވެހިރާއްޖެއަށް ބޮޑެތި ކުރިއެރުންތަކެއް ހޯދާދޭނެ އެއްބަސްވުމެއް ކަމަށާއި މިހާރުވެސް، ޕްރޮފިޓަބަލް ދާއިރާތަކުގައި ފަންޑު ނެތިގެން ފުރިހަމަނުކުރެވި ހުރި ގިނަ ޕްރޮޖްކްޓްތައް އެބަހުރި ކަމަށެވެ. "އަޅުގަނޑުމެން މިހާރުވެސް، ގިނަ ކަންތައްތަކުގައި ކޮލޮމްބޯ ސްޓޮކް އެކްސްޗޭންޖާއެކު މަޝްވަރާކޮށްފިން. މިހާތަނަށް ހުރިހާ ކަމެއްގައިވެސް އެފަރާތުގެ ފަންނީ އެހީ ރާއްޖޭގެ ސްޓޮކް މާކެޓަށް ދިނުމަށް ވާހަކަ ދެކެވިފައިވޭ. އަޅުގަނޑުމެން މިހާރު ބޭނުންވަނީ، ގަވަނަންސް ރަގަޅު ކުންފުނިތަކަކާއެކު ލަންކާގެ މާކެޓުން ނެގޭނެ ޢަދަދުތައް ޓެސްޓުކުރަން. ލަންކާ މާކެޓްގައި އަބަޑީން ފަދަ މަޝްޙޫރު އިންވެސްޓްމަންޓް ފަންޑުތަކުން ލިސްޓުކޮށްފައިހުރި ކުންފުނިތަކުގެ ޙިއްސާ އަދި ބޮންޑުގައި އިންވެސްޓްކުރަމުންދޭ. މިއީ ވަރަށް ބޮޑު އޮޕޮޗުނިޓީއެއް." ކަމަށެވެ.
މިއެމް.އޯ.ޔޫގައި ސޮއި ކުރުމުގެ ހަފްލާގައި ކޮލޮމްބޯ ސްޓޮކް އެކްސްޗޭންޖްގެ ޗެއާރމަން މިސްޓަރ ވަޖީރާ ކުލަތިލަކަ އަދި ޗީފް އެގްޒެކަޓިވް މިސްޓަރ ރަޖީވާ ބަންޑާރަނަޔަކަ ބައިވެރިވެވަޑައިގަތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ