ޣައިރު ގާނޫނީ އަމުރަށް ތަބާނުވެގެން ވަކިކުރާ ފުލުހުންނާއި ސިފައިންނަށް އަލުން ވަޒީފާ ދޭނަން: އިއްތިހާދު

ޣައިރު ގާނޫނީ އަމުރަށް ތަބާނުވުމުގެ ސަބަބުން ވަޒީފާ ގެއްލޭ ސިފައިންނާއި ފުލުހުންނަށް އިންތިގާލީ ސަރުކާރުން އަނބުރާ ވަޒީފާ ދޭން އިދިކޮޅު އިއްތިހާދުގެ ހިޔަނި ކެބިނެޓުން މިއަދު ނިންމައިފި އެވެ.
މޯލްޑިވްސް ޔުނައިޓެޑް އޮފޮޒިޝަން (އެމްޔޫއޯ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެ އިއްތިހާދުގައި ހިމެނޭ އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ވިދާޅުވީ ޣައިރު ގާނޫނީ އަމުރަށް ތަބާނުވުމުގެ ސަބަބުން ވަޒީފާއިން ވަކިކުރާ ނުވަތަ މަސްއޫލިއްޔަތުން ދުރުކޮށް ނުވަތަ މަގާމު ދަށްކުރާ މީހުންނަށް އިންތިގާލީ ސަރުކާރުން އިންސާފު ހޯދައި ދޭނެ ކަމަށެވެ.
"އެންމެ ކުޑަވެގެން ވަޒީފާ ގެއްލޭ މީހާގެ ވަޒީފާ އިއާދަކޮށްދޭނެ ކަމުގެ ޔަގީންކަން އަރުވަން. ގާނޫނީ ގޮތުން އެކަން ކުރެވޭނެ ކަމުގެ ޔަގީންކަން އަޅުގަނޑުމެންނަށް އެބައޮތް،" އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަލީ ޒާހިރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޣައިރު ގާނޫނީ އަމުރަށް ތަބާނުވުމަކީ ކޮންމެ ފުލުހަކާއި ސިފައިންގެ މީހެއްގެ މައްޗަށް ގާނޫނުއަސާސީން ލާޒިމުކޮށްފައިވާ ކަމެއް ކަމަށެވެ. އެހެންވެ، އެފަދަ ކަމެއް ކުރުމުގެ ސަބަބުން ވަޒީފާ ގެއްލުމަކީ ގާނޫނުއަސާސީއާ ވެސް ހިލާފަށް، ނުހައްގުން މީހަކަށް ދެވޭ އަނިޔާއެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ފުލުހުންނާއި ސިފައިންގެ ތެރެއިން ބައެއް މީހުން ޣައިރު ގާނޫނީ އަމުރާ ގުޅޭ މައުލޫމާތު ސާފުކުރަމުން އަންނަ ކަމަށާއި އެ ކަމަށް ފަސޭހަކޮށްދިނުމަށް ވަޓްސްއެޕްގައި ހޮޓްލައިނެއް ތައާރަފްކުރަން ނިންމާފައިވާ ކަމަށް އަލީ ޒާހިރު ވިދާޅުވި އެވެ. އެކަމަކު އޭނާ ވިދާޅުވީ ހޮޓްލައިންގެ ނަމްބަރު ފަހުން ހާމަކުރާނެ ކަމަށެވެ.
"މި ދެންނެވި ޣައިރު ގާނޫނީ އަމުރަކީ ކޮބައިކަން އެ ފަރާތްތަކަށް އަންގައި ދެވޭނެ. ކޮންކަމެއް، ކޮން ގޮތަކަށް ކުރީމައިކަން ޣައިރު ގާނޫނީ އަމުރަކަށް ވާނީ އަދި އެކަމުގެ ޒިންމާ ނަގަން ޖެހޭނީ. ގާނޫނީ ބޭފުޅުން އެ ފަރާތްތަކަށް ލަފާދެއްވާނެ،" އަލީ ޒާހިރު ވިދާޅުވި އެވެ.
ޣައިރު ގާނޫނީ އަމުރު ކުރާ ފަރާތްތަކާއި އެ އަމުރު ތަންފީޒު ކުރާ ފަރާތްތައް ވެސް އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމުގެ ޔަގީންކަން އިއްތިހާދުން ވަނީ ދީފަ އެވެ.
ފުލުހުންގެ މައްޗަށް ޣައިރު ގާނޫނީ އަމުރު ކުރަމުން ދާ ކަމަށް އިއްތިހާދުން ތުހުމަތު ކުރެ އެވެ. ހާއްސަކޮށް، އިދިކޮޅު ފަރާތްތަކުން ބާއްވާ ސިޔާސީ ހަރަކާތްތައް ހުއްޓުވަން އެފަދަ އަމުރު ނެރޭ ކަމަށް އެ ފަރާތްތަކުން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ