"ހަވީރު" ނޫހުގެ ކުރީގެ މުވައްޒަފުން ދެ އަހަރު ވަންދެން، ހަވީރު ނޫން އެހެން މީޑިއާއެއްގައި ވަޒީފާ އަދާކުރުން މަނާކޮށް ސިވިލް ކޯޓުން ކުރި ހުކުމް ބަންޑާރަ ނައިބު އޮފީހުގެ ފަރާތުން އިސްތިއުނާފު ކުރަން ހައި ކޯޓަށް ހުށަހަޅައިފި އެވެ.
ބަންޑާރަ ނައިބުގެ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ އެ މައްސަލަ އިސްތިއުނާފަށް ހުށަހެޅީ މިދިޔަ ހަފުތާގައި ކަމަށެވެ. ނަމަވެސް އެ މައްސަލަ ބަލައިގަތް ކަން ހައި ކޯޓުން އަންގާފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ހަވީރު" ނޫހުގެ މިލްކުވެރިކަމާ މެދު ސިވިލް ކޯޓުން ހުކުމް ކުރިއިރު، އެ ނޫހާއި ނޫހުގެ ވިޔަފާރިތަކާ ގުޅުން ހުރި ކަންކަމުގައި މަސައްކަތް ކުރި އެއްވެސް މުވައްޒަފަކަށް "ހަވީރު" ނޫން މީޑިއާއެއްގައި ދެ އަހަރު ވަންދެން އެއްވެސް މަސައްކަތެއް ކުރުން ވަނީ މަނާކޮށްފަ އެވެ. އަދި އެހެން ތަނެއްގައި މުވައްޒަފަކު ވަޒީފާ އަދާކުރާކަން ފާހަގަވެ އެ މައްސަލަ ހުށަހަޅައިފި ނަމަ ހަތް ދުވަހުގެ ތެރޭގައި އެ މުވައްޒަފަކާ މެދު ފިޔަވަޅު އެޅުމަށް ހޯމް މިނިސްޓްރީ އާއި ބްރޯޑްކާސްޓިން ކޮމިޝަންގެ މައްޗަށް ވެސް ވަނީ އަމުރުކޮށްފަ އެވެ.
އެކަމަކު ހުކުމާ އެކު ބަންޑާރަ ނައިބު މުހައްމަދު އަނިލް ވިދާޅުވެފައި ވަނީ ގާނޫނު އަސާސީ އާއި ގާނޫނުތަކަށް ބަލާއިރު ހުކުމުގައި އެހެން އޮތް ނަމަވެސް މުވައްޒަފުންނާ މެދު އެޅޭނެ ފިޔަވަޅެއް ނެތް ކަމަށެވެ. އެހެންވެ ހުކުމުގައި މުވައްޒަފުންނަށް ރައްދުވާ ބައި އިސްތިއުނާފުކުރަން ނިންމެވީ އެވެ.
"ހަވީރު"ގެ ކުރީގެ މުވައްޒަފުންގެ މައްޗަށް އެ ހުކުމް އައި އިރު ދައުވާ ކުރި މީހުންގެ ދައުވާގައި މުވައްޒަފުންގެ ވާހަކައެއް ނުވެސް ނެތެވެ.
"ހަވީރު" ނެރުން ހުއްޓާލުމާ އެކު މުވައްޒަފުން ވަނީ އިސްތިއުފާ ދީފަ އެވެ.
ހުކުމާ ގުޅިގެން އެޓާނީ ޖެނެރަލްގެ އޮފީހުން ފާހަގަކުރި މައިގަނޑު މައްސަލަތައް:
1. އެ މީހުންނާ މެދު ފިޔަވަޅު އެޅުމަށް ހޯމް މިނިސްޓްރީ އަށް ނުވަތަ ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތަކަށް އަމުރުކޮށްފައިވާއިރު، ނޫސްތަކާއި މަޖައްލާތަކުގައި މަސައްކަތްކުރަމުންދާ ވަކިވަކި މުވައްޒަފުންނާ މެދު ވަކި ތަނެއްގައި މަސައްކަތް ކުރުން މަނާކޮށް ފިޔަވަޅު އެޅުމުގެ ބާރު ގާނޫނުއަސާސީ ނުވަތަ މިހާރު އަމަލުކުރަމުންދާ އެއްވެސް ގާނޫނެއްގެ ދަށުން ހޯމް މިނިސްޓްރީ އަށް ވެސް އަދި ސަރުކާރުގެ އެއްވެސް މިނިސްޓްރީ އަކަށް ލިބިފައި ނެތުމުން މިއީ ގާނޫނު އަސާސީ އާއި ގާނޫނުތަކާ ހިލާފަށް ކޮށްފައިވާ އަމުރަކަށް ވުން.
2. މި ހުކުމް ތަންފީޒު ކުރަން ހޯމް މިނިސްޓްރީގެ މައްޗަށް އަމުުރުކޮށްފައިވާ އިރު، މިހާރު އަމަލުކުރަމުންދާ ގާނޫނުތަކަށް ރިއާޔަތް ކުރާއިރު ސިވިލް ކޯޓުގެ ނިންމުމަކީ ތަންފީޒު ކުރެވޭނެ ނިންމުމެއް ކަމުގައި ނުވާތީ، މިއީ ސުޕްރީމް ކޯޓުގެ ރޫލިންއެއްގައި ކަނޑައަޅާފައިވާ ގާނޫނީ އުސޫލުތަކާ ހިލާފަށް ކޮށްފައިވާ އަމުރެއް ކަމަށް ވުން.
3. ދެ ފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމަކުން ނުވަތަ ގާނޫނު އަސާސީގެ 16 ވަނަ މާއްދާ އަށް ރިއާޔަތް ކޮށް ގާނޫނަކުން މެނުވީ ގާނޫނު އަސާސީގެ 37 ވަނަ މާއްދާގެ ހ.ގެ ދަށުން ކޮންމެ ރައްޔިތަކަށްމެ އެ މީހަކު އިޚުތިޔާރު ކުރާ ވަޒީފާއެއް އަދާކުރުމުގެ ނުވަތަ މަސައްކަތެއް ކުރުމުގެ ހައްގު ހިފެހެއްޓުމަކީ ނުވަތަ ހަނިކުރުމަކީ ގާނޫނު އަސާސީ އާ ހިލާފު ކަމެއް ކަމަށްވީ ހިނދު، ހަވީރު ނޫހާއި ހަވީރު އޮންލައިނާއި ޗާޕްޚާނާ އާއި ހަވީރަށް ނިސްބަތްވާ ވިޔަފާރިތަކުގައި ވަޒީފާ އަދާކޮށްފައިވާ މީހަކު ނުވަތަ ބައެއް އިސްވެ ދެންނެވި ހުކުމާ ހިލާފުވެއްޖެ ނަމަ، އެ މީހުންނާ މެދު ފިޔަވަޅު އެޅުމަށް ސިވިލް ކޯޓުން ކޮށްފައިވާ އަމުރަކީ ގާނޫނުއަސާސީ އާ ހިލާފު ބާތިލް އަމުރަކަށް ވުން.
4. މި މައްސަލައާ ގުޅޭ ގޮތުން ހައި ކޯޓުން ނެރެފައިވާ ނިހާއީ ހުކުމްގެ ގަޒިއްޔާ އާއި އެ ގަޒިއްޔާ އާ ގުޅިގެން ސިވިލް ކޯޓަށް ހުށަހެޅުނު ގަޒިއްޔާ އިން ބެލި މައްސަލާގައި ވެސް ދައުވާކުރި ފަރާތްތަކުން އެދިފައިވާ ކަންތައްތަކުގެ ތެރޭގައި ވަކިވަކި މުވައްޒަފުންނަށް ފިޔަވަޅު އަޅަން އެދިފައި ނުވާއިރު، އެއީ ސުޕްރީމް ކޯޓުގެ ގަޒިއްޔާއަކުން ކަނޑައަޅާފައިވާ އުސޫލާ ހިލާފަށް ނިންމާފައިވާ ނިންމުމަކަށް ވުން.
5. ސިވިލް ކޯޓުގެ ހުކުމްގެ މި ބައި ރައްދުވާ ފަރާތްތައް ކަމަށްވާ ފެބްރުއަރީ 3، 2016 އިން ފެށިގެން "ހަވީރު"ގައި ވަޒީފާ އަދާކޮށްފައިވާ އެންމެހާ މުވައްޒަފުންގެ މައްޗަށް އެ ފަރާތްތަކުގެ އަސާސީ ހައްގުތަކެއް ހިފެހެއްޓިގެންދާ ނުވަތަ ހަނިވެގެންދާ އަމުރެއް ސިވިލް ކޯޓުން ކުރިއިރު ކޯޓުން އެ ފަރާތްތަކުގެ ބަހެއް ހޯދާފައި ނުވުމަކީ ގާނޫނުއަސާސީގެ 42 ވަނަ މާއްދާ އާއި ނެޗުރަލް ޖަސްޓިސްގެ އުސޫލެއް ކަމަށްވާ އަނެއް ޚަސްމުގެ ބަހެއް ހޯދުމާ ހިލާފަށް ނިންމާފައިވާ ނިންމުމަކަށް ވުން.
6. ސިވިލް ކޯޓުގެ ހުކުމްގެ މި ބައި ރައްދުވާ ފަރާތްތަކުގެ ތެރޭގއި ފެބްރުއަރީ 3، 2016އިން ފެށިގެން "ހަވީރު"ގައި ވަޒީފާ އަދާކޮށްފައިވާ އެންމެހާ މުވައްޒަފުން ހިމެނޭ އިރު، އެކިއެކި މުއްދަތުތަކުގެ ތެރޭގައި އެކިއެކި ހައިސިއްޔަތުތަކުން، އެކިއެކި ފެންވަރުގެ އަދި އެކިއެކި ފަންނުގެ ވަޒީފާ އަދާކޮށްފައިވާ ނުވަތަ އަދާކުރަމުންދާ ފަރާތްތައް ހިމެނޭއިރު، އެއިން އެއްވެސް ކަމަކަށް ރިއާޔަތް ކޮށްފައި ނުވުން.
"ހަވީރު" ހުއްޓާލި އިރު، އެ ވިޔަފާރިތަކުގައި 80އެއްހާ މުވައްޒަފުން ދިޔައީ ވަޒީފާ އަދާކުރަމުންނެވެ. އޭގެ ތެރެއިން 50 އަށް ވުރެ ގިނަ މުވައްޒަފުން ވަޒީފާ އިން އިސްތިއުފާ ދިނުމަށް ފަހު މިހާރު މަސައްކަތް ކުރަމުން އަންނަނީ "މިހާރު" ނޫހުގަ އެވެ. އޭގެ ތެރެއިން ގިނަ އަދަދެެއްގެ މުވައްޒަފުން ވަނީ މަސައްކަތްކުރުން މަނާކޮށް ކުރި ހުކުމް ހައި ކޯޓަށާއި ސުޕްރީމް ކޯޓަށް ވެސް ހުށަހަޅައިފަ އެވެ.
ކޯޓުގެ ހުކުމާ އެކު މުވައްޒަފުންގެ އަސާސީ ހައްގުތައް ގެއްލޭތީ އެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަނުން ވެސް އަންނަނީ ބަލަމުންނެވެ.
"ހަވީރު"ގެ ކުރީގެ މުވައްޒަފުންގެ މައްޗަށް ކުރި ހުކުމް ދައުލަތުން އިސްތިއުނާފުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ