ރައީސް ޑރ. މުހައްމަދު މުއިއްޒު 2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާނީ ބޮޑު ތަފާތަކުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
މިދިޔަ މަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ވެރިކަން ކުރާ ޕާޓީ އަށް އއ. ހިމަންދޫން ލިބުނު ކާމިޔާބީ ފާހަގަކުރަން ބޭއްވި ޖަލްސާގައި އަބްދުއްރަހީމް ވިދާޅުވީ ރައީސް މުއިއްޒު ސަރުކާރު ހިންގަމުންދަނީ ރައްޔިތުންގެ ވިންދާއި އިހުސާސްތައް ދެނެގަނެގެން ކަމަށާއި އެމަނިކުފާނު ދިވެހި ގައުމުގެ އިސްތިގުލާލު ދަމަހައްޓައި، މިނިވަންކަމުގެ ރޮނގު ރަތްކުލައިން ފަވާލައިފައި ކަމަށެވެ.
"ޝައްކު ނުކުރައްވާތި، މާޔޫސްވެ ވަޑައިނުގަންނަވާތި. އިރާދަކުރެއްވިއްޔާ ﷲ ސުބުހާނޫ ވަތައާލާގެ ހެޔޮ ރަހުމަތްފުޅުން 2028 ވަނަ އަހަރު މި ގައުމުގައި ބޭއްވޭ ރިޔާސީ އިންތިހާބު ބޮޑުތަނުން ކާމިޔާބުކުރާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު،" އަބްދުއްރަހީމް ވިދާޅުވި އެވެ.
"އިރާދަކުރެއްވިއްޔާ ދިވެހި ރާއްޖޭގައި ދެ ވަނަ ދައުރަށް މި ނިޒާމުގެ ދަށުން ވެރިކަން ކުރައްވާ ބޭފުޅަކަށް ވާނީ ﷲ ތައާލާގެ ހެޔޮ ރަހުމަތްފުޅާއެކު މިއަދުގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު."
އަބްދުއްރަހީމް ވަނީ ޕީއެންސީގެ ސަޕޯޓަރުން މިހާރު ކުރަންވީ ކަމަކީ ރައީސް މުއިއްޒު ދެވަނަ ދައުރަކަށް އިންތިހާބު ކޮށްދިނުމަށް މަސައްކަތް ކުރުން ކަމަށާއި ގައުމު ހަލަބޮލި ކުރުމުގެ ފުރުސަތު ދެން ދީގެން ނުވާނެ ކަމަށްވެސް ވިދާޅުވެފަ އެވެ.
"އަޅުގަނޑުމެން ކުރަންވީ ކަމަކީ އެ މަނިކުފާނާއެކު ސާބިތުވެ ތިބެންވީ. އަޅުގަނޑުމެން ކުރަންވީ ކަމަކީ 2028 ޕީއެންސީއަށް، ރައީސް ޑރ. މުހައްމަދު މުއިއްޒަށް ކާމިޔާބުކޮށްދިނުމަށްޓަކައި ރުކުރުވާލަންވީ މުޅި ދިވެހިރާއްޖޭގެ ކަންކޮޅުތަކުގައި ތިބި އަޅުގަނޑުމެންގެ ފިކުރުގެ އެންމެން ކަމަރު ބަންނަންވީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އަބްދުއްރަހީމް ވިދާޅުވީ މި ސަރުކާރުން ވެރިކަމާ ހަވާލުވިތާ ކައިރީގައި 'ހަމަސް ދުވަހު ހިފަހައްޓައެއް ނުލެވޭނޭ'، 'ގައުމު ބަނގުރޫޓު ވާނޭ' އަދި 'ވެރިކަން ޖެހޭނީ ދޫކޮށްލާށޭ' ކަމަށް ބަޔަކު މީހުން ވާހަކަ ދެއްކި އަޑު އެހި ކަމަށެވެ. ނަމަވެސް ފެންނަމުން ދަނީ އެ މަންޒަރު ނޫން ކަމަށާއި މިދިޔަ މަހު ގާތްގަނޑަކަށް 1 ބިލިއަން ޑޮލަރުގެ ލޯނު އަނބުރާ ދައްކާފައިވާކަމަށް ވެސް ވިދާޅުވި އެވެ.
ރައީސް 2028 ކާމިޔާބު ކުރައްވާނީ ބޮޑު ތަފާތަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ