ރެއާލްގެ ދެ ތަރިން ތަޅާފޮޅައި، ވަލްވާޑޭގެ ބޮލަށް ސީރިއަސް އަނިޔާތަކެއް

ރެއާލް މެޑްރިޑްގެ ތަމްރީނު ކޭމްޕުގައި އެ ޓީމުގެ ދެ ތަރިން ކަމަށްވާ ފެޑެރީކޯ ވަލްވާޑޭ އާއި އައުރެލިއަން ޗުއަމެނީގެ މެދުގައި ހިނގި ހަމަނުޖެހުމެއްގައި، ވަލްވާޑޭގެ ބޮލަށް ސީރިއަސް އަނިޔާތަކެއް ވެއްޖެއެވެ. ބާސެލޯނާއާ ދެކޮޅަށް ކުޅޭ މުހިންމު "އެލް ކްލަސިކޯ" މެޗަށް ތައްޔާރުވަމުންދަނިކޮށް ހިނގި މި ހާދިސާއާ ގުޅިގެން، ރެއާލް މެޑްރިޑުން ވަނީ ދެ ކުޅުންތެރިންނަށް ފިޔަވަޅު އަޅަން ނިންމާފައިވާކަން ރަސްމީކޮށް އިއުލާންކޮށްފައެވެ. މި ހަމަނުޖެހުން ހިނގާފައިވަނީ ރެއާލްގެ ވަލްޑެބެބަސް ޓްރެއިނިން ގްރައުންޑުގައި ބޭއްވި ފަރިތަކުރުންތަކުގެ ތެރޭގައެވެ. ރިޕޯޓްތައް ބުނާ ގޮތުގައި، މި ދެ ކުޅުންތެރިންގެ މެދުގައި ކުރިން ހުރި ނުތަނަވަސްކަމެއް ބޮޑުވެ، ހަމަނުޖެހުން ހޫނުވީއެވެ. މި ކުރިމަތިލުމުގެ ތެރޭގައި ވަލްވާޑޭ ވެއްޓި ކައިރީގައި ހުރި މޭޒެއްގައި ބޯ ޖެހުމުގެ ސަބަބުން އޭނާއަށް ވަނީ ވަގުތުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ޖެހިފައެވެ. މިހާރު އޭނާ ހޮސްޕިޓަލުން ދޫކޮށްލާފައިވީ ނަމަވެސް، މިއީ ޓީމުގެ އަހުލާގީ މިންގަނޑާ މުޅިން ހިލާފު ކަމެއް ކަމަށް ކްލަބުން ދެކެއެވެ. ކްލަބުން ނެރުނު މެޑިކަލް ރިޕޯޓުގައި ބުނެފައިވަނީ ވަލްވާޑޭގެ ބޮލަށް ލިބުނު އަނިޔާއާ ގުޅިގެން، މެޑިކަލް ޕްރޮޓޮކޯލްތަކުގެ ދަށުން އޭނާ 10 ދުވަހާއި 14 ދުވަހާ ދެމެދުގެ މުއްދަތަކަށް އަރާމުކުރަން ޖެހޭނެ ކަމަށެވެ. މީގެ މާނައަކީ ކުރިއަށް އޮތް ބާސެލޯނާ މެޗުގައި އޭނާއަށް ނުކުޅެވޭނެކަން ކަށަވަރުވުމެވެ. މިއީ ސީޒަނުގެ މިފަދަ މުހިންމު ދަނޑިވަޅެއްގައި ރެއާލް މެޑްރިޑަށް ލިބުނު ވަރަށް ބޮޑު ގޮންޖެހުމެކެވެ. މި ހާދިސާއާ ގުޅިގެން ރެއާލް މެޑްރިޑުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ވަލްވާޑޭ އާއި ޗުއަމެނީއާ މެދު ޑިސިޕްލިނަރީ މައްސަލައެއް ބަލަން ފަށާފައިވާ ކަމަށެވެ. ކްލަބުގެ އެތެރޭގެ ތަހުގީގުތައް ނިމުމުން، އެ ދެ ކުޅުންތެރިންނަށް ދޭނެ އަދަބެއް ފަހުން އިއުލާން ކުރާނެ ކަމަށްވެސް އެ ބަޔާނުގައިވެއެވެ. މި ހާދިސާގެ ސަބަބުން ޓީމުގެ އެއްބައިވަންތަކަމާ މެދު ސަޕޯޓަރުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ