ސަރުކާރުގެ ހުރިހާ ފާމަސީއެއްގެ ބޭހުގެ ސްޓޮކް ބެލޭނެ ޑިޖިޓަލް ނިޒާމު މިއަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް ޤާއިމުކުރެވުމާއެކު ބޭސް މެނޭޖްކުރުމަށް ހެޔޮ ބަދަލެއް އަންނާނެކަމަށް ދައުލަތުގެ ބޭސް ކުންފުނިން ވިދާޅުވެއްޖެއެވެ.
ރައްޔިތުންނަށް ބޭނުންވާ ބޭސް ދެމެހެއްޓެނިވި ގޮތުގައި ނުލިބޭ މައްސަލައިގައި ކަމާއި ގުޅުންހުރި ހުރިހާ އިދާރާއެއް ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް ހާޒިރުކުރުމުން އެހުރިހާ ފަރާތަކުންވަނީ ވަކި ވަކި ފަރާތްތަކަށް ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތައް ހިއްސާކުރައްވާފައެވެ.
ބޭހުގެ މައްސަލައިގައި ދައުލަތުގެ ކަމާއި ގުޅުންހުރި އިދާރާތައް ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް ހާޒިރުކުރުމުން ހުރިހާ ފަރާތްތަކުންވެސް ފާހަގަކުރި އެއްކަމަކީ، ބޭހުގެ ސްޓޮކް ބެލެހެއްޓޭނެ ނިޒާމެއް ނެތްކަމުގެ ކަންބޮޑުވުމެވެ. އެސްޓީއޯއިން އެތެރެކުރާ ބޭހުގެ ސްޓޮކް އެސްޓީއޯގެ ފާމަސީތަކުން ބަލަހައްޓަމުން އަންނައިރު ބޭސް ލިޔެދެއްވާ ޑޮކްޓަރުންނަށް އެސްޓޮކެއް ނުފެނެއެވެ. އަދި އާސަންދައިގެ ދަށުން އެމްޕެނަލް ކުރެވިފައިވާ ފާމަސީތަކުގެ ބޭހުގެ ސްޓޮކްވެސް ވަގުތުން ބެލޭނެ ނިޒާމެއް ނެތްކަން އާސަންދައިންވަނީ ފާހަގަކުރައްވާފައެވެ.
މިކަމަށް ހައްލެއް ގެނައުމަށް ކުރަމުންދާ މަސައްކަތް ދައުލަތުގެ ބޭސް ކުންފުނިންވަނީ ކޮމިޓީގައި ހިއްސާކުރައްވާފައެވެ. އެގޮތުން އަންނަ ޖުލައި މަހުގެ ތެރޭގައި އެސްޓީއޯގެ ހުރިހާ ފާމަސީއެއް ސްޓޭޓް ފާމަސޫޓިކަލްގެ ދަށަށް ބަދަލުކުރެވުމުން، ޑިޖިޓަލް ނިޒާމެއްގެ ތެރެއިން ބޭހުގެ ސްޓޮކް ބެލޭނެ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ކޮމިޓީގައި ވާހަކަދައްކަވަމުން ސްޓޭޓް ފާމަސޫޓިކަލްގެ މެނޭޖިންގ ޑިރެކްޓަރ ޑރ.ޝާހު މާހިރުވަނީ ވިދާޅުވެފައެވެ.
"އަޅުގަނޑު ވަރަށް ޔަގީންކުރަން ސްޓޮކްގެ ވިޒިބިލިޓީ ފެނިގެންދާނެކަން މިކުރެވޭ މަސައްކަތުން. ރައްޔިތުންނަށްވެސް ބޭސް ހުރީ ކޮން ފާމަސީއެއްގައިތޯ ބަލާލެވޭނެ ޕޯޓަލްއެއް އަޅުގަނޑުމެން ހަދާފަ ރައްޔިތުންނަށް ފޯރުކޮށްދޭނަން." ޑރ.ޝާހު ވިދާޅުވިއެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ޑރ.ޝާހު ވިދާޅުވީ ސަރުކާރު ހުރިހާ ފާމަސީއެއްގެ ސްޓޮކް ހުރި މިންވަރު ބެލޭނެ ޑިޖިޓަލް ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އެގޮތުން ޖުލައި މަހުގެ ތެރޭގައި އެސްޓީއޯގެ ދަށުން ހިންގަމުންދާ ހުރިހާ ފާމަސީއެއް ސްޓޭޓް ފާމަސޫޓިކަލް ކުންފުނީގެ ދަށަށް ބަދަލުކުރެވުމުން މިނިޒާމުގެ މައިގަނޑު މަސައްކަތް ފަށާނެކަމަށެވެ. އަދި މީގެ މަސައްކަތް ނިމި އޮކްޓޯބަރު މަހުގެ ތެރޭގައި ބޮޑު ބަދަލެއް ރައްޔިތުންނަށް ފެންނާނެކަމަށްވެސް ވިދާޅުވިއެވެ.
ފާމަސީތަކުން ނުލިބޭ ބޭސްތައް އެހެން ފާމަސީއަކުން ނުވަތަ އެހެން ރަށަކުން ނުވަތަ ރާއްޖެއިން ބޭރުން ގެންނަންޖެހުނު ނަމަވެސް ބަލި މީހުންނަށް އެބޭސް ހޯދައިދިނުމުގެ މަސައްކަތް ކުރިއަށް އޮތްތަނުގައި ކުރަމުންދާނެކަމަށް ޑރ.ޝާހު މާހިރު ވިދާޅުވިއެވެ.
ފާމަސީތަކުގެ ސްޓޮކް ބެލޭ ޑިޖިޓަލް ނިޒާމް އޮކްޓޫބަރުގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ