އެމެރިކާގެ މަނަވަރުތަކަށް އީރާނުން މިސައިލް ހަމަލާތަކެއް ދީފި

އީރާނުގެ ކަނޑުގެ ސަރަހައްދުގައި އޮތް ތެޔޮ ޓޭންކަރަކަށް އެމެރިކާގެ ސިފައިން ހަމަލާދިނުމާ ގުޅިގެން، ބަދަލުހިފުމުގެ ގޮތުން އެމެރިކާގެ ކަނޑުގެ ސިފައިންގެ މަނަވަރުތަކަށް އީރާނުން މިސައިލް ހަމަލާތަކެއް ދީފިއެވެ.
ދެފަރާތުން ވެސް ބަދަލުކުރެވުނު މި ހަމަލާތަކަކީ އެމެރިކާއާއި އީރާނާއި ދެމެދު ގާއިމުކޮށްފައިވާ ނާޒުކު ސުލްހައިގެ އެއްބަސްވުމަށް އޮތް ބޮޑު ގޮންޖެހުމެއްގެ ގޮތުގައި މުޙައްލިލުން ސިފަކުރައްވައެވެ.
އީރާނުން ދިން ރައްދު ހަމަލާތަކުގައި އެމެރިކާގެ މަނަވަރުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އެ ގައުމުން ދައުވާ ކުރެއެވެ. އެމެރިކާއާއި އެ ގައުމަށް ވާގިވެރިވާ ފަރާތްތަކުން ހިންގާ ކޮންމެ އުދުވާނަކަށް، އެއްވެސް ޖެހިލުމެއް ނެތި މާ ވަރުގަދަ ރައްދެއް ދޭނޭ ކަމުގެ އިންޒާރުވެސް އީރާނުން ވަނީ ދީފައެވެ.
ނަމަވެސް އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ބުނެފައިވަނީ އީރާނުން ދިން "ނުބައި" ހަމަލާތައް ހުއްޓުވާފައިވާ ކަމަށާއި، އެމެރިކާއިން ދިނީ އަމިއްލަ ދިފާއުގައި ދިން ހަމަލާތަކެއް ކަމަށެވެ. އެމެރިކާގެ އެއްވެސް އުޅަނދަކަށް ގެއްލުމެއް ނުވާ ކަމަށްވެސް އެ ފަރާތުން ބުނެއެވެ.
ކަނޑުގެ މަގުން އީރާނު ހިސާރުކުރުމުގެ މި ހަރަކާތަކީ، މިދިޔަ މަހު ސުލްހައިގެ އެއްބަސްވުން ގާއިމުވީ ފަހުން ޓްރަމްޕް އިސްވެ ހުރެ އީރާނަށް ފިއްތުންތައް ކުރިމަތިކުރުމަށް ހިންގާ ކެމްޕޭނެއްގެ ބައެކެވެ.
މި ކުރިމަތިލުންތައް ހިނގާފައި މިވަނީ ހަނގުރާމަ ހުއްޓާލުމާ ގުޅޭގޮތުން އެމެރިކާއާއި އީރާނާއި ދެމެދު މަތީ ފަންތީގެ މަޝްވަރާތަކެއް ކުރިއަށްދާ ކަމަށް ރިޕޯޓްތައް ބުނަމުންދަނިކޮށެވެ.
މި ހަފުތާގެ ކުރީކޮޅު، ހޮރްމޫޒް ކަނޑުއޮޅީގައި އީރާނުން ބްލޮކޭޑްކޮށްފައިވާ ސަރަހައްދުތައް ނައްތާލުމަށް ޓްރަމްޕް އަމުރުކުރުމާ ގުޅިގެން މަސްރަހު ވަނީ ވަރަށް ބޮޑަށް ނުތަނަވަސްވެފައެވެ.
މިދިޔަ ހޯމަ ދުވަހު އެމެރިކާއިން އީރާނުގެ ހަތް ޑްރޯން ވައްޓާލާފައިވާ ކަމަށް ބުނެފައިވާއިރު، އީރާނުން ވަނީ ޔޫއޭއީއަށް އަމާޒުކޮށް ޑްރޯން އަދި މިސައިލް ހަމަލާތަކެއް އަލުން ދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ