ދެވަނަ ދައުރަކަށް އިންތިހާބުވާނެ ފުރަތަމަ ރައީސަކީ މުއިއްޒު: އަބްދުއްރަޙީމް
ރިޔާސީ ދެވަނަ ދައުރަކަށް ވެރިކަމަށް އިންތިހާބުވެވަޑައިގަންނަވާނެ ފުރަތަމަ ބޭފުޅަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގަންނަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ރޭ ވިދާޅުވެއްޖެ އެވެ.މިދިޔަ ކައުންސިލު އިންތިޚާބުގައި އއ. ހިމަންދޫން ފުރިހަމަ އަގުލަބިއްޔަތު ޕީއެންސީއަށް ލިބުމުން އެކަމުގެ އުފާފާޅުކުރުމަށް ބޭއްވި ހަރުގެ ޖަލްސާގައި އަބްދުއްރަޙީމް ވިދާޅުވީ، މިއީ ޕީއެންސީ މެންބަރުން މާޔޫސްވާންވީ ވަގުތެއް ނޫން ކަމަށާއި، މިއީ އެ ޕާޓީގެ މެންބަރުން އުންމީދު އާ ކޮށް ހިތްވަރާއެކު ނުކުންނަންވީ ވަގުތު ކަމަށެވެ."2028، ރައީސް މުއިއްޒާއެކީގަ ކާމިޔާބުކުރަން އަޒުމް އައުކޮށް ކަމަރު ބަންނަންވީ ވަގުތޭ މިއީ، މަގުތައް މަތިންނާއި ކަންކަން މަތިން ދައްކާ ވާހަކައަށް ހެއްލެންވީ ވަގުތެއްނޫނޭ މިއީ، އެ ވާހަކަތަކަށް އަޅުގަނޑުމެން ރައްދުދޭނީ އަމަލާއި ބަހުންނޭ، ނަތީޖާ ނެރެގެންނޭ،" އަބްދުއްރަޙީމް ވިދާޅުވި އެވެ.ޕީއެންސީގެ ފިކުރަކީ ސުލްހަމަސަލަސްކަމާއި އެއްބައިވަންތަކަމާއި ތަރައްގީގެ ފިކުރު ކަމަށް ވިދާޅުވެ، ޢަބްދުއްރަޙީމް ވިދާޅުވީ ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ ވެރިކަމާއި އެމްޑީޕީގެ ދެ ސަރުކާރުގެ ވެރިކަމާއި މި ސަރުކާރުން އަޅާ ކިއުމުން ތަފާތުތައް ފެންނާނެ ކަމަށެވެ.ކައުންސިލު އިންތިހާބުގެ ނަތީޖާއަށް އިޝާރާތްކުރައްވައި އެމަނިކުފާނު ވިދާޅުވިގޮތުގައި، ޕީއެންސީއަކީ ވޯޓުން ބަލިވިޔަސް، ރައްޔިތުންގެ ނިންމުން ބަލައިގަނެ، ކުރިއަށް ދިއުމުގެ ހިތްވަރު އޮތް ޕާޓީއެކެވެ.އަބްދުއްރަހީމް ވިދާޅުވީ މި ސަރުކާރުން ވެރިކަމާ ހަވާލުވިތާ ކައިރީގައި "ހަމަސް ދުވަހު ހިފަހައްޓައެއް ނުލެވޭނޭ"، "ގައުމު ބަނގުރޫޓު ވާނޭ" އަދި "ވެރިކަން ޖެހޭނީ ދޫކޮށްލާށޭ" ކަމަށް ބަޔަކު މީހުން ވާހަކަ ދެއްކި އަޑު އެހި ކަމަށެވެ. ނަމަވެސް ފެންނަމުން ދަނީ އެ މަންޒަރު ނޫން ކަމަށާއި މިދިޔަ މަހު ގާތްގަނޑަކަށް 1 ބިލިއަން ޑޮލަރުގެ ލޯނު އަނބުރާ ދައްކާފައިވާކަމަށް ވެސް ވިދާޅުވި އެވެ.ރައްޔިތުންގެ ފަޅީގައި ހުރެގެން ނޫނީ ރައްޔިތުންނަށް ހިދުމަތް ނުކުރެވޭނެ ކަމަށާއި ޕީއެންސީން ތިބީ ރައީސް މުއިއްޒާ އެކު ރައްޔިތުންގެ ފަޅީގައި ގަދަކޮށް ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ