ހަމަލާތަކެއް ދިނުމަށް ފަހު ޓްރަމްޕު ވިދާޅުވަނީ "ލޯބިން ޖަހާލީ" ކަމަށް، އީރާނުން ދިނީ އިންޒާރު!

އެމެރިކާގެ ތިން މަނަވަރަކަށް ހޮރްމޫޒް ކަނޑުއޮޅީގައި ހަމަލާ ދީފައިވާތީ އީރާނުގެ އަސްކަރީ އަމާޒުތަކަށް ބުރާސްފަތި ދުވަހު ހަމަލާދީފައިވާ ކަމަށް އެމެރިކާގެ އަސްކަރިއްޔާއިން ބުނެފި އެވެ. ނަމަވެސް، އީރާނުން ތުހުމަތުކުރާ ގޮތުގައި ފުރަތަމަ ހަމަލާދިނީ އެމެރިކާ ސިފައިންނެވެ.
މި ހަމަލާ ބަދަލުކުރުންތަކުގެ ސަބަބުން، އޭޕްރީލް 8 އިން ފެށިގެން އަމަލުކުރަމުން އަންނަ، ހަމަލާ ބަދަލުކުރުން މެދުކަނޑާލުމުގެ އެއްބަސްވުމަށް ވަނީ ނުރައްކަލަށް ހުށަހެޅިފަ އެވެ.  އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދެމުންދިޔަ ހަމަލާތަކަށް މެދުކެނޑުމެއް ގެނައި އެ އެއްބަސްވުމާ އެމެރިކާ ހިލާފުވެއްޖެ ކަމަށް މި ހަމަލާތަކާ އެކު އީރާނުން ވަނީ ބުނެފަ އެވެ.
އިޒްރޭލާއި އެމެރިކާގެ ހަމަލާތަކާ ގުޅިގެން އީރާނުން ވަނީ މެދުއިރުމަތީގެ އެކި ސަރަހައްދުތަކަށް ހަމަލާދީ، ތެލާއި ގޭސް އުފުލާ މުހިންމު މަގު ކަމަށްވާ ހޮރްމޫޒް ކަނޑުއޮޅި ބަންދުކޮށްފަ އެވެ.
"އީރާނުގެ ފައުޖުތަކުން އެމެރިކާގެ ހަނގުރާމަމަތީ ތިން މަނަވަރަކަށް ގިނަ އަދަދެއްގެ މިސައިލާއި، ޑްރޯން އަދި ކުދި ބޯޓުތައް ބޭނުންކޮށްގެން ހަމަލާދިން،" އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.
ނަމަވެސް އެއްވެސް މަނަވަރަކަށް ހަމަލާ އަރާފައި ނުވާ ކަމަށާއި "ކުރިމަތިވި ނުރައްކާތައް ނައްތާލައި، އެކަމަށް ޒިންމާވާ އީރާނުގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ހަމަލާދިނީ" ކަމަށް ސެންޓްކޮމް އިން ބުންޏެވެ.
"ސެންޓްކޮމް އިން ބޭނުންވަނީ ހަމަނުޖެހުން ބޮޑުނުކުރުމަށް، ނަމަވެސް އެމެރިކާގެ ފައުޖުތައް ހިމާޔަތްކުރުމަށް ތައްޔާރީ ހާލަތުގައި ދެމިއޮންނާނެ،" ބަޔާނުގައިވެ އެވެ.
އެކަމަކު، އީރާނުގެ މަރުކަޒީ އަސްކަރީ ކޮމާންޑުން ތުހުމަތުކުރި ގޮތުގައި އެމެރިކާއިން ވަނީ ބުރާސްފަތި ދުވަހު ތެޔޮ ޓޭންކަރަކަށާއި އެހެން ބޯޓަކަށް ހަމަލާދީ ސުލްހައިގެ އެއްބަސްވުމާ ހިލާފުވެފަ އެވެ. އަދި އީރާނުގެ ފައުޖުތަކުން "ވަގުތުން ރައްދުގައި އެމެރިކާގެ އަސްކަރީ އުޅަނދުތަކަށް ހަމަލާދިނީ" ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.
ހަމަލާތަކަށް ފަހު ޓްރަމްޕު އޭބީސީ ނިއުސް އަށް ވިދާޅުވީ އީރާންގެ އަމާޒުތަކަށް ދިން ހަމަލާތަކަކީ "ލޯބިން ޖަހާލުން" ކަމަށެވެ. 
"ހަމަލާ ބަދަލުކުރުން މެދުކަނޑާލުމުގެ އެއްބަސްވުން އެބަ އޮތް. އެއަށް ދާނީ އަމަލުކުރަމުން،" ޓްރަމްޕު ވިދާޅުވި އެވެ.
އެކަމަކު އީރާނުން ބުނީ މި ހަމަލާތަކުގެ ރައްދު ހަރުކަށިކަމާ އެކު ދޭނެ ކަމަށެވެ. 
މި ހަމަނުޖެހުން ހިނގާފައި މި ވަނީ އީރާނާ އެކު ދާއިމީ ސުލްހައެއް ގާއިމުވާނެ އެއްބަސްވުމަކަށް ވަރަށް އަވަހަށް އާދެވިދާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މީގެ އެއްދުވަސް ކުރިން، ވިދާޅުވެފައި ވަނިކޮށެވެ.  ނަމަވެސް، އީރާނުން ދޫނުދީފި ނަމަ އަލުން ބޮން އެޅުމަށް އެނބުރިދާނެ ކަމުގެ އިންޒާރު ވެސް އޭނާ ވަނީ ތަކުރާރުކޮށް ވަނީ ދެއްވައިފަ އެވެ.
އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއީލް ބަގާއީ ވިދާޅުވީ، އީރާނުން ގޮތް ނިންމުމަށްފަހު، މެދުވެރިއެއްގެ ދައުރު އަދާކުރާ ޕާކިސްތާނަށް އެކަން އަންގާނެ ކަމަށެވެ.
ބުރާސްފަތި ދުވަހުގެ ހަމަލާ ބަދަލުކުރުންތަކުގެ ކުރިން، ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވަނީ ޓީވީ މެދުވެރިކޮށް ދެއްވި ބަޔާނެއްގައި އުންމީދީ ވާހަކަތަކެއް ދައްކަވައިފަ އެވެ. އޭނާ ވިދާޅުވީ، "މި ސުލްހައިގެ އެއްބަސްވުން ދާއިމީ ސުލްހައަކަށް ބަދަލުވާނެ ކަމަށް އަޅުގަނޑު ވަރަށް ބޮޑަށް ގަބޫލުކުރަން" ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ