ޔާމީން އެންމެ ފުރަތަމަ މަސައްކަތް ކުރީ އިންޑިއާ ސިފައިންނާ ކޯޅިނުގަނެ މައްސަލަ ހައްލު ކުރެވޭތޯ: އުމަރު

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ޒަޢާމަތުގައި އެންމެ ފުރަތަމަ މަސައްކަތް ކުރީ އިންޑިއާގެ މިލިޓަރީ ސިފައިންނާ ކޯޅިނުގަނެ މައްސަލަ ހައްލު ކުރެވޭތޯ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ. "ސަން"އަށް ދެއްވި އިންޓަވިއުއެއްގައި އުމަރު ވިދާޅުވީ އިންޑިއާގެ ސިފައިން ރާއްޖެއިން ފޮނުވައިލެވޭތޯ ޚާރިޖީ ފެންވަރުގައި ވެސް ގިނަ މަސައްކަތްތަކެއް ރައީސް ޔާމީން ކުރެއްވި ކަމަށާއި ނަމަވެސް ދައުރު ނިމުނުއިރުގައި ވެސް އެކަން ކާމިޔާބު ނުވި ކަމަށެވެ. "މިއަދު ޕަބްލިކަލީ މި ވާހަކަ ދައްކަން މި ޖެހެނީ އެމީހުންނާ ރީތިކޮށް ވާހަކަ ދައްކައިގެން މިކަން ހަމަނުޖެއްސިގެން،" އުމަރު ވިދާޅުވިއެވެ. "ޔާމީންގެ ސަރުކާރުން ވަރަށް ސާފުކޮށް އިންޑިއާ ސިފައިންނަށް ޑިޕްލޮމެޓިކަލީ އެކި އެކި އިބާރާތް ބޭނުންކޮށްގެން މި ޤައުމުން ފައިބަން އެންގި،" އުމަރު ވިދާޅުވީ ރާއްޖެއިން ފައިބަން އިންޑިއާ ސިފައިން ދެކޮޅު ހެދުމުން އެމީހުންގެ ވިސާ ހިފެހެއްޓުމާއި ވިސާ ކެލްސަލް ކުރުން ފަދަ ގޯނާވެސް ސަރުކާރުން ކުރި ކަމަށެވެ. އަދި ވިދާޅުވީ އޭގެ އިތުރުން ރާއްޖޭގައި ތިބި އިންޑިއާ ރައްޔިތުންގެ ވިސާތައް ވެސް ހިފެހެއްޓި ކަމަށާއި އޭގެ ބޭނުމަކީ އިތުރު ޕްރެޝަރު ކޮށްގެން ނަމަވެސް އިންޑިއާ ސިފައިން ރާއްޖެއިން ގެންދިޔުން ކަމަށެވެ. "އެމީހުން ތިބި ތަނުން ނުކުތަނުދީ ވެސް ހިފެހެއްޓި. ހެލިކޮޕްޓަރު އުދުހުން ވެސް މަނާކުރި. އަދި ބައެއް ހާލަތުގައި އިންޑިއާ ސިފައިން ތިބޭ ތަނުން ކަރަންޓުވެސް ކަނޑާލި އިނގޭތޯ. އެ ފެންވަރަށް ގެންދިޔުމުން ވެސް ހަމަ ނުފައިބަން ގަދަ ދައްކާފަ ތިބީ،" އުމަރު ވިދާޅުވިއެވެ. އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާނެކަން އިޢުލާން ކުރައްވާފައިވާ އުމަރު ވިދާޅުވީ އިންޑިއާ ސިފައިން އެންމެ ފުރަތަމަ ރާއްޖެ ގެނެސް މިހާލަތު އުފެއްދީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށާއި ދެން އެއަށްފަހު މައްސަލަ އިތުރަށް ބޮޑުކުރީ މި ސަރުކާރުން ކަމަށެވެ. "ޔާމީން ސަރުކާރަށް ކުރިމަތިވި އެކި ޕްރެޝަރުތަކާ ހެދި އެބޭފުޅާއަކަށް މިކަމެއް ނުވި. މިހާރު ވިސްނަވައި ޤާނޫނީ ސަރުކާރަކުން ފައިބާށޭ އެންގީމަ ވެސް ނުފޭބި ބަޔަކު، ކޮބައިތޯ މިއަދު އެމްޑީޕީން ބުނެގެން ފައިބާނެ ކަމުގެ ޔަޤީން ކަމަކީ،" އުމަރު ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ އިންޑިއާގެ މިލިޓަރީ ސިފައިން އެންމެ ފުރަތަމަ ރާއްޖެއަށް ގެނައީ ރައީސް ނަޝީދުގެ ވެރިކަމުގައި 2011 ވަނަ އަހަރު ކަމަށާއި ސަރުކާރުގެ ލިޔެކިޔުންތަކުން ވެސް އެކަން ފެންނާން އޮންނާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ