ހަވީރު މައްސަލައާ ސަރުކާރަކާ ގުޅުމެއް ނެތް، އުމަރު ދެއްކީ ސިޔާސީ ވާހަކަ: ތިން ހިއްސާދާރުންގެ ވަކީލު
ހަވީރު ނޫހުގެ މައްސަލައާ ގުޅިގެން ސަރުކާރާ މަޝްވަރާ ނުކުރާ ކަމަށާއި ހޯމް މިނިސްޓަރު އުމަރު ނަސީރު ދެއްކެވީ ސިޔާސީ ވާހަކަ ކަމަށް ހަވީރުގެ ތިން ހިއްސާދާރުންގެ ވަކީލު ވިދާޅުވެއްޖެ އެވެ. ސިވިލް ކޯޓުގެ ވަގުތީ އަމުރަކާ ގުޅިގެން އޮޕަރޭޓްކުރުން ހުއްޓާލާފައިވާ ހަވީރު ނޫސް އަލުން ފެށުމަށް، ސަރުކާރުން މަސައްކަތް ފަށާނޭ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ރޭ ވަނީ ވިދާޅުވެފަ އެވެ. ރާއްޖޭގައި އޮތް އެންމެ ދުވަސްވީ، އަދި އެހާމެ ވަރުގަދަ ނޫހެއް ހުއްޓިގެންދާން ސަރުކާރުން ބޭނުން ނުވާ ކަމަށް އުމަރު ވަނީ ރޭ ވިދާޅުވެފަ އެވެ. އެކަމާ ގުޅިގެން 'ސަން' އާ ވާހަކަދައްކަމުން ހަވީރުގެ ތިން ހިއްސާދާރުން ކަމަށްވާ ހ. މީރުބަހާރުއާގޭ އިބްރާހީމް ރަޝީދު މޫސާ އާއި ގ. ކޮއްކިރި އަބްދުﷲ ފާރޫގު ހަސަން އަދި ހ. ޓައިމްލެސް މުހައްމަދު ނައީމްގެ ވަކީލު އަބްދުﷲ ނަސީރު މިއަދު ވިދާޅުވީ ހަވީރު މައްސަލައާ ގުޅިގެން ސަރުކާރާ އެކު އެއްވެސް މަޝްވަރާއެއް ނުކުރާ ކަމަށާއި ރޭ އުމަރު ދެއްކީ ސިޔާސީ ފާހަކަފުޅެއް ކަމަށެވެ. އަދި މާދަމާ މައްސަލާގެ އަޑުއެހުމެއް 10:00 ޖަހާއިރު ކޯޓުގައި އޮންނާނެ ކަމަށް ވަކީލު ވިދާޅުވި އެވެ. ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައާ މެދު ޝަރީއަތުން ވަކިގޮތެއް ނިމެންދެން ސިވިލްކޯޓުން އަމުރުކޮށްފައި ވަނީ، ހަވީރުނޫހުގެ ތިން ހިއްސާދާރުން ކަމުގައިވާ، ހ. މީރުބަހާރުއާގޭ އިބްރާހީމް ރަޝީދު މޫސާ އާއި ގ. ކޮއްކިރި އަބްދުﷲ ފާރޫގު ހަސަން އަދި ހ. ޓައިމްލެސް މުހައްމަދު ނައީމްގެ ބައިވެރިވުން ނެތްގޮތަކަށް ހަވީރު ނޫސް ނުހިންގުމަށެވެ. އެ އަމުރ ރައްދުވާ ފަރާތަކީ ހަވީރު ނޫހުގެ އަނެއް ހިއްސާދާރު ހ. ނީލްވިލާ ޑރ. މުހައްމަދު ޒާހިރު ހުސެއިންގެ މައްޗަށެެވެ. އުމަރު ރޭ ވިދާޅުވެފައި ވަނީ މިހާރު އެ މައްސަލައިގެ ތެރެއަށް ސަރުކާރުން ވަންނަން ޖެހިފައިވާ ކަމަށް ގަބޫލުކުރައްވާ ކަމަށާއި އެކަމާ ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާއި، އެޓާނީ ޖެނެރަލް މުހައްމަދު އަނިލްއާ ވެސް މަޝްވަރާކުރައްވާފައިވާ ކަމަށެވެ. "ސަރުކާރުން މިހާރު ނިންމާފައި ވަނީ މީގެ ތެރެއަށް ވަންނަން. ވަދެ އެ ނޫސް ނިކުންނާނެ," މިނިސްޓަރު އުމަރު ވިދާޅުވި އެވެ. އުމަރު ވިދާޅުވީ، ސިވިލްކޯޓުން މިހާރު ކޮށްފައި އޮތް ހުކުމާ ހިލާފުނުވާ ގޮތަށް, ހަވީރު ނޫސް އަލުން ނެރެވޭނޭ އިންތިޒާމް ހަމަޖައްސަން ސަރުކާރުން މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ. ހަވީރު ނޫސް އަލުން އޮޕަރޭޓްކުރަން ފެށުމަށް ސަރުކާން މަސައްކަތް ކޮށްދޭނޭ ކަމަށް ހޯމް މިނިސްޓަރު ރޭ ވިދާޅުވެފައިވާ އިރު ހަވީރު ނޫހުގެ ތިން ހިއްސާދާރުން ކަމުގައިވާ، އިބްރާހީމް ރަޝީދު މޫސާ އާއި އަބްދުﷲ ފާރޫގު ހަސަން އަދި މުހައްމަދު ނައީމްގެ ފަރާތުން ވަނީ، އެ ނޫސް ހުއްޓިފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް އަމުރެއް ނެރެދިނުމަށް ސިވިލް ކޯޓުގައި އެދިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ