ދިވެހިރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ވަރަށް ގޯސްވެ ރީނދޫ ސަމާލު ނެރެފިއެވެ.
މެޓް އޮފީހުން ރީނދޫ ސަމާލު ނެރުނީ ރާއްޖޭގެ އެންމެ އުތުރުން ފެށިގެން އދ. އަތޮޅާ ހަމައަށެވެ. މި ސަަރަހައްދަށް ގަޑިއަކު 25 މޭލާއި 35 މޭލާ ދެމެދަށް ވައިގަދަވުން އެކަށީގެންވެއެވެ. އަދި ވިލާގަނޑުގައި 40 މޭލަށް ވައިގަދަވެ، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކުރެވެއެވެ.
ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެއްޖެ ކަމަށް ދިވެހިރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ވަނީ މީގެ ކުރިން ބުނެފައެވެ. މެޓް އޮފީހުން ބުނީ، ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެފައިވާ ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި ކަނޑުތައް ވަރަށް ބޮޑަށް ގަދަވުމާ އެކު ބައެއް ރަށްތަކަށް އުދަ އަރާނެކަމަށް ބެލެވޭ ކަމަށެވެ.
މި ދިޔަ ހުކުރު ދުވަހުން ފެށިގެން ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ކުރިން ވެސް އޮތީ ބުނެފައެވެ. މި ގޮތުން 7 ދުވަހަށް މޫސުން ގޯސް ވާނެ ކަމަށް ބުނެފައި ވެއެވެ.
ސްކޫލް ޗުއްޓީއަށް ވުމާއެކު ދަތުރުތައް ގިނަވާނެތީ، އަންނަ ހަފުތާގައި މޫސުމަށް ސަމާލުވުމަށް އެ އިދާރާ އިން އިލްތިމާސްކުރެއެވެ. ކަނޑުދަތުރުކުރައްވާ ފަރާތްތަކުން ދަތުރު ފެށުމުގެ ކުރިން މޫސުމާ ބެހޭ ތަފުސީލިތައް ހޯދުމަށް އެ އިދާރާއިން އެދެއެވެ.
އޮޑިދޯނި ފަހަރުގެ ސަލާމަތީ ކަންކަން ފުރިހަމަ ނުކޮށް ދަތުރު ނުކުރުމަށް ސަލާމަތީ ބާރުތަކުން އިލްތިމާސްކުރެއެވެ.
މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯއްދެއްވުމަށް ގުޅުވައްވާނީ މެޓް އޮފީހުގެ ނަމްބަރު 3310806 ނުވަތަ 3323471 ނޫނީ 3340907 އަށެވެ.
ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވެ ރީނދޫ ސަމާލު ނެރެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ