ރައްޔިތުން މައިތިރި ކުރަން ލުބްނާނުގެ ސަރުކާރުން އާ އިގްތިސާދީ ޕްލޭނެއް

ބައިރޫތު (އޮކްޓޯބަރު 21) : ލުބްނާނުގެ ރައްޔިތުން އެގައުމުގެ ސަރުކާރާ ދެކޮޅަށް ކުރަމުން ގެންދާ މުޒާހަރާތަކަށް އިޖާބަ ދިނުމުގެ ގޮތުން އިގްތިސާދީ އައު ޕްލޭނެއް ކެބިނެޓަށް ހުށަހެޅުމަށް އެގައުމުގެ ސަރުކާރުން ތައްޔާރުވެއްޖެއެވެ. ބޮޑުވަޒީރު ސައްދުލްހަރީރީ އެކުލަވާލެއްވި މި ޕްލޭން ބިނާވެފައިވަނީ ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމަށާ އަދި ރައްޔިތުންގެ އަތުން ނަގާ ބައެއް ޓެކްސްތައް އުވާލައި އޭގެބަދަލުގައި ބޭންކްތަކާއި، އިންޝުއަރެންސް ކުންފުނިތަކުން ނަގާ ޓެކްސް ބޮޑުކޮށްގެން ސަރުކާރަށް ލިބޭ އާމްދަނީ ބޮޑުކުރުމުގެ މައްޗަށެވެ. އުވާލާ ޓެކްސްގެ ތެރޭގައި ވަޓްސްއަޕް ކޯލުތަކުން ނަގަން ނިންމި ޓެކްސް ހިމެނެއެވެ. ލުބްނާނުގައި މިދިޔަ ހަފްތާގައި މުޒާހަރާތައް ފެށުނީ ވަޓްސްއަޕް ކޯލުތަކުން ޓެކްސް ނަގާނެކަން ސަރުކާރުން އިއްލާން ކުރުމާގުޅިގެންނެވެ. ނަމަވެސް ފަހުން އެ މުޒާހަރާތައްވަނީ ސަރުކާރުން ވައްޓާލުމަށް ގޮވާލާ ވަރުގަދަ މުޒާހަރާތަކަކަށް ބަދަލުވެގެންގޮސްފައެވެ. މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ހުއްޓުމެއްނެތި ވެރިރަށް ބައިރޫތާއި އެނޫންވެސް ލުބްނާނުގެ ސިޓީތަކުގައި ކުރަމުން ގެންދާ މުޒާހަރާތައް ހުއްޓުވުމަށްޓަކައި ފުލުހުންވަނީ ބާރުގެ ބޭނުންވެސް ކޮށްފައެވެ. މުޒާހަރާތަކުގައި ލުބްނާނުގެ ހުރިހާ ދީންތަނެއްގެ މީހުންނާއި މަޛްހަބު ތަކުގެ މީހުން ބައިވެރިވާއިރު އެ ފަރާތްތަކުން ބުނަނީ ރައްޔިތުން ޓެކްސް ނަގާ މިންވަރު މަތިވެފައި ޓެކްސްތައް ގިނަވުމުގެ ސަބަބުން ރައްޔިތުން ފަގީރުވެ އަތްމަތި ދަތިވެފައިވާ ކަމުގައެވެ. އަދި ސަރުކާރުގެ އިސްވެރިން ދައުލަތުގެ އާމްދަނީއާއި ޓެކްސް ފައިސާއަށް ހަދާގޮތް ނޭންގޭކަމަށާ ސަރުކާރުގެ އިސްފަރާތްތަކުން ފުޅާދާއިރާއެއްގައި ކޮރަޕްޝަން ހިންގައި ދައުލަތް ބަނގުރޫޓް ކޮށްލާކަމުގެ ޝަކުވާވެސް މުޒާހަރާކުރާ ފަރާތްތަކުންވަނީ ކޮށްފައެވެ. ކޮރަޕްޝަނުގެ ސަބަބުން ލުބްނާނުގެ އިގްތިސާދު އިނދަޖެހި ދައުލަތް ބަނގުރޫޓްވެ ރައްޔިތުން ފަގީރު ވެފައިވާކަމަށް ބުނެ މުޒާހަރާ ކުރާ ފަރާތްތަކުން ގެންދަނީ ބޮޑުވަޒީރު ސަޢްދުލް އަލްޙަރީރީ އާއި ސަރުކާރުގެ ވަޒީރުންގެ އިސްތިއުފާއަށް ގޮވާލާފައެވެ. މުޒާހަރާތައް މެދުނުކެނޑި ކުރިއަށް ދާއިރު ހަރީރީގެ ސަރުކާރަށް ވަނީ ވަރުގަދަ ލޮޅުންތަކެއް އަރާފައެވެ. މިލޮޅުންތަކާއެކު ހަރީރީގެ ސަރުކާރުގައި ހިމެނޭ ލުބްނާނުގެ މެރޮނައިޓް ނަޞާރާއިންގެ ކަތާއިބު ޕާޓީގެ ޒައީމް ސަމީރު ޖަޢުޖަޢުވަނީ ހަރީރީގެ ސަރުކާރުގައި އޭނާގެ ޕާޓީގެ ތަމްޘީލް ކުރައްވާ ހަތަރު ވަޒީރުން އިސްތިއުފާދެއްވިކަން އިއުލާންކުރައްވާފައެވެ. ހަރީރީގެ އިގްތިސާދީ ޕްލޭންގައި ރައްޔިތުންގެ އަތުން ނަގާ ބައެއް ޓެކްސްތައް އުވާލައި ބޭންކުތަކާއި، އިންޝުއަރެންސް ކުންފުނިތަކުން ނަގާ ޓެކްސް ބޮޑުކުރަން ރާވަފައިވާއިރު ސަރުކާރުގެ ހިންގުމުގެ ޚަރަދުތައް ކުޑަކުރުމަށްޓަކައި ސަރުކާރުގައި ހިމެނޭ ސިޔާސީ ބައެއް ވަޒީފާތައް އުވާލުމާއި ގިނަ އަދަދެއްގެ ކޮމިޓީތަކެއް އުވާލުމާއި، އެނޫންވެސް އިދާރީ ޚަރަދުތައް ކުޑަކުރުން ހިމެނެއެވެ. މި ޕްލޭންގައި ހިމެނޭ ޚަރަދު ކުޑަކުރުމުގެ އެންމެ މުހިއްމު ކަމަކީ ލުބްނާނުގެ ރައީސާއި، ބޮޑުވަޒީރާއި، ވަޒީރުންނާއި އަދި ޕާލަމެންޓްގެ މިހާރުގެ މެންބަރުންނާއި ކުރީގެ މެންބަރުންގެ މުސާރައިން 50 އިންސައްތަ އުނިކުރުމެވެ. އަދި ލުބްނާނުގެ މަރުކަޒީ ބޭންކާއި، އެހެނިހެން ބޭންކުތަކުން ގާތްގަނޑަކަށް 3.3 ބިލިއަން އެމެރިކާ ޑޮލަރު ލުބްނާނުގެ އިގްތިސާދުގެ ތެރެއަށް އިންވެސްޓްމަންޓްތަކުގެ ގޮތުގައި ނެރުންވެސް މި ޕްލޭންގައި ހިމެނެއެވެ. މިޕްލޭން ފާސްކުރުމަށްޓަކައި ލުބްނާނުގެ ވަޒީރުންގެ މަޖިލީހުގެ ކުއްލި ޖަލްސާއެއްގައި މިއަދު ބޭއްވުމަށް ހަމަޖެހިފައިވާއިރު ވަޒީރުންގެ މަޖިލީހުން މި އިސްލާހުތައް ގަބޫލުނުކޮށްފިނަމަ ބޮޑުވަޒީރު ޙަރީރީއާއި އޭނާގެ މުޅި ސަރުކާރު އިސްތިއުފާ ދޭން މަޖްބޫރުވާ ހިސާބަށް ކަންތައް ދާނެކަމަށާ ލުބްނާނުގައި މިހާރު ކުރާ މުޒާހަރާތަކަކީ ރައްޔިތުންގެ އުތުރި އެރުމެއްކަމަށް މުރާސިލުން ގެންދަނީ ސިފަކުރަމުންނެވެ. (އަލްޖަޒީރާ + ނޫސްއެޖެންސީތައް)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ