ދީނަށް ފުރައްސާރަކޮށް މަލާމާތްކުރާނަމަ ފިޔަވަޅު އެޅޭނެ: އިމްރާން

އިސްލާމްދީނަށް ފުރައްސާރަކޮށް މަލާމާތް ކުރުމަކީ ރާއްޖޭގެ ގާނޫނީ ނިޒާމުގެ ތެރެއިން ތަހުގީގުކޮށް، ފިޔަވަޅު އެޅޭނެ މައްސަލައެއް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
އިސްލާމްދީނަށާއި ކީރިތި ރަސޫލާ (ޞ.ޢ.ވ) އަށް ފުރައްސާރަކޮށް މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓާ ގުޅިގެން އެ ޖަމިއްޔާ ސަސްޕެންޑް ކުރަން ޔޫތް މިނިސްޓްރީން ނިންމި ނިންމުމާ ގުޅިގެން އިމްރާން މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދީނަށް ފުރައްސާރަކޮށް މަލާމާތްކުރާ މައްސަލައިގައި އެފަދަ މީހުންނާމެދު މިސަރުކާރުން ފިޔަވަޅު އަޅާނެ ކަމަށެވެ.
އިމްރާން މިހެން ވިދާޅުވެފައިވާއިރު، އެމްޑީއެންގެ ރިޕޯޓާ ގުޅިގެން އާންމުންގެ ކަންބޮޑުވުން ބޮޑުވެފައި ވަނިކޮށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނެރުއްވި ބަޔާނެއްގައި ވަނީ، އެ ރިޕޯޓުގައި އިސްލާމްދީނުގެ އަސްލުތަކާ ފުށުއަރާ އަދި އިސްލާމްދީނަށާއި ކީރިތި ރަސޫލާއަށް ތައުހީނުވާ ފަދަ ބައެއް ވާހަކަތައް ހިމަނާފައިވުމަކީ، ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
އެހެންކަމުން އެމައްސަލަ ބަލައި، ދިވެހި މުޖުތަމައުގައި ގާއިމްވެފައި މިއޮތް ހަމަޖެހުމާއި ދީނީ އެއްބައިވަންތަ ކަމާއި އަމަން އަމާންކަން ދެމެހެއްޓުމަށްޓަކައި ގާނޫނީ ގޮތުން އަޅަންޖެހޭނެ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.
އެމްޑީއެން އިން ނެރުނު ރިޕޯޓުގެ މައްސަލާގައި އެ ޖަމިއްޔާ ސަސްޕެންޑް ކޮށްފައިވާއިރު، ފުލުހުން ވެސް ދަނީ އެމްޑީއެންގެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކޮށް، ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ