މިހާރު މި އޮތް ފުލުސް އޮފީހަށް ރިޟްވާންގެ މައްސަލާގައި އިތުރު ކުރިއެރުމެއް ނުހޯދޭނެ - ނަޝީދު

މިހާރު މި އޮތް ފުލުސް އޮފީހަށް މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާން އަބްދުﷲގެ މަރުގެ މައްސަލާގައި އިތުރު ކުރިއެރުމެއް ނުހޯދޭނެކަމަށް ކުރީގެ ރައީސް، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މިއަދުގެ ޖަލްސާގައި މަރު ކޮމިޝަނުން މަޖިލީހަށް ފޮނުވި ރިޟްވާންގެ މަރުގެ ރިޕޯޓާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ، މިހާރު މި އޮތް ފުލުސް އޮފީހުންވެސް އަދި މިހާރު މި އޮތް ކޯޓުތަކުންވެސް މިކަމުގައި އިތުރު ކުރިއެރުމެއް ނުހޯދޭނެކަމަށް މަރު ކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދު ދެކެވަޑައިގަންނަވާ ކަމަށެވެ.
"ކޮމިޝަންގެ ރައީސް ދެކެވަޑައިގަންނަވަނީއޭ ދެން އިތުރަށް ބާއްވައިގެނެއް ފުލުހުން މިކަމަށްކޮށްދޭނެ ތަހުގީގެއް ނެތޭ. އަދި ރިޕޯޓްގައި ވަރަށް ސާފްކޮށް އެބަ ބުނޭ ފުލުސް އޮފީހުގައި މި މައުލޫމާތު ތާ އަބަދަށް ފެށުނީއްސަުރެ ފަށައިގެން އޮތޭ، ލިބިފައޭ އޮތީ، ކުރީގެ ހޯމް މިނިސްޓަރުވެސް ވަރަށް ސާފްކޮށް ވިދާޅުވި، މި ހުރިހާ މައުލޫމާތެއް، އެބަހުއްޓޭ.... އެހެން ނަމަވެސް އެ ބޭފުޅުންގެ މައްޗަށް އަމަލުނުކުރެއްވީ". ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ، އެމަނިކުފާނަށް ފެންނަ ގޮތުގައި، ކޮމިޝަންގެ ރިޕޯޓް މިގޮތަށް ހުލާސާކޮށް ނަންތަކާއި އެކުގައި މިތަނުގައި ގެނެސް ކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދު އެ އެދިވަޑައިގަންނަވާ ސަބަބަކީ އެ ބޭފުޅާ ދެކެވަޑައިގަންނަވާ ގޮތުގައި، ދެން އިތުރަށް މިހާރު މި އޮތް ފުލުސް އޮފީހުންވެސް އަދި މިހާރު މި އޮތް ކޯޓުތަކުންވެސް މިކަމުގައި އިތުރު ކުރިއެރުމެއް ނުހޯދޭނެ ތީ ކަމަށެވެ.
"އަޅުގަނޑު އިއްޒަތްތެރި މެންބަރުންގެ ކިބައިން އެދެން މިކަމާއި ވިސްނަވާއިރު، ބަހުސްކުރައްވާއިރު، މައުލޫމާތު ހޯދަވާއިރުވެސް އަޅުގަނޑު މި ދެންނެވި ނުކުތާތަކަށް ވިސްނަވަން". ނަޝީދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ