ދެ އިރު ދެ ދަޅައަށް ގަރާރު ހުށެހެޅުމުން ވާނީ ބޭގަރާރު: މެމްބަރު ޝިޔާމް
ދިވެހިން މަސްވެރިކަން ކުރާ ސަރަހައްދު ތަކެއް ފާހަގަކޮށް އޮފްޝޯ ޕްލެޓް ފޯމެއް ގާއިމް ކުރުމާ ގުޅޭގޮތުން ހުށަހެޅިފައިވާ ގަރާރަކީ އަދުގެ ސަރުކާރުން ރައްޔިތުންނަށްޓަކައި އެއްވެސް މަސައްކަތެއް ކޮށްދެވިފައި ނުވާތީ އެކަން ފޫބެއްދުމަށްޓަކައި މަޖިލިހުގެ ތަޅުމަށް ހުށަހަޅައިގެން އުޅޭ ގަރާރެއް ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ގަރާރާ ގުޅޭގޮތުން ބަހުސް ކުރައްވަމުން މެމްބަރު ޝިޔާމް ވިދާޅުވީ މިފަދަ ގަރާރަކާ ގުޅޭގޮތުން ވާހަކަ ދެއްކުނަ ނުދިނުމަށްޓަކައި ސުޕަ މެޖޯރިޓީއެއް އޮތީތީ އެމްޑީޕީ މެމްބަރުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. މަސްވެރިންގެ ހުރި ކަންބޮޑުވުންތަކަށް އަލިއަޅުވާލައްވަމުން ޝިޔާމް ވިދާޅުވީ މަސްވެރިންނަށް ދިމާވެފައިވާ ދަތި އުނދަގޫ ކަންތައްތައް އެނގިލައްވާ ކަމަށެވެ. އަދި މަސްވެރިންނަށް ލިބެން ޖެހޭ ހަމަ އަގު ނުލިބިގެން އުޅޭ ސަބަބުވެސް އެނގޭ ކަމަށް ޝިޔާމް ވިދާޅުވިއެވެ. އަދި މީގެ ކުރިންވެސް އެކި ގަރާރުތަކަށް ބަހުސް ކުރެއްވި އިރުގައިވެސް ހަމަ އަގު ހޯދޭނެ ގޮތްތަކާއި ގުޅޭގޮތުން ސަރުކާރުން ހަގީގަތުގައިވެސް ބޭނުން ކަމުގައި ވަނީ ނަމަ އެ ކަމާ ގުޅޭގޮތުން ވަރަށް ސާފުކޮށް ވާހަކަ ދައްކާފައި ހުންނާނޭ ކަމަށް ޝިޔާމް ވިދާޅުވިއެވެ. ޝިޔާމް ވިދާޅުވީ އޮފްޝޯ ޕްލެޓުފޯމު ގާއިމު ކުރުމަށް 700 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ބައެއް މެމްބަރުން ވިދާޅުވާއިރު އޭގެ ބަދަލުގައި ފެލިވަރު ކާރުހާނާ ހަރުދަނާ ކުރުމަށް ހަރަދުކުރުން މާ ބުއްދިވެރި ކަމަށެވެ. އަދި ބައެއް މެމްބަރުން މި ޕްލެޓުފޯމު ސިފަ ކުރައްވަނީ ލަގްޒަރީ ރިސޯޓުގެ ގޮތުގައި ކަމަށްވީ ނަމަވެސް މިއީ މަސްވެެރިކަން ދިވެހިން ކުރަމުންދާ ވައްޓަފާޅި އާއި ކަލްޗާރ އާއި ހިލާފު ކަމެއް ކަމަށް ޝިޔާމު ވިދާޅުވި. އަދި މަސްވެރިން ނާސިގެ ހިންގާށާއި ސްޕާ ހިންގާކަށް ބޭނުން ނޫންކަމަށް ޝިޔާމު ވިދާޅުވިއެވެ. މަސްވެރިކަމާއި ގުޅޭ ގޮތުން އެމްޑީޕީގެ ފަރާތުން ހުށަހެޅި ގަރާރަށް ފާޑު ވިދާޅުވަމުން ޝިޔާމް ވިދާޅުވީ އެމްޑީޕީގެ ގަރާރަކީ އެއްވެސް ކަހަލަ ހަރުދަނާ ދިރާސާއެއްގެ މައްޗަށް ބިނާނުކޮށް އެކުލަވާލާފައިވާ ހިޔާލީ އެއްޗެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ