ރައްޔިތުން އެދިގެން ފ.ނިލަންދޫ އިންޖީނުގެއާ ފެނަކައިން ހަވާލުވެއްޖެ

ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫގެ ރައްޔިތުން އެދިގެން އެރަށުގެ ނަރުދަމާޔާއި ކަރަންޓުގެ ޚިދުމަތާ ފެނަކައިން މިއަދު ހަވާލުވެއްޖެއެވެ.
ރައްޔިތުން މިކަމަށް އެދުނީ ލޯޑުބޮޑުވެގެން އިންޖީނުގެ ނުހިންގިގެން ދެން އަމަލުކުރާންވީގޮތަކާމެދު ރައްޔިތުންގެ މެދުގައި ނެގި ފެންނަ ނުފެންނަ ވޯޓަކުންނެވެ.
ނިލަންދޫ ރައްޔިތުންނަށް މިހާތަނަށް ކަރަންޓުގެ ޚިދުމަތް ދެމުން އައީ ރަށު ކައުންސިލްގެ ބެލެނިވެރިކަމުގެ ދަށުގައިވާ އިންޖީނުގެއަކުންނެވެ. އެތަނާ ހަވާލުވުމަށް މީގެ ކުރިން ފެނަކައިން މަސައްކަތްކުރިފަހަރު ރަށު ކައުންސިލުން ވަނީ އެކަމާ ދެކޮޅުހަދައިފައެވެ. ނިލަންދެއަތޮޅު އުތުރުބުރީގެ ރަށްރަށުގެ ތެރެއިން ފެނަކައިން ކަރަންޓުގެ ޚިދުމަތާ ހަވާލުނުވެ މިހާތަނަށް އޮތް ހަމައެކަނި ރަށަކީވެސް ނިލަންދޫއެވެ.
ރައްޔިތުންގެ ވޯޓަކުން މި ޚިދުމަތް ފެނަކަޔާ ހަވާލުކުރަން ނިންމުމުން މިކަމާބެހޭ އެއްބަސްވުމުގައި ރަށު ކައުންސިލާއި ފެނަކައިން ވަނީ ސޮއިކޮށްފައެވެ. ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑައިރެކްޓަރ އަހުމަދު ސައީދެވެ. ރަށު ކައުންސިލްގެ ފަރާތުން ކައުންސިލްގެ ރައީސް މުހައްމަދު ޖަލީލެވެ.
އެއްބަސްވުމުގައި ސޮއިކުރުމާއެކު ލޯޑުބޮޑުވުމުގެ މައްސަލައަށް ހައްލެއް ގެނައުމުގެ ގޮތުން ފެނަކައިން މިއަދުވަނީ ނިލަންދޫއަށް 1 މެގަވޯޓުގެ ޖެނެރޭޓަރެއް ގެންގޮސްފަައެވެ.
ނިލަންދޫއަށް ފެނަކައިން ކަރަންޓުގެ ޚިދުމަތްފޯރުކޮށްދޭން ފެށުމުން މުޅިރާއްޖޭގައި ފެނަކައިން މި ޚިދުމަތްތައް ފޯރުކޮށްދޭ ރަށްރަށުގެ އަދަދު ސަތޭކަ ފަންސާސް ތިނަކަށް ވަނީ އިތުރުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ