މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ އިނާމަށް ނަން ހުށަހެޅުމުގެ ފުރްޞަތު ހުޅުވާލަނީ

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް، ނަން ހުށަހެޅުމުގެ ފުރްޞަތު މާދަމާ ހުޅުއްވައިލައްވައި، އެކަމާބެހޭ ލިޔުން، ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކުރެއްވުމަށް ޚާއްޞަ އިނާމާބެހޭ ކޮމިޓީއިން ނިންމަވައިފިއެވެ.
ރައީސް އޮފީހުން ބުނީ މިއިނާމާބެހޭ އިތުރު ތަފްޞީލު މަޢުލޫމާތު، ޚާއްޞަ އިނާމާބެހޭ ކޮމިޓީން ރާއްޖޭގެ ޚަބަރުފަތުރާ ވަސީލަތްތަކަށް ދެއްވާނީ، މިކަމަށްޓަކައި މާދަމާ މެންދުރުކުރި 11 ޖަހާއިރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބާއްވަވާ ޕްރެސް ކޮންފަރެންސެއްގައި ކަމަށެވެ.
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު ދެއްވުމުގައި ބެއްލެވުމަށް ކަނޑައެޅުއްވި އުޞޫލުތަކާއި، އިނާމާބެހޭ އިތުރު މަޢުލޫމާތު، އެ ކޮމިޓީން ވަނީ ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާ ޙިއްޞާ ކުރައްވާފައެވެ.
އަދި ވަޒީރުންގެ މަޖިލީހުގެ މެންބަރުން ހުށަހެޅުއްވި ހުށަހެޅުއްވުންތަކުގެ މައްޗަށް ރިޢާޔަތް ކުރައްވައި، ކޮމިޓީން ގެންނެވި ބަދަލުތަކާއެކު، މި އިނާމާބެހޭ ލިޔުން، މި މަހުގެ 7 ވަނަ ދުވަހު ވަޒީރުންގެ މަޖިލީހުން ވަނީ ފާސްކުރައްވާފައެވެ.
ރާއްޖެއަށް ރީތި ނަން ހޯދައިދޭ ފަރާތްތަކަށް ސަރުކާރުން ކުރިން ދެއްވަމުން ގެންދެވި އިނާމު، ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމުގެ ގޮތުގައި މިއަހަރުން ފެށިގެން ގަވާއިދުން ދެއްވަމުން ގެންދެވުމަށާއި، ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލައްވާ ފަންނީ ކޮމިޓީއަކުން މި އިނާމުގެ ކަންތައްތައް ގެންދެވުމަށް ވަޒީރުންގެ މަޖިލީހުން ނިންމެވީ، މިއަހަރުގެ އޭޕްރިލް މަހުގެ 24 ވަނަ ދުވަހުއެވެ.
ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ މާފަންނު މެރީލިއާ ޑޮކްޓަރ ޙަސަން ޙަމީދާއި، ހެންވޭރު ސަންދަރޯސްގޭ ޑޮކްޓަރ ޢަބްދުލްމުޙްސިން މުޙަންމަދާއި، މާފަންނު ބްލޫ ސްޓޯން ޑޮކްޓަރ އަޙްމަދު އަންވަރާއި، މާފަންނު ދާޝިން ޑޮކްޓަރ އިބްރާހީމް ޒަކަރިއްޔާ މޫސާ އާއި، ހެންވޭރު ކަނޑޫމާގޭ އާމިނަތު ރީނާއެވެ. އަދި މި ކޮމިޓީގައި ޤައުމީ އިނާމާބެހޭ ކޮމިޓީގެ ފަރާތުން އެ ކޮމިޓީގެ މެންބަރު ހެންވޭރު މާދޫގޭ ޙުސައިން ޢާމިރު ހިމެނިވަޑައިގަންނަވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ