ވޯލްޑްކަޕް ވޯލްޑްކަޕް ނޭމާއާއެކު ބްރެޒިލް ގައުމަށް، ހާލަންޑްގެ ދެ ގޯލާއެކު ނޯވޭ ތާރީހުގެ ތެރެއަށް

ވޯލްޑް ކަޕް 2026 ގައި ފަސް ފަހަރުގެ ޗެމްޕިއަން ބްރެޒިލް ކަޓުވާލުމަށްފަހު ނޯވޭއިން ފުރަތަމަ ފަހަރަށް ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ.
އެމެރިކާގެ ނިއު ޔޯކް ނިއު ޖާޒީ ސްޓޭޑިއަމްގައި މިރޭ ކުޅުނު ގަދަ 16 ގެ މެޗުގައި ނޯވޭ އިން ބްރެޒިލް ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ.
މި މެޗަށް ނުކުތް އިރު، ތާރީހުގައި ކުޅުނު ހަތަރު މެޗުގެ ތެރެއިން އެއްވެސް މެޗަކުން ނޯވޭ އަތުން ބްރެޒިލަށް މޮޅެއް ހޯދިފައެއް ނުވެއެވެ. މެޗެއް ކުޅުނު ޓީމުތަކުގެ ތެރެއިން ބްރެޒިލަށް މޮޅެއް ހޯދިފައިނުވާ ހަމައެކަނި ޓީމަކަށް ވެސް ވެފައިވަނީ ނޯވޭއެވެ.
މެޗުގެ ފުރަތަމަ ހާފުގެ ކުރީކޮޅުގައި ނޯވޭއިން ކުރިއަށް ޖެހި ވަނީ ރަނގަޅު ކުޅުމެއް ދައްކައިފައެވެ. ނަމަވެސް ހުސް ފުރުސަތުތައް ތަނަވަސްކުރެވިފައެއް ނުވެއެވެ. ބްރެޒިލަށް މެޗުގެ ކުރީކޮޅުގައި ރަނގަޅު ކުޅުމެއް ދެއްކިފައެއް ނުވެއެވެ.
ބްރެޒިލަށް މެޗުގެ ފުރަތަމަ 15 މިނެޓުގެ ތެރޭގައި ލިބުނު އެންމެ ރަނގަޅު ފުރުސަތަކީ އެޓީމަށް ލިބުނު ޕަނަލްޓީއެވެ. ޕެނަލްޓީ އޭރިއާ ތެރެއިން މެތިއަސް ކުންޏާއަށް ކްރިސްޓޮފާ އަޔާ ކުރި ފައުލަކާ ގުޅިގެން ބްރޫނޯ ގިމަރޭސް ފޮނުވާލި ޕެނަލްޓީ އޯޔަން ނީލަންޑް ވަނީ މަތަކޮށްފައެވެ.
ފުރަތަމަ ހާފުގެ ފަހުކޮޅު ދެ ޓީމަށް ވެސް ހުސް ފުރުސަތެއް ލިބިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ބްރެޒިލްގެ ވިނީޝިއަސް ޖޫނިއާ ފޮނުވާލި ހަމަލާ، ނޯވޭގެ ކީޕަރު ނީލަންޑް މަތަކުރި އިރު، ޕެނަލްޓީ އޭރިއާ ތެރެއިން މާޓިން އޮޑެގާޑް ފޮނުވާލި ހަމަލާ، ބްރެޒިލްގެ ކީޕަރު އެލިސަން ބެކާ ވަނީ މަތަކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެއްވަރުވެގެންނެވެ.
ދެވަނަ ހާފުގެ ފުރަތަމަ 15 މިނެޓުގެ ތެރޭގައި ބްރެޒިލަށް ހުސް ފުރުސަތެއް ލިބިގެންދިޔައެވެ. ވިނީޝިއަސް ދިން ރީތި ބޯޅައެއް ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހުމ ބަދަލު ކުޅުންތެރިޔާ އެންޑްރިކް ހުސްކޮށް ހުރެ ފޮނުވާލި ހަމަލާ، ނޯވޭގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.
އޭގެ ފަހުން ބްރެޒިލަށް ކައިކައިރީގައި ދެ ފުރުސަތެއް ލިބިގެންދިޔަ ނަމަވެސް، ދެ ހަމަލާ ވެސް ނޯވޭ ކީޕަރު ނީލަންޑް ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ. އެއީ ޕެނަލްޓީ އޭރިއާ ބޭރުން ރަޔަން ފޮނުވާލި ހަމަލާއަކާއި ޕެނަލްޓީ އޭރިއާ ތެރެއިން ބްރޫނޯ ގިމަރޭސް ފޮނުވާލި ހަމަލާއެކެވެ.
މެޗު ނިމެން ދިހަ މިނެޓަށް ވެފައި ވަނިކޮށް، ނޯވޭ އިން ވަނީ ގޯލު ޖަހައި ބްރެޒިލް ޕްރެޝަރަށް ވައްޓާލައިފައެވެ. އަންދްރޭސް ޝޯލްޑެރަޕް ނަގައިދިން ބޯޅަ، ބްރެޒިލްގެ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ނޯވޭއަށް އެ ގޯލު ކާމިޔާބުކޮށްދިނީ އާލިން ހާލަންޑެވެ. މިއީ މި ވޯލްޑް ކަޕްގައި ހާލަންޑްގެ ހަވަނަ ގޯލެވެ.
މެޗުގެ އެންމެ ފަހު މިނެޓުގައި ބްރެޒިލްގެ އުންމީދުތަކަށް ނިމުމެއް އައީ ހާލަންޑް ޖެހި އިތުރު ގޯލަކާއެކުއެވެ. ޕެނަލްޓީ އޭރިއާ ބޭރުން އޭނާ ބޯޅަ އަމާޒުކޮށްލާފައިވަނީ ބްރެޒިލް ގޯލުގެ ތިރީ ކަނަކަށެވެ. މި ގޯލާއެކު މި ވޯލްޑް ކަޕްގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިންގެ ލިސްޓުގެ ކުރިއަށް އޭނާ ވަނީ ޖެހިލައިފައެވެ. އާޖެންޓީނާ ކެޕްޓަން ލިއޮނެލް މެސީ އާއި ފްރާންސް ކެޕްޓަން ކިލިއަން އެމްބާޕޭ ވެސް ވަނީ ހަތް ގޯލު ޖަހައިފައެވެ.
ބްރެޒިލުގެ ގޯލު ފެނިގެންދިޔައީ ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި ލިބުނު ޕެނަލްޓީއަކުންނެވެ. އެ ޕެނަލްޓީ ކާމިޔާބުކޮށްދިނީ ބްރެޒިލް ތަރި ނޭމާއެވެ. ބްރެޒިލަށް ޕެނަލްޓީ ލިބުނީ ޕެނަލްޓީ އޭރިއާ ތެރެއިން ކަސެމީރޯއަށް އޮސްޓިގާޑް ކުރި ފައުލަކާ ގުޅިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ