ހާލަންޑްގެ ދެ ގޯލުން ބްރެޒިލް ކަޓުވާލުމަށްފަހު, ނޯވޭ ފީފާ ވަރލްޑްކަޕްގެ ކްއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ. ނޯވޭ ތާރީޚީ ކްއާޓާ ފައިނަލަށް ދަތުރުކުރީ 2-1 ން މުބާރާތުގެ އެންމެ ކާމިޔާބު ބްރެޒިލް ބަލިކުރުމަށްފަހުއެވެ. މެޗުގެ ދެވަނަ ހާފްގައި ދެ ގޯލްވެސް ޖެހީ މެންޗެސްޓަރ ސިޓީގެ ފޯވާޑް ހާލަންޑެވެ. 79 ވަނަ މިނިޓްގައި ފުރަތަމަ ގޯލް ޖެހީ އޭރިޔާ ތެރެއަށް ނެގި ހުރަސް ގެބްރިއަލް ކައިރިން ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. ދެވަނަ ގޯލް ޖެހީ އޭރިޔާ ބޭރުން, 20 ޔާޑުން ބޯޅަ ކޮންޓްރޯލް ކޮށްލުމަށްފަހު ތިރިތިރިން ގޯލްގެ ދުރުކަނަށް ފޮނުވާލައިގެން މެޗުގެ ފުރިހަމަ ވަގުތުން ފަހު މިނިޓްގައެވެ. މިއީ ހާލަންޑް މުބާރާތުގައި ޖެހި 7 ވަނަ ގޯލެވެ. މިއަދަދަށް މެސީ އާއި އެމްބާޕޭ ވެސް ވަނީ ލަނޑު ޖަހާފައެވެ.
މެޗުން ބްރެޒިލް ބަލިވީ ފުރަތަމަ ހާފްގައި ޕެނަލްޓީއެއް ލިބި ނާކާމިޔާބުވުމަށްފަހު އެވެ. އަދި ދެވަނަ ހާފްގައި ކުޅެން ނިކުއިން އެންޑްރިކްއަށް މުޅިން ހުސްކޮށްލާފަ ވިނީޝިއުސް ދިން ބޯޅަވެސް އޭނާ އަތުން ބޭކާރުވިއެވެ. މެޗުގައި ދެޓީމްގެ ކީޕަރުންވެސް ރަނގަޅު ސޭވްތަކެއް ކުރިއެވެ. ފުރަތަމަ ހާފްގައި ވިނީޝިއުސް ފޮނުވާލި ބާރު ބޯޅައަކާއި, ދެވަނަ ހާފްގައި ރަޔަން ފޮނުވާލި ބާރު ބޯޅައެއްވެސް ނޯވޭ ކީޕަރު މަތަކުރިއެވެ. އަދި ކަސެމީރޯ އަށް ލިބުނު ހުސް ފުރުޞަތެއްވެސް އަރިމަތިން ފޮނުވާލީ ބޭރަށެވެ.
މެޗުގައި އޮޑެގާޑް ފޮނުވާލި ބާރު ދެ ބޯޅައެއް ބްރެޒިލް ކީޕަރު އެލިސަން ބެކާ މަތަކުރިއެވެ. ދެވަނަ ހާފްގެ ކުރީކޮޅު ކޯޗު އެންޗެލޮޓީ ވަނީ ނޭމާ ވެސް ކުޅެން ނެރެފައެވެ. ނަމަވެސް އިތުރު ވަގުތުގައި ޕެނަލްޓީ ކާމިޔާބުކުރުން ފިޔަވާ ތަފާތެއް ނުފެނުނެވެ. ޕެނަލްޓީ ދިނީ ކަސެމީރޯއަށް އޭރިޔާ ތެރެއިން ލެއޯ އޮސްޓިގާޑް ކުރި ފައުލަކަށެވެ. ފުރަތަމަ ހާފްގައި ކޫންޏާއަށް އޭރިޔާތެރެއިން ކުރި ފައުލަށް ދިން ޕެނަލްޓީ ބުރޫނޯ ގިމަރޭސް ފޮނުވާލުމުން ކީޕަރު މަތަކުރިއެވެ. ގިމަރޭސް ފޮނުވާލީ އާދައިގެ ޕެނަލްޓީއެކެވެ.
މިއީ ނޯނޭ މުބާރާތުގެ ކްއާޓާ ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ. އަދި ބްރެޒިލް 1994 ވަނަ އަހަރުގެ ފަހުން ކްއާޓާ ފައިނަލަށް ނުގޮސް ކެޓި ފުރަތަމަ ފަހަރެވެ. މިނާކާމިޔާބީއާ ކުރިމަތި މިވީ ކާމިޔާބު ކޯޗު ކޯޗު އެންޗެލޮޓީގެ އިރުޝާދުގެ ދަށުންނެވެ. ބްރެޒިލް އަކީ މުބާރާތް ފަސް ފަހަރު ކާމިޔާބުކޮށްފައިވާ މުބާރާތުގެ އެންމެ ކާމިޔާބު ޓީމެވެ.
ބްރެޒިލް ކަޓުވާލުމަށްފަހު، ހާލަންޑް ނޯވޭ ގޮވައިގެން ކްއާޓާ ފައިނަލަށް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ