ނިއު ޔޯކް، ޔުނައިޓެޑް ސްޓޭޓްސް (ޖުލައި 6) - މެޗުގެ ފަހު 10 މިނިޓް ތެރޭ އާލިން ބްރައުޓް ހާލަންޑް ޖެހި ދެ ގޯލުން 2-1 އިން ބްރެޒިލް ބަލިކޮށް، އެ ޓީމު ކަޓުވާލުމަށް ފަހު، ނޯވޭ އިން ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.
މިއީ، 1998 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ފަހުން، ބްރެޒިލާއި ނޯވޭ އިން ވޯލްޑް ކަޕްގައި ބައްދަލުކުރާ ފުރަތަމަ ފަހަރެވެ. މިއީ، އެ އަހަރުގެ ފަހުން، ނޯވޭ އިން ވޯލްޑް ކަޕްގައި ކުޅުނު ފުރަތަމަ ފަަހަރު ވެސް މެ އެވެ. ނޯވޭ އަކީ ބައިނަލްއަގުވާމީ ފުޓްބޯޅައިގައި ބްރެޒިލަށް ބަލިނުކުރެވި އޮތް ހަމައެކަނި ގައުމެވެ. ފަސް ފަަހަރު ކުޅެގެން ވެސް ނޯވޭ އަތުން ބްރެޒިލަށް މޮޅެއް ނުލިބެ އެވެ.
ނޯވޭ އިން ވަނީ މެޗުގައި ލީޑުނަގަން ލަނޑެއް ޖަހައިފަ އެވެ. އެކަމަކު، ބްރެޒިލްގެ އޭރިއާތެރެއިން، ނޯވޭގެ ޕެޓްރިކް ބާގް ޖެހި ގޯލު ބަލައިނުގަންނަން ނިންމީ އެ އެޓޭކް ފެށިއިރު، އޮފްސައިޑެއްވެފައިވާތީ އެވެ.
އޭގެ އިރުކޮޅެއް ފަހުން، ލީޑުނަގަން ބްރެޒިލަށް ރަނުގެ ފުރުސަތެއް ލިބުނެވެ. ބްރެޒިލްގެ ފޯވާޑް، މަޓެއުސް ކޫންޏާ އަށް ނޯވޭގެ އޭރިއާތެރެއިން އެ ޓީމުގެ ޑިފެންޑަރު، ކްރިސްޓޮފާ އާޔާ ކުރި ފައުލަކަށް ޕެނަލްޓީއެއް ދިނެވެ. ބްރެޒިލަށް 14 ވަނަ މިނިޓްގައި ލިބުނު މި ޕެނަލްޓީން ބްރޫނޯ ގިމާރޭސް ފޮނުވާލި ބޯޅަ ނޯވޭގެ ކީޕަރު، އޮރްޖާން ނީލަންޑް ވަނީ މަތަކޮށްފަ އެވެ.
ނޯވޭ އަށް ލީޑުނަގައިދޭން އެ ޓީމުގެ ކެޕްޓަން، މާޓިން އޮޑެގާޑް، ބްރެޒިލްގެ އޭރިއާތެރެއިން ދެ ހަމަލާއެއް ފޮނުވާލި އެވެ. އެއް ހަމަލާ އަރިމަތީ ދާގަނޑަށް އަމާޒުވިއިރު، އަނެއް ބޯޅަ ބްރެޒިލްގެ ކީޕަރު، އެލިސަން ބެކާ ވަނީ މަތަކޮށްފަ އެވެ.
ބްރެޒިލްގެ ވިނީޝިއުސް ޖޫނިއާ، ނޯވޭގެ ދެ ކުޅުންތެރިން ކައިރިން ނައްޓާފައި ގޯލުގެ ކައިރި ކަނަށް ފޮނުވާލަން ޖެހި ބޯޅަ ކީޕަރު ނީލަންޑް ވަނީ ހުއްޓުވައިފަ އެވެ. އަދި، ދެ ވަނަ ހާފުގައި ކޫންޏާގެ ބަދަލުގައި، ކުޅެން އެރިތާ 52 ސިކުންތުގެ ތެރޭގައި، ބްރެޒިލްގެ ޒުވާން ފޯވާޑް، އެންޑްރިކަށް ރަނުގެ ފުރުސަތެއް ލިބުނެވެ. އެ ގޮތުން، ވިނީޝިއުސް ދިން ބޯޅައަކަށް އަރައި، އެންޑްރިކް ޖެހި ޝޮޓް ދިޔައީ އަރިމަތިން ބޭރުންނެވެ.
މެޗުގެ 74 ވަނަ މިނިޓްގައި ކައުންޓަ އެޓޭކުގައި ނޯވޭގެ އަންދްރެއަސް ޝެލްޑްރަޕަށް ލިބުނު ފުރުސަތުގައި ބްރެޒިލްގެ އޭރިއާތެރެއިން ފޮނުވާލި ބޯޅަ ކީޕަރު އެލިސަން ވަނީ ހުއްޓުވައިފަ އެވެ. އޭގެ ހަ މިނިޓް ފަހުން، މެޗުގެ 80 ވަނަ މިނިޓްގައި ހާލަންޑް ވަނީ ޝެލްޑްރަޕް ނެގި ހުރަހަކުން ބޮލުން ގޯޯލަށް ފޮނުވާލައި، ނޯވޭ އަށް ކުރި ހޯދައިދީފަ އެވެ.
މި ފަހަރުގެ ވޯލްޑް ކަޕްގައި ބްރެޒިލުން ވަނީ ފަަހަތުން އަރައި ގްރޫޕް ސްޓޭޖުަގައި މޮރޮކޯ ބަލިކޮށް ގަދަ 32 ޓީމުގެ ބުރުގައި ޖަޕާން ބަލިކޮށްފަ އެވެ. ނޯވޭ ކައިރިން ނަތީޖާ އަނބުރާލެވޭތޯ ކުރި މަސައްކަތުގެ ތެެރެއިން، އޭރިއާތެރެއިން ބްރެޒިލްގެ ކަަސެމީރޯ އަށް ރަނގަޅަށް ބޯޅަ ފޮނުވާނުލެވުނެވެ.
މެޗުގެ އިތުރު ވަގުތުގެ ފުރަތަމަ މިނިޓް ތެރޭ، ހާލަންޑް ވަނީ އޭރިއާބޭރުން ގޯލުގެ ތިރީ ކަނަށް ބޯޅަ ވައްދާލައި ނޯވޭ އަށް މެޗު ޔަގީންކޮށްދީފަ އެވެ. މިއީ، މި ވޯލްޑް ކަޕްގައި ހާލަންޑް ޖެހި ހަތް ވަނަ ލަނޑެވެ. އެއާ އެކު، ލަނޑު ލިސްޓުގެ ކުރީގައި އާޖެންޓީނާގެ ލިއޮނަލް މެސީ އާއި ފްރާންސްގެ ކީލިއަން އެމްބާޕޭ ވަނީ އެއްވަރުވެފަ އެވެ.
އިތުރު ވަގުތުގެ އަށް ވަނަ މިނިޓް ތެރޭ ބްރެޒިލްގެ ކަސެމީރޯ އަށް ނޯވޭގެ އޮސްޓިގާޑް ކުރި ފައުލަކަށް ޕެނަލްޓީއެއް ދިނެވެ. ނޭމާ ވަނީ އެ ޕެނަލްޓީ ކާމިޔާބުކޮށްފަ އެވެ. އެކަމަކު، އެ ލަނޑު ޖަހާފައި، ނަތީޖާ ހަމަހަމަކުރަން މާ ގިނަ ވަގުތެއް ނުލިބި މެޗު ނިމުނީ ބްރެޒިލް ކަޓައިގެންނެވެ.
ހާލަންޑް ތަފާތު ދައްކައި ބްރެޒިލް ކަޓުވާލައިފި، ނޯވޭ ވޯލްޑް ކަޕްގެ ކުއާޓާ އަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ