ނަދީމުގެ ކުށަކީ އަޅުގަނޑާއި ކައިވެނިކޮށްގެން އުޅުން: ޔުމުނާ މައުމޫން

ރައީސް އަލްއުސްތާޒު މައުމޫން އަބުދުލްގައްޔޫމުގެ ދަނބިދަރިކަލުން މުހައްމަދު ނަދީމުގެ ކުށަކީ ޔުމްނާ މައުމޫނާއި ކައިވެނިކޮށްގެން އުޅުންކަމަށް އެކަމަނާ ވިދާޅުވެއްޖެއެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމަށްފަހު އެންމެ ފުރަތަމަ ފުލުހުން ހައްޔަރުކޮށްފައިވަނީ ރައީސް މައުމޫނާއި، މުހައްމަދު ނަދީމެވެ.
ފިރިކަލުންނާއި މިއަދު ބައްދަލުކުރެއްވުމަށްފަހު ކުރައްވާފައިވާ ޓްވީޓެއްގައި ޔުމްނާ ވިދާޅުވެފައިވަނީ ޖަލުން މިނިވަންވެވަޑައިގެން ވަރަށް އަވަހަށް ފިރިކަލުން ގެއަށް ވަޑައިގަންނަވާނެކަމަށް އުންމީދުކުރައްވާކަމަށެވެ.
އަދި މިއަދު ނަދީމު ޖަލުގައި ބަންދުކޮށްގެން ގެންގުޅެމުންދާއިރު، ނަދީމުގެ ހަމައެކަނި ކުށަކީ އެކަމަނާއާއި ކައިވެނިކުރައްވައިގެން އުޅުއްވުންކަމަށް ޔުމްނާ ވިދާޅުވިއެވެ.
ޔުމްނާގެ މި ޓްވީޓާއި ގުޅިގެން ގިނަ ބަޔަކު ވަނީ އެކަމަނާއަށް ހިތްވަރު ދެއްވާފައެވެ. އެގޮތުން ނަދީމު ވަރަށް އަވަހަށް މިނިވަންވާނެކަމަށް އުންމީދުކުރާކަމަށް އެމީހުންވެސް ބުނެފައިވެއެވެ. އަދި ކުރިއަށްދިއުމަށް ޔުމްނާއަށް ގިނަ ބަޔަކު ވަނީ ހިތްވަރު ދީފައެވެ.
ރައީސް ޔާމީން ވެެރިކަމަށް ގެނައުމަށް ބުރަ މަސައްކަތްތަކެއް ރައީސް މައުމޫނާއި މައުމޫންގެ ބޭފުޅުން ކުރައްވާފައިވާއިރު، ސަރުކާރުން ގާނޫން އަސާސީއާއި ގާނޫންތަކާއި ޚިލާފަށް ކަންކަން ކުރައްވަން ފެއްޓެވުމުން ރައީސް މައުމޫނާއި، ފާރިސް މައުމޫން އަދި ޔުމްނާ މައުމޫން ވަނީ އިސްލާހީ މަސައްކަތް ފައްޓަވާފައެވެ.
އެއާއިއެކު ގިނަ ތުހުމަތުތަކެއްކޮށް އެތަށް ފަހަރެއްގެ މަތިން ފާރިސް މައުމޫން ވަނީ ޖަލުގައި ބަންދުކޮށްފައެވެ. ފާރިސް މައުމޫން މިވަގުތުވެސް ހުންނެވީ ޖަލުގައެވެ. އަދި ރައީސް މައުމޫނާއި، ޔުމްނާގެ ފިރިކަލުން މުހައްމަދު ނަދީމުގެ މައްޗަށްވެސް ގިނަ ތުހުމަތުތަކެއްކޮށް މިވަގުތު ޖަލުގައި ބަންދުކޮށްފައިވާތާ މަސްދުވަހަށްވުރެ ވަނީ ގިނަވެފައެވެ.
ނަދީމާއި، ރައީސް މައުމޫންގެ މައްޗަށް ފުލުހުން ކުރަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދެއްވައިގެން ގާނޫނީ ސަރުކާރު ގާނޫނާ ހިލާފަށް ވައްޓާލަން ރޭވި ކަމުގެ ތުހުމަތެވެ. އެ ތުހުމަތުތައް އެ ދެބޭފުޅުންވެސް ވަނީ ދޮގުކުރައްވާފައެވެ.
ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވުމަށްފަހު ޔުމްނާ އަދި ނަދީމުވެސް ސަރުކާރާއި ފެއަށްޖެހިވަޑައިގަތުމަށްފަހު އިސްލާހީ މަސައްކަތުގެ އިސްސަފުގައި ވަޑައިގަތީ ހަރަކާތްތެރިވަމުންނެވެ. ޚާއްސަކޮށް ޔުމްނާގެ މަސައްކަތް ގިނަ ބަޔަކު ފާހަގަކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ