މިއަހަރުގެ ރަމަޟާންމަހު ރެޑްވޭވްގެ ފިހާރަތަކުން ވިޔަފާރިކުރާ ފަރާތްތަކަށް، އެއްލައްކަ ރުފިޔާގެ ނަގުދު ފައިސާ ލިބޭ ބޮޑު ޕްރޮމޯޝަނެއް ފެށުމަށް، ރެޑްވޭވް ޕްރައިވެޓް ލިމިޓެޑުން ނިންމައިފި އެވެ.
އޭދަފުށީ ދާއިރާގެ މެންބަރު އަދި ރެޑްވޭވް ކޮމްޕެނީގެ ވެރިޔާ އަހުމަދު ސަލީމްވެސް ބައިވެރިވި ނޫސްވެރިންގެ ބައްދަލުވުމުގައި ރޯދަ ޕްރޮމޯޝަނާއި ގުޅޭގޮތުން ރެޑްވޭވްގެ އެއް ހިއްސާދާރު އަދި ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ސުޖާއު ވިދާޅުވީ، ރަމަޟާން މަހު އާއްމުކޮށް ކާބޯތަކެތީގެ އަގު އުފުލިގެންދާއިރު، ރައްޔިތުންނަށް އަތްފޯރާ އަގެއްގައި ތަކެތި ވިއްކުމަށް ރެޑްވޭވުން އަބަދުވެސް މަސައްކަތްކުރަމުންދާ ކަމަށެވެ.
ެއެގޮތުން މިއަހަރުވެސް އެކަމަށް އިސްކަންދީގެން މަސައްކަތް ކުރާނެ ކަމަށާއި، ޚާއްސަކޮށް އަންނަ ރޯދަމަހު ޚާއްސަ ޕްރޮމޯޝަނެއްވެސް ކުރިއަށްގެންދަން ނިންމާފައިވާ ކަމަށެވެ. ޝުޖާއު ވިދާޅުވީ، ރޯދަމަހު ރެޑްވޭވްގެ ފިހާރަތަކުން 300ރ. އިން މަތީގެ ވިޔަފާރިކުރާ ފަރާތްތަކަށް ކޫޕަނެއް ދޫނުކުރާނެ ކަމަށެވެ. އަދި މި ޕްރޮމޯޝަންގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައި ގުރުއަތުން އެއްވަނައަށް ހޮވޭ ފަރާތްތަކަށް އެއްލައްކަ ރުފިޔާ، އަދި ދެވަނަ އަށް ހޮވޭ ފަރާތަކަށް 50،000ރ. އަދި ތިން ވަނައިން ފެށިގެން 10 މީހަކަށް 10،000ރ. ފައިސާ ލިބޭނެ ކަމަށެވެ.
މީގެ އިތުރަށްވެސް އިތުރު އިނާމްތައް އެކިއެކި ގުރުއަތުން ހޮވޭ ފަރާތްތަކަށް ލިބޭނެ ކަމަށާއި، މި ޕްރޮމޯޝަން ރެޑްވޭވް ލިވިންގް ފަރުނީޗަރ ފިހާރައިގައިވެސް ކުރިއަށްދާނެ ކަމަށެވެ. މި ޕޮމޯޝަން ކުރިއަށްގެންދިއުމަށް ނިންމާފައި ވަނީ ރޯދަ މަހުގެ ނިޔަލަށެވެ.
ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ރެޑްވޭވްގެ ވެރިޔާ އަދި އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވީ، މިއަހަރު މިފަށާ ބޮޑު ސޭލް ރެޑްވޭވްގެ 10 ފިހާރައިގެ އިތުރަށް، ރޯދައަށް ޚާއްސަކޮށް ހުޅުމާލޭގައި ހުޅުވުމަށް ތައްޔާރުވަމުންދާ ފިހާރައިގައިވެސް ކުރިއަށްދާނެ ކަމަށެވެ.
ސަލީމް ވިދާޅުވީ ރެޑްވޭވްގެ އެންމެ މުހިންމު މަޤްސަދަކީ ރައްޔިތުންނަށް އަގުހެޔޮކޮށް ތަކެތި ފޯރުކޮށްދިނުން ކަމަށާއި، ރާއްޖޭގެ މާކެޓްގައި އަގުއުފުލުނަ ނުދިނުމަށް ކުރެވެންހުރި މަސައްކަތް ކުރަމުންދާނެ ކަމަށެވެ. އެގޮތުން ކަނޑައެޅިގެން ވިޔަފާރިއަށް ގެއްލުންވާކަން އެނގިހުރެވެސް އަގުހެޔޮކުރަމުންދާ ކަމަށާއި، އެގޮތަށް އަގުހެޔޮކުރަނީ ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ އަސާސީ މުދަލުންކަމަށް ސަލީމް ވިދާޅުވި އެވެ.
ސަލީމް ވިދާޅުވީ ބައެއް ފަރާތްތަކުން ތަޖެތި އަގުބޮޑުކޮށް ވިއްކިނަމަވެސް ތަކެތީގެ އަގު ބައިނަލްއަޤްވާމީ މާކެޓްގައި އެވަރަށް އުފިލިގެން ނުދާ ކަމަށެވެ. އެހެންކަމުން ރެޑްވޭވުން އަބަދުވެސް ދެމުންގެންދަނީ އަގުހެޔޮ ޚިދުމަތެއް ކަމަށާއި، ޚާއްސަކޮށް މިހާރު ފަރުނީޗަރުގެ ވިޔަފާރި ފަށާފައިވާއިރު، ފަރުނީޗަރުވެސް މިހާރު އަގުހެޔޮކޮށް ލިބޭނެ ކަމަށެވެ.
މީގެ އިތުރަށް ސަލީމް ވިދާޅުވީ ފަރުނީޗަރު ވިއްކާ އެހެން ވިޔަފާރިތަކަށްވެސް ދެން ޖެހޭނީ އޭގެ އަގު ދަށްކުރަން ކަމަށާއި، ދުނިޔޭގެ މަރކެޓަށް ނާންނަ ބަދަލެއް ގެނެސް އަގުބޮޑުކޮށް މުދާ ވިއްކަމުންދާދިއުން ނިމުމަކަށް ގެންނަވާނެ ކަމަށެވެ.
ރެޑްވޭވް ރޯދަ ސޭލް: 100،000ރ. ގެ ނަގުދު ފައިސާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ