އަބްދުﷲ ރަޝީދު މަރުވި މައްސަލާގައި ބައެއްގެ މައްޗަށް ދައުވާ ކޮށްދޭން އެޗްއާރުސީއެމް އިން އެދިއްޖެ

މާފުށީގައި ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދަނިކޮށް އަބްދުﷲ ރަޝީދު މަރުވި މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް( އެޗްއާރުސީއެމް) އިން ތަހްގީގު ކުރުމަށްފަހު ބައެއް މީހުންގެ މައްޗަށް ދައުވާ ކޮށްދޭން ޕްރޮސެކިއުޓަރ ޖެނަރަލް(ޕީޖީ)ގައި އެދިއްޖެ އެވެ.
ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި އެޗްއާރުސީމްއިން ޕީޖީއަށް އެ މައްސަލަ ފޮނުވީ ނިމިގެންދިޔަ ހަފްތާގެ ތެރޭގަ އެވެ. ނަމަވެސް އެޗްއާރުސީއެމްގެ ތަހްގީގަށް ފަހު އެ މައްސަލައިގައި ދައުވާކޮށް ދިނުމަށް އެދިފައިވަނީ ކޮން ބައެއްގެ މައްޗަށް ކަމެއް އަދި ވަނީ ސާފުވާގޮތް ނުވެފަ އެވެ. އެހެން ނަމަވެސް އެޗްއާރުސީއެމް އިން ކުރި ތަހްގީގުގައި އަބްދުﷲ ރަޝީދުގެ މަރުވެފައިވަނީ ބައެއްގެ އިހްމާލުން ކަން ވަނީ އެނގިފަ އެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަސް ތެރޭގައި އެޗްއާރްސީއެމްގެ ރައީސާ އައިމިނަތު އީނާޒު ވިދާޅުވީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އިހުމާލުން ގ.ކީމަ އުމުރުން 51 އަހަރުގެ އަބްދުﷲ ރަޝީދު މަރުވި ކަމަށް ބުނާ މައްސަލަ ތަހުގީގު ކުރަން ފަށާފައިވަނީ އެ ކޮމިޝަނުގެ އިސްނެގުމުގެ މަތިން ކަމަށެވެ. އެހެން ނަމަވެސް އެމައްސަލައާ ގުޅިގެން އިތުރު އެއްވެސް މައުލޫމާތެއް އެ ކޮމިޝަނުން އޭރު ހާމަ ކޮށްފަ އެއް ނުވެ އެވެ. މައްސަލަ ބަލާ ކަމަށް އެޗްއާރުސީއެމުން ހާމަ ކުރީ އަބްދުﷲ ރަޝީދުގެ މަރުގެ މައްސަލައިގައި ސަރުކާރަށާއި އެޗްއާރުސީއެމް އަށް ގިނަ ބަޔަކު ފާޑުކިޔަމުން ދަނިކޮށެވެ.
މޭޑޭ މުޒާހަރާގައި މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި ޖަލައްލާފައި ހުއްޓާ ރަޝީދު މަރުވެފައިވަނީ، މިދިޔަ އަހަރުގެ އޮކްޓޯބަރ މަހުގެ 10 ވަނަ ދުވަހު އެވެ. ރަޝީދުގެ ހުކުމް ތަންފީޒުކޮށް ނިމެން އޮތީ އަންނަ އަހަރުގެ ފެބްރުއަރީ މަހަށެވެ. ރަޝީދުގެ މަރުގެ މައްސަލައާ ގުޅިގެން ދެކެވެމުންދާ ވާހަކަތަކާ ގުޅިގެން ކަރެކްޝަނުން މިހާތަނަށް އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ.
ރަޝީދު މަރުވެފައިވަނީ އެތެރެހަށީގެ ގުނަވަންތަކުގައި އިންފެކްޝަން އުފެދި، ފުއްޕާމެއާއި ކިޑްނީ ފެއިލް ވުމުގެ ސަބަބުން ކަމަށް ޑޮކްޓަރުންނާ ހަވާލާދީ، އޭނާގެ އަންހެނުން ޝެހެނާޒު އަބްދުއްރަހީމް ބުންޏެވެ. ރަޝީދުގެ އައިލާއިން ބުނެފައިވަނީ، އޭނާގެ މަރުގެ މައްސަލާގައި ކަރެކްޝަނުގެ އިހުމާލުތަކެއް ފާހަގަކުރެވޭ ކަމަށެވެ. އެގޮތުން ބަލިވެ، އެތައް ދުވަހެއްވީ އިރުވެސް އެންމެ އެކަށީގެންވާ ފަރުވާ ފޯރުކޮށްދީފައިނުވުމާއި އެންމެ ފުރިހަމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީފައިނުވާ ކަމަށެވެ. އައިލާއަށް ކަންކަން ކުރަންވީގޮތް އެންމެ ފުރިހަމައަށް ކަރެކްޝަނުން ކިޔާދީފައިނުވާ ކަމަށް އައިލާއިން ބުނެ އެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ