ސަރުކާރުގައި ކޮރަޕްޝަން ގިނަވުމަކީ ގައުމަށް ހުރި ގޮންޖެހުމެއް: މައުމޫން

ސަރުކާރު ހިންގާ ޕީޕީއެމްގެ ހަރުދަނާ، ގައުމީ އަދި ދީނީ މިސްރާބު ގެއްލި ސަރުކާރުގައި ހީނުކުރާ މިންވަރަށް ކޮރަޕްޝަން ފެތުރިފައި އޮތުމަކީ ގައުމަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު މިރޭ ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ކޯލިޝަނުން ހއ. ދިއްދޫގައި ބޭއްވި ޖަލްސާގައި، އިއްވި މައުމޫންގެ ހިތޯބެއްގައި ވިދާޅުވީ މީގެ ހަ އަހަރު ކުރިން އެމަނިކުފާނު ޕީޕީއެމް އުފެއްދެވީ ގާނޫނު އަސާސީން ކަށަވަރުކޮށްދޭ ޑިމޮކްރަސީގެ އުސޫލުތަކާއި ރައްޔިތުންގެ ހައްގުތައް ރައްކާތެރިކުރުމާއި ދައުލަތުގެ ތިން ބާރު މުސްތަގިއްލުކޮށް ދެމެހެއްޓުމަށް ކަމަށެވެ. އެކަމަކު މިހާރު ފެންނަނީ އެ މަގުސަދުތަކާ ހިލާފަށް، ރައްޔިތުންނަށް ލިބިފައިވާ ހައްގުތައް ނިއުޅައިގަނެ، އަދުލު އިންސާފު ގާއިމު ނުކުރެވިފައިވާ ތަން ކަމަށާއި މިއީ ވެސް ގައުމަށް ކުރިމަތިވެފައިވާ ގޮންޖެހުމެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
އިދިކޮޅު ޕާޓީތަކުގެ ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި އެ ޖަލްސާގައި މައުމޫނަށް ބައިވެރިވެ ވަޑައިނުގެންނެވުމުން، އެމަނިކުފާނުގެ ހިތޯބު ވިދާޅުވެދެއްވީ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތެވެ.
އެ ހިތޯބުގައި މައުމޫން ވިދާޅުވި ގޮތުގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަދި އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲއާ ގުޅިވަޑައިގެން އެ މަނިކުފާނު އިސްލާހީ މަސައްކަތް ފެއްޓެވީ ވެސް އެ ގޮންޖެހުންތަކުން ދިވެހި ރައްޔިތުން ސަލާމަތް ކުރާށެވެ.
އޭގެ އިތުރުން، ރައްޔިތުންގެ ނިއުޅައިގެންފައިވާ އަސާސީ ހައްގުތައް އަނބުރާ ހޯދައިދީ، އަދުލު އިންސާފު ގާއިމުކޮށް، ރައްޔިތުންގެ މަޖިލީހުގެ ގަދަރާތް އިއްޒަތް އުފުލައި މެމްބަރުންނަށް ޒިންމާދާރުކަމާއެކު ވާޖިބުތައް އަދާކުރުމަށް މަގުފަހި ކުރުމުގެ ގޮތުން ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
"ގުޅިފައިވާ ޕާޓީތަކުން ކުރަމުން މި ގެންދާ އިސްލާހީ މަސައްކަތުގައި ނުގުޑާ ފަދަ އަޒުމަކާއެކު މާތް ﷲ ގެ ވާގިފުޅާއެކު އަޅުގަނޑުމެން ސާބިތުކަމާއެކު ދެމިތިބޭނަމެވެ. މި މަސައްކަތަކީ ދިވެހި ގައުމާއި ރައްޔިތުންގެ ހައްގުގައި އަޅުގަނޑުމެން ކުރަން ޖެހޭނެ ގައުމީ މަސައްކަތެކެވެ." އިދިކޮޅު ފަރާތްތަކާއެކު އިސްލާހީ މަސައްކަތުގައި ބައިވެރިވާ ހުރިހާ އެންމެންނަށް ޝުކުރު ދަންނަވަމުން މައުމޫން ވިދާޅުވި އެވެ.
އެ މަނިކުފާނު ވަނީ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނަށް ނުހައްގުން ހުކުމްތަކާއި، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންގެ ގޮނޑި ގެއްލުވާލާފައިވާ ކަމަށް ވިދާޅުވެ، އެ ހުކުމްތައް ބާތިލް ކުރަން ގޮވާލައްވައިފަ އެވެ. އަދި މަޖިލީހުގެ އެހެން ބައެއް މެމްބަރުން މައްޗަށް ކުރާ ތުހުމަތުތަކާއި ދައުވާތައް ވެސް ހުއްޓާލުމަށް އެ މަނިކުފާނު ގޮވާލެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ