ތަރައްޤީއާއެކު ރައްޔިތުން މިނަމުގައި މިމަހުގެ 12 ދުވަހު ޚާއްސަ ހަރަކާތެއް ކުރިއަށް ގެންދިއުމަށް ސަރުކާރު ހިންގާ މައި ޕާޓީ ޕީޕީއެމް ނިންމައިފި
ގާނޫނު އަސާސީއަށް 9 އަހަރު ފުރުމުގެ މުނާސަބަތުގައި ތަރައްޤީއާއެކު ރައްޔިތުން މިނަމުގައި މިމަހުގެ 12 ދުވަހު ވަރަށް ހާއްސަ ހަރަކާތެއް ކުރިއަށް ގެންދަން ހަމަޖެހިފައިވާ ކަމަށް ސަރުކާރު ހިންގާ މައި ޕާޓީ ޕީޕީއެމް އިން ބުނެފިއެވެ.މިހަރަކާތާއި ގުޅޭ މައުލޫމާތު ހިއްސާކުރުމަށް ޕީޕީއެމްގެ މައި އޮފީހުގެ ބޭއްވި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ވާހަކަ ދައްކަމުން ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދައިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބު ރައިސް އަބްދުލް ރަހީމް އަބުދުއްﷲ ވިދާޅުވީ ރައިސް ޔާމީންގެ ސަރުކާރުން ރައްޔިތުންނަށް ވަރަށް ގިނަގުނަ ހިދުމަތް ތަކެއް ފޯރުކޮށްދެއްވަމުން ގެންދަވާ ކަަމަށާއި އެމަނިކުފާނުގެ ރިޔާސީ މެނިފެސްޓޯ ތަންފީޒް ކުރެއްވުމަށްޓަކައި މިހާތަނަށް ދިވެހި ރާއްޖޭގެ އެއްވެސް ވެރިއެއް ނުކުރައްވާ މިންވަރަށް ގިނަގުނަ މަސައްކަތް މިދިޔަ ތިން އަހަރު ދުވަސް ތެރޭ ކުރައްވާފައިވާ ކަމަށެވެ. އަބްދުލްރަހީމް ވިދާޅުވީ މި ސަރުކާރާއި ސަރުކާރު ހިންގާ މައިޕާޓީން ތައްޔާރުވަމުން ދަނީ މިމަހުގެ ބާރަވަނަ ދުވަހު މުޅި ރާއްޖެއަށް ރައީސް ޔާމީން ގެނެސްދެއްވަމުންދާ ތަރައްޤީ އާއި އެކު ރައްޔިތުން ތިބިކަން ފެނިގެންދާނެ ފަދަ ހަރަކާތެއް ބޭއްވުމަށް ކަމަށާއި އެގޮތުން ވެރިރަށް މާލޭގެ އިތުރުން ރާއްޖޭގެ ފަންސަވީސް ރަށެއްގައި އެ ހަރަކާތް ކުރިއަށްދާނެ ކަމަށް އަބްދުލްރަހީމް ވިދާޅުވިއެވެ.މި ބައްދަލުވުމުގައި ވާހަކަ ދައްކަމުން ރައްޔިތުންގެ މަޖިލީހުގެ އިގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރ އިބްރާހިމް ފަލާޙް ވިދާޅުވީ ހޮނިހިރު ދުވަހު ބޭއްވުމަށް ރާވާފައިވާ ހަރަކާތުގައި ބައިވެރިވަޑައިގެންނެވުމަށް މިހާރުވެސް ޕާލަމެންޓްރީ ގުރޫޕްގެ ގިނަ މެންބަރުން އެ ބޭފުޅުން ތަމްސީލް ކުރައްވާ ދާއިރާ ތަކަށް ވަޑައިގެންފައިވާ ކަމަށެވެ. އަދި ޕާޓީގައި އިސްކޮށް ހަރަކާތް ތެރިވާ ބަޔެއް ބޭފުޅުންވެސް މި ދަތުރު ތަކުގައި ބައިވެރި ވަޑައިގަންނަވާ ކަމަށް ފަލާޙް ވިދާޅުވިއެވެ.ފަލާޙް ވިދާޅުވީ ރަށްރަށުގެ ތަރައްގީއާއި ކުރި އެރުމަށް ސަރުކާރުން މަސައްކަތް ކުރައްވަނީ އާބާދީއަށް ބަލައިގެން ނޫން ކަމަށާއި އެގޮތުން އާބާދީ ވަރަށް ކުޑަކުޑަ ރަށްރަށަށް ވެސް ވަަަރަށް ބޮޑެތި ޚިދުމަތްތަކެއް ފޯރުކޮށްދީފައިވާ ކަމަށް. އެގޮތުން ފައްސަތޭކައިން ދަށުގެ އާބާދީތައް އޮތް ރަށްރަށުގައިވެސް ބިން ހިއްކުމާއި ފެނާއި ނަރުދަމާ ފަދަ ގާއިމް ކުރުން ފަދަ ބޮޑެތި މަޝްރޫއުތައް ކުރިއަށް ގެންގޮސްފައިވާ ކަމަށް ފަލާޙް ވިދާޅުވިއެވެ.ފަލާހް ވިދާޅުވީ މިފަދަ އިވެންޓެއް ބޭއްވުމުގެ ބޭނުމަކީ ދިވެހި ގައުމަށް ރައީސް ޔާމީން ގެނެސްދެއްވާ ތަރައްގީއާއި ކުރި އެރުމުގެ ފަހަތުގައި ރައްޔިތުން ތިބި ކަމާއި އެކަމަށް ދިވެހި ރައްޔިތުން ޝުކުރުވެރިވާކަން ހާމަކޮށްދިނުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ