މައުމޫން ބަންދުގައި ހުންނަވާތީ ދުންޔާގެ ކަންބޮޑުވުންތައް އދއާ ހިއްސާ ކުރައްވައިފި

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު ޖަލުގައި ހުންނަވާތީ ކަންބޮޑުވާ ކަންކަމުގެ މައުލޫމާތު އދ. އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޒިޑެންޓް ކޯޑިނޭޓަރު ޝޮކޮ ނޮޑާއާ ހިއްސާ ކުރައްވައިފި އެވެ.
ރައީސް މައުމޫންގެ އާއިލާގެ ފަރާތުން މިމައުލޫމާތު އދއާ ހިއްސާކުރެއްވީ ރައީސް މައުމޫންގެ ދަރިކަނބަލުން އަދި މިސަރުކާރުގެ ސްޓޭޓް މިނިސްޓަރު ދުންޔާ މައުމޫން އެވެ.
މިބައްދަލުވުމުގެ ފޮޓޯއަކާއެކު ދުންޔާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް މައުމޫނާ ޖަލުގައި ތިއްބެވި އެހެން ބޭފުޅުންނާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް އދގެ ރެޒިޑެންޓް ކޯޑިނޭޓަރާ ހިއްސާކުރައްވާފައިވާނެ ކަމަށެވެ.
ދުންޔާ ވިދާޅުވީ ރާއްޖޭގެ ތަރައްގީއަށް އދ. އިން ދޭ އެހީތެރިކަމާއި ބަހައްޓާ ގާތްކަމުގެ އަގުވަޒަން ކުރައްވާ ކަމަށެެވެ.
ދުންޔާ އިތުރަށް ވިދާޅުވީ ރާއްޖޭގައި ހިނގަމުންދާ ސިޔާސީ ހަމަނުޖެހުންތައް ހައްލުކުރުމަށް އދގެ އެހީތެރިކަމަށް ބަރޯސާވެގެން ހުންނެވި ކަމަށެވެ.
ދުންޔާ މީގެ ކުރިން ވަނީ ރައީސް މައުމޫން ޖަލުގައި ހުންނަވާތީ ކަންބޮޑުވާ ކަންކަމުގެ މައުލޫމާތު އެޗްއާރްސީއެމްގެ ރައީސާއާ ވެސް ހިއްސާކުރައްވާފަ އެވެ.
ރައީސް މައުމޫން ބަންދުގައި ހުންނަވާތީ ކަންބޮޑުވުން ފާޅުކުރައްވާ، އެމަނިކުފާނު މިނިވަންކުރުމަށްވެސް ދުންޔާ މީގެ ކުރިން ސަރުކާރަށް ގޮވާލައްވާފައިވެ އެވެ.
ރައީސް މައުމޫނާއި ފާރިސް މައުމޫން ޖަލުގައި ހައްޔަރުކުރުމުން ވެސް މިސަރުކާރުގެ ސްޓޭޓް މިނިސްޓަރު ކަމުގައި ހުންނަވައިގެން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ދިފާއުގައި ދުންޔާ މަސައްކަތް ކުރައްވާތީ ސޯޝަލް މީޑިއާގައި އެތައް ބަޔަކު ގެންދަނީ ދުންޔާއަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ