އުމަރު އިސްތިއުނާފަށް ހުށަހެޅި އަމުރު ހައިކޯޓުން ބަލައިނުގަތް


ހޯމް މިނިސްޓަރ އުމަރު ނަސީރު ބަންދުގައި ބަހައްޓަވައިގެން ކޯޓަށް ހާޒިރުކުރުމަށް ފުލުހުންގެ މައްޗަށް ކުރިމިނަލްކޯޓުން ނެރުނު އަމުރު އިސްތިއުނާފްކުރުމަށް ހައިކޯޓަށް ހުށައެޅި މައްސަލަ ބަލައިނުގަތުމަށް އެކޯޓުން ނިންމައިފިއެވެ.
 
އެކޯޓުން ބުނީ އުމަރުގެ ފަރާތުން ހުށައެޅި މައްސަލަ ބަލައިނުގަތުމަށް ނިންމީ ކޯޓަށް ހާޒިރުކުރުމަށް ނެރޭ އަމުރުތަކަކީ އިސްތިއުނާފް ނުކުރެވޭނެ އަމުރުތަކެއްކަމަށް މީގެ ކުރިން އެކޯޓުން ނިންމާފައިވާތީކަމަށެވެ. އަދި އެފަދަ އަމުރުތަކަކީ ގާނޫނު އަސާސީގެ ފަންސާސް ހަވަނަ މާއްދާގައި ބުނާ ހުކުމަކަށް ނުވަތަ އަމުރަކަށް ނުބެލޭނެކަމަށް ވެސް ހައިކޯޓުން ބުނެއެވެ.
 
އުމަރު ނަސީރު ބަންދުގައި ބަހައްޓަވައިގެން ކޯޓަށް ހާޒިރްކުރުމަށް އަމުރު ނެރެފައިވަނީ ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވާ އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ ދައުވާ ދެ އަޑުއެހުމަކަށް ހާޒިރުވެވަޑައި ނުގެންނެވުމުންނެވެ.  
އުމަރު ބަންދުގައި ބަހައްޓަވައިގެން ކޯޓަށް ހާޒިރުކުރުމަށް އަމުރު ނެރުނީ ރާއްޖެއަށް އެތެރެކުރާ މަސްތުވާތަކެތި ދެނެގަތުމަށް ބޭނުންވާ ކުއްތާ ހޯދުމުގެ މަޝްވަރާތަކަށް ރަސްމީ ދަތުރުފުޅެއްގައި ނެދަލެންޑްސްގައި ހުންނަވަނިކޮށެވެ. މި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރާއްޖެ ވަޑައިގަންނަވާނީ މިއަދުގެ ވަގުތެއްގައެވެ.
 
ދައުލަތުން އުމަރު ނަސީރާއި ދެކޮޅަށް އުފުލާފައިވާ ދައުވާގައި ބުނެފައިވަނީ 23 ޖެނުއަރީ ދެހާސް ބާރަވަނަ ދުވަހުގެ ރޭ އެމްއެމްއޭ ކައިރިޔަށް އެއްވެ މުޒާހަރާ ކުރަމުންދިޔަ މީހުންނާއި މުހާތަބްކޮށް މުޒާހަރާ ކުރުމުގެ ބަދަލުގައި މުޒާހަރާގެ ހަރަކާތަކަށް ބަދަލުކޮށް ދިވެހި ސިފައިނަށް ދަތިކުރުމަށް ގޮވާލާ ދިވެހި ރާއްޖޭގެ އަމަން އަމާންއާމަށް ގެއްލުމެއް ލިބިދާނެ ވާހަކަ އުމަރު ދައްކާފައިވާކަމަށް ބުނެއެވެ. 
 
މި ދައުވާއަށް އުމަރު ވަނީ އިންކާރުކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ