ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ)ގެ މަގާމަށް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވެވި މައުމޫން ހަމީދާ މިނިވަން މުއައްސަސާތަކުގެ ކޮމެޓީން މިއަދު އިންޓަވިއު ކުރަން ނިންމައިފި އެވެ.
މިނިވަން މުއައްސަސާތަކުގެ ކޮމެޓީން މިއަދު މެމްދުރުފަހު ބާއްވާ ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެމްބަރު ކަމަށް ހުށަހެޅުއްވި ފަސް ބޭފުޅުންނާއި ޕޮލިސް އިންޓަގްރިޓީ ކޮމިޝަން (ޕީއައިސީ)ގެ މެމްބަރު ކަމަށް ހުށަހަޅުއްވާފައިވާ ބޭފުޅަކާ ކޮމެޓީން މިއަދު އިންޓަވިއު ކުރާނެ އެވެ.
މަޖިލީހުގެ އިދާރާއިން ބުނީ ޕީޖީގެ މަގާމަށް ރައީސް އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް ހުށަހެޅުއްވި މައުމޫން ހަމީދާ ކޮމެޓީން އިންޓަވިއު ކުރާނީ މިއަދު މެމްދުރުފަހު 2:15 ގަ އެވެ. އަދި އީސީ މެމްބަރު ކަމަށް ހުށަހަޅާފައިވާ ހަތަރު ބޭފުޅުންނާ ކޮމެޓީން އިންޓަވިއު ކުރަން ފައްޓާނީ 2:45ގައި ކަމަށް މަޖިލީހުން ބުންޏެވެ.
އީސީގެ މެމްބަރު ކަމަށް ހުށަހަޅުއްވާފައިވާ ހަތަރު ބެފުޅުންނަކީ އެ ކޮމިޝަންގެ ކުރީގެ ސެކަރެޓަރީ ޖެނަރަލް އަދި މިހާރު ޕީޕީއެމް އިންތިހާބާ ބެހޭ ކޮމެޓީގެ މެމްބަރު މުހައްމަދު ތޮލާލާއި އެ ކޮމިޝަންގެ ކުރީގެ ޑިރެކްޓަރު ޖެނަރަލް އިސްމާއިލް ހަބީބުގެ އިތުރުން ކުރީގެ ޑެޕިއުޓީ ކޮމިޝަނަރު އޮޕް ޕޮލިސް މުހައްމަދު ރިޝްވާނެވެ.
ޕީއައިސީގެ މެމްބަރު ކަމަށް އައްޔަން ކުރުމަށް ރައީސް މަޖިލީހަށް ފޮނުއްވެވި އައިމިނަތު ރުކުޝާނާ ކޮމެޓީން އިންޓަވިއު ކުރާނީ މިއަދު 3:45 ގައި ކަމަށް މަޖިލީހުން ބުންޏެވެ.
މިނިވަން މުއައްސާތަކުގެ ކޮމެޓީއަކީ އެމްޑީޕީގެ މެޖޯރިޓީ އޮންނަ ކޮމެޓީ އެވެ. ނަމަވެސް އެ ކޮމެޓީގެ މުގައްރިރު އަހުމަދު ސަމީރު މިއަދު ޖުމްހޫރީ ޕާޓީއަށް ސޮއި ކުރެއްވުމުން ކޮމެޓީގެ އަގުލަބިއްޔަތު ލިބޭނީ ސަރުކާރު ހިންގާ ކޯލިޝަނަށެވެ.
މިހާރު އެ ކޮމެޓީގައި ސަރުކާރު ހިންގާ ކޯލިޝަންގެ ހަ މެމްބަރުނާ އެކު އެމްޑީޕީއަށް ނިސްބަތްވާ ފަސް މެންބަރަކު ތިއްބަވާނެ އެވެ. އެ ކޮމެޓިގައި ހިމެނޭ އެމްޑީޕީގެ މެމްބަރުންނަކީ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހާމިދު އަބްދުލް ޣަފޫރާއި ތުލުސްދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމާއި ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަމްޒާ އާއި އިހަވަންދޫ ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲގެ އިތުރުން ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދެވެ. ކޮމެޓީއަށް ތިއްބަވާ ސަރުކާރު ހިންގާ ކޯލިޝަނަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅުންނަކީ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދާއި ކަނޑިތީމު ދާއިރާގެ މެމްބަރު މުހައްމަދު ހުސައިން އާއި ހަނިމާދޫ ދާއިރާގެ މެމްބަރު މުހައްމަދު މުޖުތާޒާއި ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ އާއި ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދުގެ އިތުރުން ދިއްދޫ ދާއިރާގެ މެމްބަރު އަހުމަދު ސަމީރެވެ.
މައުމޫން ހަމީދާ ކޮމެޓީން މިއަދު އިންޓަވިއު ކުރަން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ