އަންނަ ހަފްތާއިން ފެށިގެން ސްކޫލް ތަކުގައި ޢަރަބި ބަސް ކިޔަވައިދޭން ފަށަނީ
އަންނަ ހަފްތާއިން ފެށިގެން ދިވެހި ރާއްޖޭގެ ސްކޫލް ތަކުގައި ޢަރަބި ބަސް ކިޔަވައިދޭން ފަށާނެ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.މިކަމާ ގުޅޭ ގޮތުން ބައެއް މީޑިޔާ ތަކަށް މަޢުލޫމާތު ދެއްވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަޒީރު ވިދާޅުވީ، ރައީސް ޔާމީންގެ ސަރުކާރުގެ ތަޢުލީމީ ސިޔާސަތު ތަކުގެ ތެރޭގައި ހިމެނިގެން ތަޢުލީމީ ދާއިރާ އިން އެންމެ ފުރަތަމަ ސަތޭކަ ދުވަހުގެ ތެރޭގައި ޙާޞިލު ކުރުމަށް ކަނޑައަޅާފައިވާ އެއް ލަނޑުދަނޑި ކަމުގައިވާ ރާއްޖޭގެ ހުރިހާ ސްކޫލް ތަކެއްގައި ޢަރަބި ބަސް އުނގަންނައި ދިނުމުގެ ޢަމަލީ މަސައްކަތް އަންނަ ހަފްތާގައި ފެށޭނެ ކަމަށާއި، އަންނަ ހަފްތާގައި މިކަން ފެށިގެން ދާނީ މިވަގުތު އެކަމަށް ޚާއްޞަ ޓީޗަރުން ތިއްބެވި ބާރަ ސްކޫލެއްގައި ކަމަށެވެ.އެހެން ނަމަވެސް ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ވެސް ޢަރަބި ބަސް އުނގަންނައި ދޭން ފެށުމަށް ތައްޔާރު ވަމުން އަންނަ ކަމަށާއި، އެކަމަށް ބޭނުންވާ ރިސޯސް ޓީޗަރުން ހޯދުމުގެ މަސައްކަތް ފެށިގެން ވަރަށް ބާރަށް ކުރިޔަށް ދާކަމަށް ޑރ ނަޒީރު ވިދާޅުވިއެވެ.އަންނަ ހަފްތާއިން ފެށިގެން ރާއްޖޭގެ ބާރަ ސްކޫލެއްގައި ޢަރަބި ބަސް ކިޔަވައި ދިނުމަށް ސަރުކާރުން ނިންމާފައި ވާއިރު، އަންނަ ހަފްތާގައި އަރަބި ބަސް ކިޔަވައިދޭން ފަށާ ސްކޫލް ތަކުގެ ތެރޭގައި ހިމެނިގެން މާލޭގައި ޢަރަބި ބަސް ކިޔަވައިދޭން ފަށަނީ ހިރިޔާ ސްކޫލާއި، މަޖީދިއްޔާ ސްކޫލާއި، އަމީނިއްޔާ ސްކޫލާއި ތާޖުއްދީން ސްކޫލުގެ އިތުރުން ވިލިމާލޭގައި ހުންނަ މުހްޔިއްދީން ސްކޫލު ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން މަޢުލޫމާތުދެއެވެ.މީގެ އިތުރުން އަތޮޅު ތެރޭގެ ބައެއް ސްކޫލް ތަކުގައި ވެސް އަންނަ ހަފްތާއިން ފެށިގެން ޢަރަބި ބަސް ކިޔަވައި ދޭން ފެށުމަށް ނިންމާފައި ވާއިރު، އަންނަ ހަފްތާއިން ފެށިގެން ޢަރަބި ބަސް ކިޔަވައިދޭން ފެށުމަށް ހަމަޖެހިފައި ވަނީ ޅ. ނައިފަރު މަދްރަސަތުލް އިފްތިތާހާއި، ބ. ތުޅާދޫ ސްކޫލާއި، ގދ. ތިނަދޫ އަބޫބަރުކުރު ސްކޫލާއި، ސ. މަރަދޫ ސްކޫލާއި، ސ. ފޭދޫ ސްކޫލާއި، ސ. މީދޫ ޝަމްޝުއްދީން ސްކޫލުގެ އިތުރުން ސ. ހުޅުދޫ ސްކޫލްގައި ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން މަޢުލޫމާތުދީފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ