މި ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް ޖަލަށްލާފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ސަލާމަތްވާނީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވެރިކަމަށް ވަޑައިގަންނަވައިގެން ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
މިއަހަރުގެ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރަށްފަހު، ކޮއްކޯފުޅު ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުކޮށް، ރައީސް މައުމޫން ހައްޔަރުކުރީ އަމުރަށްފަހު ނެރުނު ކުއްލި ނުރައްކަލުގެ ހާލަތުގެ ތެރެއިން ފެބްރުއަރީ ފަސް ވަނަ ދުވަހުއެވެ.
އަދި އެ މައްސަލައާ ގުޅިގެން ހިންގި ތަހުގީގަށް ފޯނު ނުދެއްވި މައްސަލާގައި ރައީސް މައުމޫން މިހާރުވެސް ގެންދަވަނީ އަދުލު އިންސާފު ގާއިމް ކުރަން ހުރަސް އެޅިކަމުގެ ތުހުމަތު ސާބިތުވެ އެއް އަހަރާއި ހަތް މަސް ދުވަހުގެ ޖަލު ހުކުމެއް މާފުށީ ޖަލުގައި ތަންފީޒު ކުރައްވަމުންނެވެ.
ކުޅުދުއްފުށީ އެއާޕޯޓު ރަސްމީކޮށް ހުޅުވުމަށް އެރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އަދުރޭ ވިދާޅުވީ ރައީސް މައުމޫން ހައްޔަރުކުރުމުން އިބޫއަށް ވުރެއް ބޮޑަށް އެމަނިކުފާނަށް އަސަރުކުރައްވާ ކަމަށެވެ. އަދި ރައީސް މައުމޫނަށް ހެޔޮ އެދޭ ބޭފުޅަކީ އެމަނިކުފާނުގެ ބޭބޭފުޅު ރައީސް އަބްދުﷲ ޔާމީން ކަމަށެވެ.
"އަޅުގަނޑު މިދަންނަވަނީ ރައީސް މައުމޫނަށް އެންމެ ހެޔޮ އެދެނީ ރައީސް ޔާމީނޭ. ރައީސް ޔާމީން ވެރިކަމަށް އައިސްގެނޭ ރައީސް މައުމޫނު ސަލާމަތް ކުރެވޭނީ. އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް އައިސްގެން ނުވާނޭ،" އަދުރޭ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ރައީސް މައުމޫނު ޖަލުގައި އޮންނަން ޖެހިވަޑައިގެންނެވީ އިދިކޮޅު ފަރާތްތަކުގެ މަޅިއެއްގައި ޖެހިގެން ކަމަށެވެ. ނަމަވެސް ރައީސް މައުމޫނަކަސް ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ނުވަތަ އެހެން ބޭފުޅެއް ނަމަވެސް ގާނޫނާ ހިލާފުވެއްޖެނަމަ، އަދަބު ލިބޭނެ ކަމަށް އަދުރޭ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، ރައީސް މައުމޫން ބޭނުންފުޅުވަނީ ރައީސް މައުމޫނުގެ ލެގަސީ މިގައުމުގައި ތާއަބަދަށް ދެމި އޮތުމަށް ކަމަށެވެ.
"ރައީސް މައުމޫނު ބޭނުންވީ އެމަނިކުފާނުގެ ލެގަސީ ތާއަބަދަށް މިގައުމުގައި އޮންނަން. އަދި ބޭނުންވީ ޕްރައިމަރީއެއްގެ ތެރެއިން ފާރިޝް މައުމޫނަށް ޕީޕީއެމްގެ ޓީކެޓް ދީފައި ފާރިޝް މައުމޫން ވެރިކަމަށް ގެންނަން" އަބްދުއްރަހީމް ވިދާޅުވިއެވެ.
އުމުރު ފުޅުން 82 އަހަރުފުޅުގެ ރައީސް މައުމޫން މިނިވަން ވާނީ ރައީސް މައުމޫން ވެރިކަމަށް ވަޑައިގަތުމުން ކަމަށް އަދުރޭ ވިދާޅުވިއިރު، އެމަނިކުފާނު ގޭގައި ހުންނެވޭނެ ފުރުސަތު އެކި ފަހަރު މަތިން އެރުއްވި ކަމަށާއި ފުލުހުންގެ ތަހުގީގަށް ރައީސް މައުމޫން ފޯނު ދެއްވިނަމަ، އެމަނިކުފާނު މިހާރު ހުންނަވާނީ ގޭގައި ކަމަށް ރައީސް ޔާމީން މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.
ރައީސް މައުމޫން ސަލާމަތްވާނީ ރައީސް ޔާމީނަށް ވެރިކަން ލިބިގެން - އަދުރޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ