އައްޑޫ ސިޓީ ގަމުގައި އޭޝިއަން އެކެޑެމީ އޮފް އެއޮރިނޯޓިކްސް(އޭއޭއޭ) އިން ހިންގަމުން އަންނަ ފްލައިން ސްކޫލް ބަންދު ކުރުމަށްފަހު އެ ސްކޫލް ލަންކާއަށް ބަދަލު ކުރުމަށް ނިންމާފައި ވާކަމަށް އެ ސްކޫލުން ބުނެފި އެވެ.
ދުވަހަށް މައުލޫމާތު ދެއްވަމުން އެ އެސްކޫލު ހިންގެވުމާއި ހަވާލުވެ ހުންނެވި ހެޑްއޮފް ޓްރެއިނިން އަދި ޗީފް ފްލައިޓް އިންސްޓްރަކްޓާ ކެޕްޓަން ސުރަންޖަން ޑި ސިލްވާ ވިދާޅުވީ އެކަން އޮގޮތަށް ނިންމީ ގަމު އެއާޕޯޓުގެ ބޯޑުން އެ ސްކޫލް ހިމެނޭ ސަރަހައްދު އެއާޕޯޓަށް ނަގަން ނިންމުމުން ކަމަށެވެ.
“އެގްރީމެންޓެއް އޮއްވާ އެއާޕޯޓްގެ ބޯޑުން ނިންމައިފި ސްކޫލު ހިމެނޭ ސަރަހައްދު އެއާޕޯޓަށް ނަގަން، އެކަން އަހަރުމެންނަށް އަންގައިފި” ޑެ ސިލްވާ ވިދާޅުވި އެވެ.
ސިލްވާ ވިދާޅުވީ އެ ސްކޫލް ދެން ބަދަލުކުރާނީ ލަންކާއަށް ކަމަށާއި އެކަމުގެ މަޝްވަރާތައް އެ ކުންފުނީގެ ބޯޑުން ކުރަމުން އަންނަ ކަމަށެވެ.
އެ ސްކޫލުގައި މިހާރުވެސް ދިވެހި 54 ދަރިވަރަކު ކިޔަވަމުން އަންނައިރު އެކުދިން ކިޔަވަމުން އަންނަނީ ބޮލަކަށް 33 ހާސް ޑޮލަރު ހަރަދު ކޮށްގެންނެވެ.
“މިނިސްޓްރީންނާއި ސިވިލް އޭވިއޭޝަނުން އެބަ އެދޭ މިކޮޅުގަ މަޑުކުރަން، ނަމަވެސް ދެން މިކޮޅުގަ މަޑު ކުރާކަށް ބޭނުމެއް ނޫން، އަނެއްކާ މިވަރުގެ އިންވެސްޓްމެންޓެއް ކުރާކަށް ބޭނުމެއް ނޫން، ދެންވެސް މިހެން ނުވާނެ ކަމާމެދު އެއްވެސް ޔަގީން ކަމެއް ނެތް” ސިލްވާ ވިދާޅުވި އެވެ.
މިހާރު ކިޔަވަމުން އަންނަ ކުދިންގެ ކިޔެވުމަށް ވާނީ ކިހިނެއްތޯ ސުވާލު ކުރުމުން ސިލްވާ ވިދާޅުވީ އެ ކުދިންގެ ކިޔެވުން ޖެހޭނީ ހުއްޓާލަން ކަމަށާއި އެހެން ނަމަވެސް އެ ކުދިންނަށް ކުންފުނިން ރިފަންޑް ދޭނެ ކަމަށެވެ. އަދި އެ ކުދިން ބޭނުންނަމަ ލަންކާއަށް ގޮސް އަލުން ބައިވެރިވެވިދާނެ ކަމަށްވެސް ސިލްވާ ވިދާޅުވި އެވެ.
މުޅިއެކު 75 ކުދިން ކިޔަވަމުންދާ މިސްކޫލު ހުޅުވިފައިވަނީ ޖުލައި 26، 2010 ގައެވެ. ސްކޫލު ހުޅުވުމުގެ މަސައްކަތް ފަށާފައިވަނީ އޮގަސްޓް 2008 ގައެވެ. އެ ސްކޫލްގައި މިހާރު ކިޔަވަމުން އަންނަ ދަރިވަރުންގެ ތެރޭގައި ލަންކާ، އިންޑިއާ އަދި ޗައިނާގެ ދަރިވަރުން ހިމެނެ އެވެ.
ފިއްތުން ތަކާހުރެ ގަމުގައި ހުންނަ ފްލައިން ސްކޫލް ބަންދުކުރަން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ