ދުނިޔޭގައި ތަރައްގީ ވަޒަންކުރާ މިންގަނޑުތަކަށް ބަލާއިރު، އެއިން އެއްވެސް ކަމަކަށް ރާއްޖެ ނުފެތޭ ކަމަށް ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރ އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.
ގުޅިފައިވާ އިއްތިހާދުން ށ. ފޯކައިދޫގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަމީން ވިދާޅުވީ، ދުނިޔޭގައި ތަރައްގީ މިންކުރަނީ މައިގަނޑު ތިން ކަމެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ.
އެތިންކަމަކީ، އެގައުމެއްގައި ދިރިއުޅޭ ރައްޔިތުންނަށް ލިބިދޭ އިޖުމާއީ ރައްކާތެރިކަމުގެ ހާލަތާއި، ރައްޔިތުން ފަގީރުހާލަތުން މިންޖުވެފައިވާ މިންވަރާއި، ޑިމޮކްރަސީއާއި މިނިވަންކަމާއެކު ޝުއޫރު ފާޅުކުރުމަށް ލިބިފައިވާ ފުރުސަތުގެ މިންވަރު ކަމަށެވެ.
ނަމަވެސް، ދިވެހިރާއްޖެއިން މިއިން އެއްވެސް ސިފައެއް ފެނިވަޑައިނުގަންނަވާ ކަމަށް އަބްދުﷲ އަމީން ވިދާޅުވިއެވެ. ސަރުކާރުން ފަތުއަޑު ކިޔާފައި ތަރައްގީގެ ވާހަކަ ދައްކާއިރު، ރާއްޖޭގެ އެއްވެސް ހިސާބަކުން ތަރައްގީ ފެނިވަޑައި ނުގަންނަވާ ކަމަށް އަމީން ވިދާޅުވިއެވެ. އެހެންކަމުން، ތަރައްގީއަކީ ކޮން އެއްޗެއްކަން ނޭނގޭ މީހަކު ތަރައްގީގެ ވާހަކަދައްކާތީ ހައިރާންވެވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.
ރާއްޖެއަށް ތަރައްގީ ނުގެނެވިގެން އުޅެނީ ވައްކަންކުރާތީއާއި، އަނިޔާވެރިވާތީއާއި، ކޮރަޕްޝަން އާންމުވެފައިވާތީ ކަމަށްވެސް އަމީން ވިދާޅުވިއެވެ.
ނަމަވެސް، މިއަދު ދިވެހިންނަކީ މާ ހޭލުންތެރިބައެއް ކަމަށާއި، ތަރައްގީއޭ ކިޔައިގެން ސަރުކާރުން ދައްކާ ވާހަކަތަކުގެ ހަގީގަތް ރައްޔިތުންނަށް އެނގޭ ކަމަށް އަބްދުﷲ އަމީން ވިދާޅުވިއެވެ.
ރައްޔިތުން ބޭނުންވާ ތަރައްގީ ރާއްޖެއަށް ގެނައުމަށްޓަކައި، ތަރައްގީ ވަޒަންކުރާ ބަދަލުތައް ގެންނަންޖެހޭ ކަމަށާއި، އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހަންމަދު ސޯލިހް ހާމަކޮށްދެއްވާފައިވާ ވިސްނުންފުޅުތަކުގައި އެކަންކަން ހިމެނޭ ކަމަށް އަމީން ވިދާޅުވިއެވެ.
ކުރިއަށްއޮތް ރިޔާސީ އިންތިޚާބަކީ މިރާއްޖެ ބަދަލުކޮށްލަން ފަހުގެ ތާރީޚެއްގައި ލިބޭންއޮތް ފުރުސަތެއް ކަމަށާއި، ތަރައްގީގެ މަންޒިލަށް ވާސިލްވުމަށް، އުފާވެރި، ކުރިއަރާފައިވާ ތަނަކަށް ރާއްޖެ ހެދުމަށް އިބޫއަށް ވޯޓްދެއްވުމަށް އަމީން ގޮވާލެއްވިއެވެ.
ރައްޔިތުން ތިބީ އިބޫއާ އެކުގައިކަން ހަމައެކަނި ށ.އަތޮޅުގެ ރަށްތަކުންވެސް ސާބިތުކޮށްދީފި ކަމަށާއި، ރާއްޖޭގެ މުއައްސަސާތަކުންވެސް އިބޫގެ އަޑު އައްސަވަންޖެހޭ ކަމަށް އަމީން ވިދާޅުވިއެވެ.
ޚާއްސަކޮށް ފުލުހުންގެ މުއައްސަސާގެ ބައެއްވެރިން ސަރުކާރުގެ ނުފޫޒު ތެރެއަށް ގެއްލުމުގެ ސަބަބުން، ފުލުހުން ދޭންޖެހޭ ޚިދުމަތްތަކަށް އިހުމާލުވެފައިވާކަން ގަބޫލުކުރަންޖެހޭ ކަމަށް އަމީން ވިދާޅުވިއެވެ.
އެހެންނަމަވެސް 23 ސެޕްޓެމްބަރުގައި ވޯޓުގައި ފާހަގަޖަހަން ފުލުހުންނަށް ލިބޭ ފުރުސަތަކީ ފަހު ފުރުސަތު ކަމަށާއި، ފުލުހުންގެ ގާނޫނީ ޒިންމާ އަދާކުރުމަށް ލިބޭ ފުރުސަތު ކަމަށާއި، ރާއްޖެ އަމާންވެގެންދާނީ އިބޫއަށް ވޯޓް ލައްވައިގެން ކަމަށް އަބްދުﷲ އަމީން ވިދާޅުވިއެވެ. ރާއްޖެއަށް ހަގީގީ ތަރައްގީ ގެނެވޭނީ، ކުރިއެރުން ގެނެވޭނީ އޭރުން ކަމަށްވެސް ވިދާޅުވިއެވެ.
ދުނިޔޭގައި ތަރައްގީ ވަޒަންކުރާ އެއްވެސް މިންގަނޑަކަށް ރާއްޖެ ނުފެތޭ: އަބްދުﷲ އަމީން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ