އަވައްޓެރި ސްރީލަންކާގައި ހުންނަ އެންމެ ބޮޑު އިންޖީނުގޭގައި އާދީއްތަ ދުވަހު ހިނގި ހާދިސާ އާއި ގުޅިގެން ކޮންމެ ދުވަހަކު ވެސް ގިނަ ގަޑިއިރު ތަކަކަށް ލަންކާގެ އެކި ހިސާބުތަކުން ކަރަންޓް ކަނޑަން ޖެހިފައިވާ ކަމަށް ލަންކާ އަށް ކަރަންޓް ފޯރުކޮށްދޭ ސިލޯން އިލްކްޓްރިސިޓީ ބޯޑް (ސީއީބީ) އިން ބުނެފިއެވެ.
މީޑިއާ އަށް މައުލޫމާތުދިން ސީއީބީގެ އޮފިޝަލަކު ވިދާޅުވީ ޗައިނާ އިން ބިނާ ކޮށްދީފައިވާ 900 މެގަވޯޓްގެ އިންޖީނުގޭގައި އާދީއްތަ ދުވަހު ހިނގި ހާދިސާގެ ސަބަބުން މިހާރު ކަރަންޓް ފޯރުކޮށްދެމުން ދަނީ އެކި ހިސާބުތަކުގައި ހުރި ކުދިކުދި ޖަނަރޭޓަރުގެ ތަކުން ކަމަށެވެ.
ނަމަވެސް އެޖަނަރޭޓަރުގެ ތަކުން އެކަށީގެންވާ ވަރަށް ކަރަންޓް ފޯރުކޮށް ނުދެވޭތީ ކޮންމެ ދުވަހެއްގެ ދުވާލުގެ ވަގުތުތަކުގައި ހަތް ގަޑިއިރާއި ތިރީސް މިނެޓާއި ފަސް ގަޑިއިރާއި ތިރީސް މިނެޓާއި ދެމެދުގެ ވަގުތަކަށް ކަރަންޓް ކަނޑާލާނެ ކަމަށާއި އަދި ކޮންމެ ރެޔަކު ދެގަޑިއިރަށް ކަރަންޓް ކަނޑާލާނެ ކަމަަށް އޮފިޝަލް ވިދާޅުވިއެވެ.
އޮފިޝަލް ވިދާޅުވީ ލަންކާގެ ކަރަންޓްގެ ހާލަތު އާންމު ހާލަތަކަށް އަންނާނީ މައްސަލަ ދިމާވި އިންޖީނުގޭގައި ދިމާވި މައްސަލަ ހައްލު ކޮށްގެން ކަމަށާއި އެކަމަށް ކިތައް ދުވަސް ނަގާނެ ކަން އަދި ބުނަން ނޭންގޭ ކަމަށެވެ.
އާދީއްތަ ދުވަހު ލަންކާ އިން ކަރަންޓް ކެނޑުނީ ކޮލަމްބޯގެ ބޭރުގައި ހުންނަ ލަންކާގެ އެންމެ ބޮޑު އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާ އަކާއި ގުޅިގެން ކަމަށް ރިޕޯޓްތައް ބުނެއެވެ. ޗައިނާގެ އެހީއާއި އެކު 2014 ވަނަ އަހަރު ބިނާ ކުރި މިޖަނަރޭޓަރުގެ އިން ފާއިތުވި ތިން އަހަރު ތެރޭގައި 35 ފަހަރަށް ކަރަންޓް ކެނޑިގެން އެތަނުގެ ބައެއް ތަންތަން މަރާމާތު ކުރަން ޖެހިފައިވާ ކަމަށް ލަންކާ ސަރުކާރުން ބުނެއެވެ.
ލަންކާ އިން ކޮންމެ ދުވަހަކު ވެސް ގިނަ ގަޑިއިރު ތަކަކަށް ކަރަންޓް ކަނޑަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ