ރިޔާޟް (މޭ 12): ދީނީ ކަންކަމުގައި މުސްތަޝާރެއްގެ ގޮތުން ސައޫދީ ރަސްގެފާނު ޢަބްދުﷲ އަށް ލަފާއަރުވާ ދަންނަބޭކަލަކު، ހިޔާލުތަފާތުވުންތައް އުފެދި މަޤާމުން ވަކިކޮށްފި އެވެ.
ސައޫދީ ރަސްކަމުގެ ދީވާނާ ޙަވާލާދީ އެ ޤައުމުގެ ރަސްމީ ނޫސްއެޖެންސީ ޚަބަރުދޭ ގޮތުގައި ދީނީ ކަންކަމާ ބެހޭ ޢަބްދުﷲގެ މުސްތަޝާރެއް ކަމަށްވާ އައްޝައިޚް ޢަބްދުލްމުޙްސިން އަލްޢަބީކާން މަޤާމުން ދުރުކުރުމަށް ޢަބްދުﷲ ނިންމެވީ ސައޫދީ ވަލީއުލްޢަހްދު ނާއިފް ބިން ޢަބްދުލްޢަޒީޒް ހުށަހެޅުއްވި ހުށަހެޅުމަކާ ގުޅިގެންނެވެ.
އަލްޢަބީކާންއަކީ ސައޫދީ އިސް ދަންނަބޭކަލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ކޮންޒަވެޓިވް ޚިޔާލުގެ ބޭފުޅެކެވެ. ދާދިފަހުން ސަޢޫދީ އަރަބިޔާގައި ޝާއިއުކުރެވުނު މީޑިޔާ ރިޕޯޓެއްގައިވާ ގޮތުން އަލްޢަބީކާން އަކީ ސަޢޫދީ މުޖްތަމަޢުގައި ޒަމާނުއްސުރެ އަންހެނުންނާ މެދު ގެންގުޅޭ ކޮންޒަވެޓިވް ގޮތްތައް ބަދަލުކޮށް މުޖްތަމަޢުގެ ކަންތައްތަކުގައި ފިރިހެނުންނެކޭ އެއްގޮތަށް އަންހެނުން ބައިވެރިކޮށް އަންހެނުންނަށް މަދަނީ ހައްޤުތައް ދިނުމަށް ރަސްގެފާނު ގެންގުޅުއްވަން ފައްޓަވާފައިވާ އުސޫލުތަކާ ދެކޮޅު ހައްދަވާ ޢިލްމުވެރިއެކެވެ.
އަންހެނުން ގެއިންނެރެ މަސައްކަތުގެ މާޙައުލުގައި ފިރިހެނުންނާ އެކު އުޅުމަށް ޢަބްދުﷲ ރަސްގެފާނު ގެންގުޅުއްވާ އަންހެނުންނަށް މިނިވަންކަން ދިނުމުގެ އުސޫލުތަކަށް އައްޝައިޚް އަލްޢަބީކާން ވަނީ ފާޅުގައި ބަހުގެ ޙަމަލާތަކެއް ވެސް ދެއްވާފަ އެވެ. ބަހުގެ މިޙަމަލާތަކުގައި އަލްޢަބީކާން ވަނީ "ސަޢޫދީ މުޖްތަމަޢުގައި ބާރާއި ނުފޫޒު ހުރި ހުރިފަރާތްތަކުން އަންހެނުންނަށް މިނިވަންކަން ދިނުމުގެ ނަމުގައި ސަޢޫދީ މުސްލިމް މުޖްތަމަޢު ފަސާދަކުރަމުން ގެންދާކަމަށް" ތުހުމަތު ކުރައްވާފަ އެވެ.
އަދި މާތް ﷲ، އަންހެނުން ހައްދަވާފައިވާގޮތާއި އަންހެންވަންތަގޮތާ ޚިލާފަށް އަންހެނުންގެ ތަބީޢީ ދައުރު ބަދަލުކޮށް އެމީހުން ފިރިހެނުންނަށް ހެދުމަށް ސައޫދީ މުޖްތަމަޢުގައި ބާރާއި ނުފޫޒު ހުރި ފަރާތްތަކުން މަސައްކަތް ކުރަމުން ްއަންނަ ކަމަށް ވެސް ވަރަށް ފާޅުކަން ބޮޑުގޮތެއްގައި އަލްޢަބީކާން ވިދާޅުވެފައިވެ އެވެ. އަލްޢަބީކާންގެ މިބަސްތަކަކީ ޢަބްދުﷲ ރަސްގެފާނަށާއި ވަލީއުލްޢަހްދު ނާއިފް ބިން ޢަބްދުލްޢަޒީޒަށް ސީދާގޮތެއްގައި ރައްދުކުރެއްވި ބަހުގެ ޙަމަލާތަކެއް ކަމަށް ވަނީ ބެލެވިފަ އެވެ. ޢާއިލީ ވިރާސީ ރަސްކަމެއް ކުރާ ސަޢޫދީ ކޮންޒަވެޓިވް މުޖްތަމަޢުގައި ރަސްގެފާނަށާއި ޝާހީޢާއިލާއަށް ފާޅުގައި ފާޑުކިޔުމަކީ ހުއްދަކަމެއް ނޫނެވެ.
ޢަބްދުﷲ ރަސްގެފާނު ދާދިފަހުން ވަނީ ސައޫދީ މުޖްތަމަޢުގަ އާއި ސައޫދީ ޤާނޫނުތަކުގައި އަންހެނުންނާ މެދު ގެންގުޅޭ ހަރުކަށި ތަފްސީރުކުރުންތައް ލުއިކޮށް ސަޢޫދީ މުޖްތަމަޢުގެ ތަރައްޤީގައި ފިރިހެނުންނެކޭ އެއްގޮތަށް ބައިވެރިވުމުގެ ފުރްސަތުދީ އަންހެނުންނަށް މިނިވަންކަން ދިނުމުގެ ޒަމާނީ ވިސްނުމެއް ގެންގުޅުއްވަން ފައްޓަވާފަ އެވެ.
ސަޢޫދީ މުޖްތަމުގައި އަންހެނުންނާ މެދު ދެކޭ ގޮތްތަކަކީ ބޯދާ އާދަކާދަތަކަކާ ގުޅިފައިވާކަމެއް ކަމަށާއި އެއީ މާތްވެގެންވާ އިސްލާމްދީނުގައި ކަންއޮންނަ ގޮތް ނޫން ކަމަށް ސައޫދީ އިޖްތިމާޢީ ޢިލްމުވެރިންނާއި ބައެއް ދީނީ ޢިލްމުވެރިން ވެސް ވިދާޅުވަމުން ގެންދެ އެވެ. ނަމަވެސް ކޮންޒަވެޓިވް ޚިޔާލުގެ ދީނީ ޢިލްމުވެރިންނަކީ ސަޢޫދީ ކޮންޒަވެޓިވް މުޖްތަމަޢުގައި ވަރަށް ބަސްވިކޭ އަދި ވަރަށް ނުފޫޒު ގަދަ ބަޔެކެވެ.
ޒަމާނީ ތަޢްލީމް ޙާސިލްކުރައްވައިގެންތިއްބެވި ސައޫދީ ޝާހީ ޢާއިލާގެ ބައެއް ބޭފުޅުންނާއި ދީނީ ޢިލްމުވެރިންގެ ތެރެއިން ބައެއް ބޭފުުޅުންވެސް ވަނީ ސަޢޫދީ މުޖްތަމައުގައި އަންހެނުންނަށް ބޮޑެތި ހުރަސްތަކެއް ހުރި ކަމާއި އެއީ ދީނާގުޅުން ނެތް ބޯދާ އަރަބި އާދަކާދައާ ގުޅިފައިވާ ހުރަސްތަކެއް ކަން ފާހަގަކުރައްވައި އެ ހުރަސްތައް ނައްތާލުމަށް ގޮވާލައްވާފަ އެވެ. މިފަދަ ޢިލްމުވެރިންގެ ގެތެރޭގައި އައްޝައިޚް ޢަބްދުއްލަތީފް ބިން ޢަބްދުލްޢަޒީޒް އާލުއްޝައިޚް ހިމެނިވަޑައިގަންނަވަ އެވެ. އޭނާއަކީ ދީނީ އިދާރާއެއް ކަމަށްވާ "އަލްއަމްރު ބިލްމަޢްރޫފް"ގެ މިހާރުގެ ވެރިޔާ އެވެ.
ސަޢޫދީ ރަސްގެފާނު މިދިޔަ ސެޕްޓެމްބަރު މަހު ވަނީ އެ ޤައުމުގެ ޝޫރާ މަޖިލީހުގެ މެންބަރުން އިންތިޚާބުކުރުމަށް ދެން ބާއްވާ އިންތިޚާބެއްގައި ކެންޑިޑޭޓުންގެ ގޮތުންނާއި އިދާރީ މަސައްކަތުގެ ގޮތުންނާ އަދި ވޯޓުލުމުގެ ގޮތުން ވެސް ބައިވެރިވުމުގެ ފުރުސަތު އަންހެނުންނަށް ދެއްވިކަން އިޢްލާންކުރައްވާފަ އެވެ. އަދި ސަޢޫދީ މުނިސިޕަލް އިންތިޚާބުގައި ވެސް ކެންޑިޑޭޓުންގެ ގޮތުގައި ބައިވެރިވުމާއި ވޯޓުލުމުގެ ޙައްޤުވެސް އަންހެނުންނަށް ދެއްވިކަން އަބްދުﷲ ވަނީ އިޢްލާންކުރައްވާފަ އެވެ.
އަންހެނުންގެ ތަރައްޤީއަށް ސައޫދީ ރަސްގެފާނު ގެންގުޅުއްވާ ސިޔާސަތުތަކާ ދެކޮޅުހެއްދެވުމުގެ ސަބަބުން މިދިޔަ ޖަނަވަރީ މަހު، އެ ޤައުމުގެ ދީނީ އިދާރާއެއް ކަމަށްވާ "އަލްއަމްރު ބިލްމަޢްރޫފް"ގެ ވެރިޔާ އައްޝައިޚް ޢަބްދުލްޢަޒީޒް ޙަމީން ވެސްވަނީ މަޤާމުން ދުރުކޮށްފަ އެވެ.
ސަޢޫދީ މުޖްތަމަޢުގައި އަންހެނުން ކާރުދުއްވުމަކީ ވެސް މަނާކަމެކެވެ. ނަމަވެސް ޤާނޫނަކުން މިކަން މަނާނުކުރާތީ ސަޢޫދީ އަންހެނުން ވަނީ ހިއްވަރާ އެކު މިބޯދާ އާދައަށް ގޮންޖަހަން ފަށައިފަ އެވެ. (ސައޫދީ މީޑިޔާ+ ބ.ީބީ.ސީ)
ހިޔާލުތަފާތުވުންތަކެއް އުފެދި އަބްދުﷲ ރަސްގެފާނުގެ ދީނީ މުސްތަޝާރު މަގާމުންވަކިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ