ވިޔަފާރިތަކަށް ބައެއް ބޭންޑްތައް އިތުރުކޮށް ކަރަންޓް ފީ ނަގަން ނިންމައިފި

މާލެ ސަރަހައްދުގެ ވިޔަފާރިތަކުގެ ކަރަންޓަށް 600 ޔުނިޓުން މައްޗަށް އިތުރު ތިން ބޭންޑެއް ތައާރަފްކޮށް އަގުނަގާނެ ގޮތް އެނާޖީ އޮތޯރިޓީން ހާމަކޮށްފި އެވެ.
އެ އޮތޯރިޓީން މިއަދު ނެރުނު ސާކިއުލާއެއްގައި ބުނެފައިވަނީ މާލެ ސަރަހައްދުގައި ހިމެނޭ "ވިޔަފާރި" ކެޓަގަރީން 600 ޔުނިޓުން މައްޗަށް މުޅިން އާ ތިން ބޭންޑް އިތުރުކޮށް، މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން އެ ގަވާއިދަށް އަމަލުކުރަން ފަށާފައިވާ ކަމަށެވެ.
މީގެކުރިން ވިޔަފާރިތަކުން ކަރަންޓަށް އެންމެ މަތިން ކަނޑައަޅާފައިވަނީ 600 ޔުނިޓް އެވެ. މިއަދަދު މައްޗަށް ކިތަންމެ ވަރަކަށް ކަަރަންޓް ބޭނުންކުރި ނަމަވެސް މީގެ ކުރިން ނަގަނީ 600 ޔުނިޓަށް ވުރެ ބޮޑުނަމަ 4.35 ރުފިޔާ އެވެ. ނަމަވެސް މިހާރު މިވަނީ 600 މައްޗަށް އިތުރު ތިން ބޭންޑެއް އިތުރުކޮށްފަ އެވެ.
އެގޮތުން ބޭންޑް އިތުރުކޮށްފައިވާ ގޮތަށް ބަލާއިރު، 600 ޔުނިޓާއި 3000 ޔުނިޓާ ދެމެދު ކަރަންޓު ބޭނުންކުރާ ވިޔަފާރިތަކަށް ޔުނިޓަކަށް 4.35 ރުފިޔާ އަދި 3000 ޔުނިޓާއި 10،000 ޔުނިޓާ ދެމެދު ކަރަންޓު ބޭނުންކުރާ ވިޔަފާރިތަކަށް ޔުނިޓަކަށް 5.75 ރުފިޔާ އަދި 10،000 ޔުނިޓުން މަތީ އަދަދަށް ކަރަންޓު ބޭނުންކުރާ ވިޔަފާރިތަކަށް 6.65 ރުފިޔާ ނަގަން ނިންމާފައިވާ ކަމަށްވެސް އެނާޖީ އޮތޯރިޓީން ބުނެ އެވެ.
މޯލްޑިވްސް އެނާޖީ އޮތޯރިޓީން އިތުރަށް ބުނީ އެ ބޭންޑްތަކުން ނަގާ ފީގެ އިތުރަށް ސްޓެލްކޯ އަށް ޑީސެލް ގަންނަން ލިބޭ އަގު އަށް ރުފިޔާ އަށް ވުރެ އިތުރުވާ ކޮންމެ 10 ލާރިއަކަށް ތިން ލާރީގެ ރޭޓުން ފިއުލް ސާޗާޖް ނަގަމުން ގެންދާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ