ހުޅުމީދޫ ރައްޔިތުން ތިބީ މިސަރުކަރާއެކު!

ހުޅުމީދޫ ރައްޔިތުން ތިބީ މިސަރުކާރާއިއެކުގައިކަން ހާމަކުރުމުގެ ގޮތުން ހުޅުމީދޫގައި ބޮޑު ޖާފަތެއް ބާއްވައިފިއެވެ. މިޖާފަތް ބޭއްވީ މިދިއަ އާދީއްތަ ދުވަހު ހުޅުދޫ ބަނދަރު ސަރަހައްދުގައެވެ.
ތަފާތުި ގިނަ ބާވަތްތަކުގެ ކާބޯ ތަކެއްޗާއިއެކު ހަވީރުގެ ސައިފޮދަކަށް ޚާއްޞަކޮށްގެން ބޭއްވި މިޖާފަތް ބާއްވާފައިވަނީ އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދުގެ ޝަރަފުގައެވެ. މި ޖާފަތުގައި އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ޖުނައިދު އާއި ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު އާއި އިކޮނޮމިކް މިނިސްޓްރީގެ ވެރިންނާއި ގިނަ އަދަދެއްގެ ޢާންމު ރައްޔިތުން ބައިވެރިވިއެވެ.
ހުޅުދޫ ރައްޔިތުން ބުނީ އެމީހުން އަބަދުވެސް ތިބެނީ ތަރައްޤީއަށް ބޭނުންވެގެން ކަމަށާއި އެމީހުން ބޭނުންވަނީ ތަރައްޤީ ހޯދަން ކަމަށެވެ.
މިރަސްމިއްޔާތުގެ ތެރެއިން ޝާހިދު ވަނީ މިސަރުކާރުގެ ފުރަތަމަ 5 އަަހަރު ނިމޭއިރު ހުޅުމީދޫގެ މަގުތައް ރަނގަޅު ފެންވަރަކަށް ހަދައި ނިންމާނެ ކަމަށާއި ސާފު ބޯފެން ލިބޭނެގޮތް ހަދައި ނަރުދަމާގެ ޚިދުމަތް ދޭން ފަށާނެ ކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެއްވައިފައެވެ.
ޝާހިދު ވިދާޅުވީ މިސަރުކާރުން އައްޑޫ ސިޓީ ތަރައްޤީ ނުކުރާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނި ނަމަވެސް އެއީ ހަޤީޤަތެއް ނެތް ވާހަކަތަކެއް ކަމަށާއި މަޝްރޫއުތައް ނިމުމުން ތަރައްޤީ ރައްޔިތުންނަށް ފެންނާނެ ކަމަށެވެ. އަދި މިސަރުކާރަށްޓަކައި ރައްޔިތުން ޝުކުރުވެރިވެ އުފާ ފައުޅު ކުރާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ