ސުޕްރީމް ކޯޓުން މިދިޔަ އަންގާރަ ދުވަހު ނެރެފައިވާ ބަޔާނަކީ ސަރުކާރާ ހިޔާލު ތަފާތުވާ ފަރާތްތަކަށް ސީދާ ބިރު ދެއްކުމުގެ މަގުސަދުގައި ނެރެފައިވާ ބަޔާނެއް ކަމަށާއި އެއީ ކަންބޮޑުވާ ބަޔާނެއް ކަމުގައި އިދިކޮޅު އެމްޑީޕީން ބުނެފި އެވެ.
ސުޕްރީމް ކޯޓުގެ ބަޔާނުގައި ބުނެފައިވަނީ ފުރިހަމަ ސިޔާދަތާ މިނިވަންކަން ލިބިގެންވާ ދައުލަތެއްގެ ހައިސިއްޔަތުން ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމަށާއި، ފަރުދުންނާއި ދައުލަތުގެ ހައްގުތައް ހިމާޔަތް ކުރުމަށާއި، ދިވެހި ގައުމުގައި އަމަންއަމާންކަމާއި ސުލްހަވެރިކަމާއި ހަަމަހިމޭންކަން ގާއިމްވެފައި އޮތުން ކަށަވަރުކުރުމަށްޓަކައި ސުޕްރީމް ކޯޓަށް ލިބިގެންވާ ބާރުގެެ ދަށުން ދިވެހިރާއްޖޭގައި ގާނޫނޫގެ ވެރިކަން ނަގަހައްޓާނެ ކަމުގައި ޔަގީންކަން ދޭ ކަމަށެވެ. ނަަމަވެސް މި ބަޔާން ސުޕްރީމް ކޯޓުން ނެރުނު ވަކި ސަބަބެއް ބުނެފައެއް ނުވެ އެވެ.
ސުޕްރީމް ކޯޓުގެ ބަޔާނަށް ރައްދުދީ އެމްޑީޕީން ރޭ ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ސުޕްރީމް ކޯޓުގެ ބަޔާނުގައި ސަލާމަތީ ހިދުމަތްތަކުގެ މައްޗަށް އެ ކޯޓުން އަމްރު މައުރޫފު ހިންގާނެކަމަށް ބަޔާންކޮށްފައިވާތީ އެމްޑީޕީން ކަންބޮޑުވާ ކަމަށެވެ.
މި ބަޔާނުގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމާއި ދިވެހިރާއްޖޭގައި އުޅޭ އެންމެހައި މީހުން ހިމާޔަތްކޮށްދީ އެމީހުންގެ މުދަލާއި ގެދޮރު ރައްކާތެރިކޮށްދިނުމާއި ގައުމުގެ އަމަންއަމާންކަމާއި ސުލްހަވެރިކަން ދެމެހެއްޓުމަކީ ސަލާމަތީ ހިދުމަތްތަކުން ކަށަވަރުކުރަންވާނޭ ކަމެއް ކަމަށް ގާނޫނު އަސާސީގައި ބުނެފައިވާ ކަަމަށެވެ. އަދި ސަލާމަތީ ހިދުމަތްތަކުގެ އެންމެ މަތީ ވެރިޔަކީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމަށް ގާނޫނު އަސާސީގައި ކަނޑައަޅާފައިވާ ކަމަށްވެސް ބަޔާނުގައިވެ އެވެ.
"ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ޝާއިއުކޮށްފައިވާ ނޫސް ބަޔާނުގައި ސަލާމަތީ ހިދުމަތްތަކުގެ މައްޗަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އަމްރު މައުރޫފު ހިންގާނެކަމަށް ބަޔާންކުރުމަކީ ކަނޑައެޅިގެން ގާނޫނު އަސާސީއާ ހިލާފަށް އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުން ވެރިކަން ހިންގުމުގެ ބާރަށް އަރައިގަތުން ކަމުގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން ދެކެމެވެ،" ބަޔާނުގައިވެ އެވެ.
އެމްޑީޕީން ބުނީ ގާނޫނު އަސާސީން ސުޕްރީމް ކޯޓަށް ލިބިދީފައިވާ ބާރުތަކުގެ ބޭނުން ކުރާނެ ކަމަށް ބުނެ އެ ކޯޓުން ބަޔާނެއް ނެރެފައިވާއިރު ދައުލަތުގެ އެންމެ މަތީ ކޯޓުގެ ހައިސިއްޔަތުން ސުޕްރީމް ކޯޓުން އެފަދަ ހަރުކަށި ބަޔާނެއް ނެރެފައިވާ ސަބަބު ނެތުމަކީ ވެސް ކަންބޮޑުވާ ކަމެއް ކަމަށެވެ. ސުޕްރީމް ކޯޓުގެ ބަޔާނުން ދޭހަވަނީ ގައުމުގެ އަމަން އަމާންކަން ގެއްލި ސުލްހަ މަސަލަސްކަމަށް ބުރޫ އަރާ ފަދަ ހާދިސާއެއް ހިނގައިގެން އުޅޭ ކަން ކަމުގައިވެސް ބަޔާނުގައިވެ އެވެ.
"ފަހުގެ ތާރީޙެއްގައި ދިވެހި ރައްޔިތުން ދުށް އެންމެ ނުރައްކާތެރި ބިރުވެރި އަދި ހިތާމަވެރި އެއް ދުވަސް ކަމުގައިވާ 2012 ފެބްރުއަރީ 7 ވަނަ ދުވަހު ގާނޫނީ ވެރިކަން ބަޔަކު ނިކުމެ ވައްޓާލުމާ ގުޅިގެންވެސް މިފަދަ ބަޔާނެއް ސުޕްރީމް ކޯޓުން ނެރުއްވާފައި ނުވާ ހިނދު ކުއްލި ގޮތަކަށް އެފަދަ އެއްވެސް ހަމަނުޖެހުމެއް ގައުމުގައި ނެތް އިރެއްގައި މި ބަޔާން ނެރުއްވަން ޖެހިވަޑައިގަތް ސަބަބާ މެދު ކަންބޮޑުވެ އެވެ،" ބަޔާނުގައިވެ އެވެ.
ގައުމުގައި ހިނގާ ގާނޫނާ ހިލާފް ކަންކަން ހައްލުކުރާނެ ގޮތްތަކާއި އަދި އެފަދަ ހާލަތްތަކުގައި ދައުލަތުގެ އެކި މުއައްސަސާތަކުން އަމަލުކުރާނެ ގޮތް ގާނޫނު އަސާސީގައި ތަފްސީލްކޮށް ބުނެދީފައިވާއިރު ގާނޫނުގެ ވެރިކަން ދެމެހެއްޓުމަށް ވަކި ހާއްސަ ބާރެއް ސުޕްރީމް ކޯޓަށް ދީފައި ނުވާ ކަން ގާނޫނު އަސާސީން އިނގޭ ކަމަށްވެސް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެ އެވެ. އަދި ދައުލަތުގެ އެންމެ މަތީ ކޯޓުން ސިޔާސީ ކަންކަމުގެ ތެރެއަށް ވަދެ ވަކި ފަރާތެއްގެ މަސްލަހަތު ހިމާޔަތްކުރުމަށާއި ސިޔާސީ މަގުސަދެއް ހާސިލްކުރުމަށް ބަޔާން ނެރޭ ހިސާބަށް ކަންކަން ދިއުމަކީ މިއަދު ދިވެހި ދައުލަތަށް ކުރިމަތިވެފައިވާ ބިރުވެރި ކަމެއް ކަަމަށްވެސް މި ބަޔާނުގައި ބުނެފައިވެ އެވެ.
"އަދުލު އިންސާފުގެ ބާރު ވެރިކަން ހިންގާ ބާރާ މަސްހުނިވެފައިވުމަކީ ރައްޔިތުންގެ އިތުބާރު މުޅި ޝަރުއީ ދާއިރާއަށް ގެއްލިގެން ދާނެ ކަމެކެވެ. އެހެންކަމުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މިފަދަ ކަންކަމުން ދުރުވެ ގައުމަށް ކުރިމަތިވެފައިވާ އަދުލު އިންސާފުގެ ދާއިރާގެ ގޮންޖެހުންތައް ހައްލުކުރެއްވުމަށް ގޮވާލަމެވެ،" އެމްޑީޕީގެ ބަޔާން ނިންމާލަމުން ބުނެފައިވެ އެވެ.
ސުޕްރީމް ކޯޓުން ބަޔާން ނެރުނީ ބިރުދައްކަން: އެމްޑީޕީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ