ބާރުގަދަ ބެޓަރީއަކަށް ޖާގަ ނުލިބުނީ މެކްބުކް ގެ ޑިޒައިނަށް ގެނައި ބަދަލުގެ ސަބަބުން!

އެޕަލް ކުންފުނިން މި އަހަރުގެ ތެރޭގައި ވަނީ އެކުންފުނީގެ މެކްބުކް ޕްރޯ ގެ އުފެއްދުންތަކުގެ ޑިޒައިނަށް ބަދަލު ގެނެސް ލެޕްޓޮޕްތައް ތުނިކޮށްފައެވެ. އަދި ކީބޯޑްގެ މަތިން "ޓަޗް ބާ" އެއްވެސް ވަނީ ހަރުކޮށްފައެވެ.
މެކްބުކް ޕްރޯ އާއި ބެހޭގޮތުން ޓެކް ފޯރަމް ތަކުގައި ދެކެވެމުންދާ ވާހަކަތަކަށް ބަލާލާއިރު އެންމެ ގިނަ ބައެއްގެ ހިތްހަމަ ނުޖެހުން އެއާއި މެދު އަމާޒުވެފައި ވަނީ ބެޓަރީގެ ބާރު ހިފަހައްޓާވަރު ދަށްވުމުންނެވެ. އާންމު ގޮތެއްގައި މެކްބުކް އަކީ ވިންޑޯސް ލެޕްޓޮޕްތަކާއި ޚިލާފަށް ގިނައިރު ބެޓަރީ ބާރު ހިފަހައްޓާ ކަމަށް މަޝްހޫރު އެއްޗެކެވެ.
ބުލޫމްބާގް ގެ ރިޕޯޓެއްގައި ވަނީ ބެޓަރީގެ ބާރު އެޕަލް އަށް ގަދަ ނުކުރެވިވާ ސަބަބު ހާމަކޮށްފައެވެ. އެ ރިޕޯޓުގައި ބުނާގޮތުން އެޕަލް އިން އައު ބެޓަރީތަކެއް މެކްބުކްގެ އާޑިޒައިނަށް ފެތޭނޭހެން އުފެއްދިއެވެ. ނަމަވެސް އެ ބެޓަރީތައް ޓެސްޓު މަރުހަލާގައި ވަނީ ފޭލުވެފައެވެ. އެހެންވެ އެޕަލް އަށް ކުރީގެ ބެޓަރީ ތަކުގެ ޑިޒައިނަށް ރުޖޫޢަވާން މަޖުބޫރު ވީއެވެ.
ޓެކްނޮލޮޖީގެ އެކި ޚަބަރުތައް ގެނެސްދޭ "ދަ ވާޖް" އިން ރިޕޯޓުކޮށްފައިވާ ގޮތުން މެކްބުކް ޕްރޯގެ "ޓަޗް ބާ" އިންނަ މޮޑެލްތަކުގައި ބެޓަރީގެ ބާރު މެކްބުކްގެ ކުރީގެ އުފެއްދުންތަކަށްވުރެ ވެސް ދަށެވެ. އެޕަލް އިން އާ މެކްބުކްތަކުގައި 10 ގަޑިއިރު ޗާޖު ހިފަހައްޓާނެ ކަމަށް ބުންޏަސް ދަ ވާޖް އިން ރިޕޯޓުކުރާ ގޮތުން ބެޓަރީގެ ޗާޖު ހިފަހައްޓަނީ 6-5 ގަޑިއިރަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ