މޫސުން ގޯސްވުމުގެ ސަބަބުން މުރްސީގެ ޝަރީއަތް ފަސްކޮށްފި

މޫސުން ގޯސްވުމުގެ ސަބަބުން މިއަދު ބާއްވަން ހަމަޖެހިފަ އޮތް މިސްރުގެ ކުރީގެ ރައީސް މުހައްމަދު މުރްސީގެ ޝަރީއަތް އެގައުމުގެ ކޯޓުން ފަސްކޮށްފިއެވެ.
އަސްކަރީ އިންގިލާބެއްގައި މުރްސީ މަގާމުން ދުރުކޮށް އޭނާގެ މައްޗަށް ޝަރީއަތް ހިންގަނީ ސަރުކާރާ ދެކޮޅަށް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ރިޔާސީ ގަނޑުވަރުގެ ބޭރުގައި މުޒާހަރާ ކުރި ބަޔަކު މެރުމަށް ރޭއްވެވިކަމުގެ ތުހުމަތުގަ އެވެ.
މިސްރުގެ ދައުލަތުގެ މީޑިޔާއިން ހާމަކުރާގޮތުގައި މުރްސީގެ ޝަރީއަތް ފަސްކުރީ މެޑިޓެރޭނިއަމް ސިޓީއެއްކަމަށްވާ އެލެގްސެންޑްރިޔާގެ ޖަލެއްގައި ހުރި މުރްސީ ނަގަން ދިޔުމަށް ހަމަޖެހިފައިވާ ހެލިކަޕްޓަރަށް މޫސުން ތަންނުދިނުމުގެ ސަބަބުން އެ ސިޓީއަށް ނުދެވުމާ ގުޅިގެންނެވެ.
މި ޝަރީއަތް މިސްރުގެ ކޯޓުން ވަނީ އަންނަ މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް ފަސްކޮށްފަކަމަށް ވެސް މިސްރުގެ ދައުލަތުގެ މީޑިޔާއިން ބުޏްނެވެ.
އެހެންނަމަވެސް މުރްސީގެ ލޯޔަރު މުހައްމަދު ސާލިމް އަލް އައްވާ އަލްޖަޒީރާއާއި ވާހަކަދައްކަމުން ވިދާޅުވީ މިއަދު ބާއްވަން ހަމަޖެހިފަ އޮތް ޝަރީއަތް ކެންސަލް ކުރީ ސިޔާސީ ބޭނުމެއްގައިކަމަށާއި ކުރިއަށް މިސްރުގައި ފެންނަނުފެންނަ ވޯޓެއް ނަގަން ހަމަޖެހިފައި އޮތުމުން އެގައުމުގެ ސަލާމަތީ ބާރުތަކުން މި ޝަރީއަތާ ދިމާކޮށް އެގައުމުގައި ހަމަނުޖެހުމެއް އުފެދޭނެ އެއްވެސް ކަމެއް ވިޔަދޭން ބޭނުންނުވާ ކަމަށެވެ.
މިސްރުގެ ގާނޫނު އަސާސީއާ މެދު އެގައުމުގެ ރައްޔިތުންގެ މެދުގަ ފެންނަ ނުފެންނަ ވޯޓެއް މި މަހުގެ 14 އަދި 15 ވަނަ ދުވަހު ވަނީ ނެގުމަށް ހަމަޖެހިފައެވެ.
މުރްސީގެ މައްޗަށް އުފުލާފައިވާ ދައުވާ ސާބިތުވެއްޖެ ނަމަ އަވާހަރަކޮށްލަން ނުވަތަ އުމުރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ