ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ވަގަށް ނަގައި، ނިޒާމުން ގެއްލުވާލި މައްސަލައިގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތް މާދަމާ އޮންނާނެއެވެ.
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ އޮފިޝަލަކު ވިދާޅުވީ އަބްދުﷲ މުހައްމަދު ބަންދުކުރި މައްސަލައިގެ ޝަރީއަތް ކުރިޔަށްގެންދިއުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު ހަތަރެއް ޖަހާއިރު ކަމަށާއި
މި މައްސަލަ ތިން ފަނޑިޔާރުންގެ ބެންޗަކުން ބެލުމަށް ހަމަޖެހިފައިވާއިރު މާދަމާ އެ ޝަރީއަތް ކުރިޔަށްދާނީ ޖަސްޓިސް ބިލްޑިންގުގެ ތިރީ ހޯލްގައި ކަމަށެވެ.
މީގެ ކުރިން ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ވަނީ، އެ މައްސަލައަކީ ކޯޓުގައި ރަޖިސްޓްރީކޮށްފައިވާ މައްސަލައަކަށް ވާތީ ނަޝީދުގެ އިތުރުން، އެދައުވާ ލިބޭ އެއްވެސް ފަރާތެއް ކޯޓުގެ ހުއްދަނެތި ރަށުން ބޭރަށް ފުރައިގެން ނުދިއުމަށް އަންގާފައެވެ.
މީގެ އިތުރުން ގާނޫނު އަސާސީގައިވާ ގޮތުގެ މަތިން އެފަރާތްތަކަށް ވަކީލުން އައްޔަން ކުރުމުގެ ފުރުސަތުވެސް ކޯޓުން ވަނީ ދީފައެވެ.
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު، ނިޒާމުން ގެއްލުވާލައި ބަންދުކުރި މައްސަލާގައި ދައުވާކުރަނީ ކުރީގެ ރައީސް ކެނެރީގެ މުހައްމަދު ނަޝީދުގެ އިތުރުން ކުރީސަރުކާރުގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނާއި، ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް މޫސާ އަލީ ޖަލީލް އަދި ކުރީގެ ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް މުހައްމަދު ދީދީ އަދި ކާނަލް މުހައްމަދު ޒިޔާދުގެ މައްޗަށެވެ.
އަބްދުﷲ ގާޒީ ބަންދުކުރި މައްސަލައިގައި އެހުރިހާ ބޭފުޅުންގެ މައްޗަށްވެސް ކުރަނީ ގާނޫނުލް އުގޫބާތުގެ 81 ވަނަ މާއްދާގެ ދަށުން، ކުށްނުކުރާ މީހަކު ގާނޫނާ ޚިލާފަށް ގަސްދުގައި ހިފާ ހައްޔަރު ކުރުމުގެ ދައުވާއެވެ.
އެކުށުގެ އަދަބަކީ ގިނަވެގެން ތިން އަހަރަށް ޖަލަށް ލުން ނުވަތަ އަރުވާލުން ނުވަތަ ދެހާސް ރުފިޔާއަށް ވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރުމެވެ.
ނަޝީދުގެ މައްޗަށް މިކުށް ސާބިތުވެ އެއް އަހަރަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް އަތުވެއްޖެނަމަ، ކުރިއަށް އޮތް ރިއާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ނަޝީދަށް ގެއްލޭނެއެވެ.
ގާޒީ ވަގަށް ނެގި މައްސަލައިގެ ޝަރީއަތް މާދަމާ ފަށަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ