އަޅުގަނޑު ނޫޅެން އަރަބިއްޔާ ސްކޫލް އުވާލާކަށް: އެޑިއުކޭޝަން މިނިސްޓަރ

އަރަބިއްޔާ ސްކޫލް އުވާލަން މަސައްކަތް ނުކުރައްވާ ކަަމަށް މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.
އެޑިއުކޭޝަން މިނިސްޓަރ މިހެން ވިދާޅުވިއިރު އަރަބިއްޔާ ސްކޫލްގެ ދަރިވަރުން އިއްޒުއްދީން ސްކޫލަށް ބަދަލުކުރަން އެޑިއުކޭޝަން މިނިސްޓްރީން ނިންމި ނިންމުމާއި ދެކޮޅަށް އެސްކޫލްގެ ބެލެނިވެރިން ގެންދަނީ މުޒާހަރާ ކުރަމުންނެވެ.
އަރަބިއްޔާ ސްކޫލުގެ ޕީޓީއޭއިން މިއަދު މިނިސްޓަރާ ބައްދަލުކުރައްވާ ބެލެނިވެރިންގެ ހުރި ކަންބޮޑުވުންތައް ވަނީ ހިއްސާ ކޮށްފައެވެ.
އެޑިއުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު އަލީ މިއަދު ހަވީރު ވަނީ އަރަބިއްޔާ ސްކޫލަށް ވަޑައިގެން ސްކޫލްގެ ވެރިންނާވެސް ބައްދަލު ކުރައްވާފައެވެ.
ޕީޓީއޭ އަދި ސްކޫލްގެ ވެރިންނާ ވަކިވަކިން ބައްދަލު ކުރެއްވުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ސްކޫލްގެ ބެލެނިވެރިން އެ ސްކޫލް "ސޭވް" ކުރަން ނުޖެހޭނެ ކަމަށާއި ޕީޓީއޭއެކު މިނިސްޓްރީގެ ޕްލޭން މިއަދު ވާނީ ހިއްސާކުރައްވާފައި ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ އަދި އޮތް ނިންމުމަކީ ޢިއްޒުއްދީން ސްކޫލަށް އަރަބިއްޔާގެ ދަރިވަރުން ބަދަލުކުރުން ކަމަށާއި އަރަބިއްޔާ ސްކޫލަށް ޚާއްސަ ބިމެއް ހުޅުމާލެއިން ދިނުމަށް މިހާރު ވާނީ ހަމަޖައްސަވާފައި ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ އަބަދުވެސް މަސައްކަތް ކުރައްވަނީ ރާއްޖޭގައި އިސްލާމީ އަރަބި ތައުލީމު ބާއްވަން ކަމަށާއި ކުދިންގެ ކިޔެވުން ހުއްޓުނަނުދީ ކުރިއަށްގެންދަން ރާވާފަ އޮތް އޮތުމަކީ އެކަމުގެ ރަމްޒެއް ކަމަށެވެ.
އަދި ހުޅުމާލެއިން ފަސްދޮޅަސްހާސް އަކަފޫޓްގެ ބިމެއް އަރަބިއްޔާއަށް ޚާއްސަ ކުރައްވާފައިވާކަން ފާހަގަކުރައްވާ މިނިސްޓަރ ވަނީ މާލެއިން ބިމެއް ލިބޭތޯވެސް ވަރަށް މަސައްކަތް ކުރައްވާ ކަމަށެވެ.
މިނިސްޓަރާއެކު މިއަދު ބޭއްވި މަޝްވަރާގެ ބައްދަލުވުމަށް ފަހު މީޑިއާ ވާހަކަ ދައްކަވަމުން ޕީޓީއޭގެ ޚަޒާންދާރު އަދި ޕީޓީއޭގެ ކުރީގެ ނައިބުރައީސް ޔޫސުފް ވިދާޅުވީ، އެޑިއެކޭޝަން މިނިސްޓަރ ތަކުރާރުކޮށް ވިދާޅުވީ އިއްޒުއްދީން ސްކޫލް ނޫން އެހެން ޗޮއިސްއެއް ނެތްކަމަށެވެ.
ބެލެނިވެރިން ވަނީ މީގެކުރިންވެސް ވަރަށް ހިތި ތަޖުރިބާއެއް ކޮށްފައި ކަމަށާއި އެކަން ތަކުރާރު ކުރަން ބެލެނިވެރިން ބޭނުން ނުވާ ކަމަށްވެސް ޔޫސުފް ވިދާޅުވިއެވެ.
އިއްޒުދީން ސްކޫލަށް އަރަބިއްޔާ ސްކޫލްގެ ދަރިވަރުން ބަދަލުކުރަން އެޑިއުކޭޝަން މިނިސްޓްރީން ނިންމާފައިވާއިރު، އެތަނުގައި އެ ސްކޫލްގެ ދަރިވަރުންނަށް ކޭޓަރ ނުކުރެވޭނެކަން މެނޭޖްމެންޓުން އަންގާފަައިވާކަންވެސް ޕީޓީއޭއިން ފާހަގަކުރެއެވެ.
އަރަބއިްޔާގެ ދަރިވަރުން ވަގުތީގޮތުން އިއްޒުއްދީން ސްކޫލަށް ބަދަލުކުރަން އެޑިއުކޭޝަނުން ނިންމާފައިވާ ނިންމުން ޕީޓީއޭއިން ކުށްވެރިކޮށް ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިނިސްޓްރީގެ ނިންމުމަށް އަމަލު ނުކުރާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ