ނަޝީދުގެ ސަރުކާރުން އަޅުގަނޑާ ދޭތެރޭ ގެންގުޅުނީ އަނިޔާވެރި ސިޔާސަތެއް: މައުމޫން

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ކުރީގެ ރައީސް މައުމޫނު އަބުދުލްގައްޔޫމަށް ބޮޑެތި ޖެއްސުންކޮށް އެމަނިކުފާނާ ދޭތެރޭގައި ގެންގުޅުއްވީ އަނިޔާވެރި ސިޔާސަތެއް ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ ހަރާކާތްތައް ފުޅާކުރުމަށް އައްޑޫ ސިޓީ އަށް ކުރައްވާ ދަތުރުފުޅުގައި އިއްޔެ ހުޅުމީދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން މައުމޫނު ވިދާޅުވީ ހުޅުމީދޫގެ ރައްޔިތުންނާ ބައްދަލުކޮށްލުމަށް ވެސް މީގެ ކުރިން އެ ރަށަށް ޒިޔާރަތް ނުކުރެވި ވަނީ ކުރީގެ ސަރުކާރުން އެމަނިކުފާނަށް ޖެއްސުން ކުރުމަށް މަސައްކަތް ކުރުމުން ކަމަށާއި ކުރީގެ ސަރުކާރުން ގެންގުޅު އަނިޔާވެރި ސިޔާސަތުގެ ސަބަބުން ރަށްރަށަށް ވަޑައިގަތުމަށް ވެސް ހުރަހަކަށް ވެގެން ދިޔަ ކަމަށެވެ.
ރައީސް މައުމޫނު ވިދާޅުވީ އެމްޑީޕީގެ އެކްޓިވިސްޓުން އެމަނިކުފާނަށް ހަމަލާދެއްވަން މަސައްކަތް ކުރެއްވި ކަމަށާއި އަދި ނަޝީދުގެ ވެރިކަމުގެ ދުވަސްވަރު އެމަނިކުފާނުގެ ގެދޮރަށް ހަމަލާދީ އަމިއްލަ ރަށާއި އަމިއްލަ ގޭގައި އުޅުންވެސް އޮތީ ވަރަށް ދަތިކަމަކަށް ވެފައި ކަމަށެވެ.
"އޭރުގެ ސަރުކާރުން އަޅުގަނޑާ ދޭތެރޭގައި ގެންގުޅުއްވަމުން ގެންދެވީ އަނިޔަވެރި ސިޔާސަތުތަކެއް. އަޅުގަނޑު މާލޭގައި ހުއްޓަވެސް އަޅުގަނޑަށް ހަމަލާދެއްވަން އެމްޑީޕީގެ މީހުން ހަރަކާތްތެރިވި. އަޅުގަނޑުމެންގެ ގޭދޮށަށް އައިސް ހަމަލަދީ ގެއަށް ގާއުކައި އަޅުގަނޑަށް ތަފާތު އުނދަގޫތައް ކުރަމުން ގެންދިޔަ. އަމިއްލަ ރަށުގައި އަމިއްލަ ގޭގައި އުޅުންވެސް އޮތީ ވަރަށް ދަތިކަމަކަށް ހަދާފައި،" މައުމޫނު ވިދާޅުވި އެވެ.
މައުމޫނު ވިދާޅުވީ އެކަކު އަނެއްކަކަށް ހަމަލާދީ މާރާމާރީ ހިންގައި ތަންތަން އަންދާލާފައި ވަނީ އެކަމުގެ އަޑީގައި ބަޔަކު ތިބެގެން ބޭރު ފަރާތްތަކުގެ ނުފޫޒު އެކަމުގެ ތެރެއަށް ވަދެގެން ކަމަށާއި އެފަދަ ކަންކަން ކުރާ ބަޔަކު އެކަން ކުރަނީ ފައިސާ އާއި އެހެނިހެން އެއްޗެހީގެ ދަހިވެތިކަމުގައި ކަމަށެވެ.
ރައީސް މައުމޫނު ވިދާޅުވީ އެމަނިކުފާނު ނިސްބަތްވެވަޑައިގެންނަވާ ޕީޕީއެމަކީ ރާއްޖޭގެ ކުރިއެރުމާއި މަސްލަހަތު ހިމާޔަތްކުރުމަށް މަސައްކަތް ކުރާ ޕާޓީއެއް ކަމަށާއި ސިޔާސީ ގޮތުން ހިޔާލު ތަފާތުވި ނަމަވެސް އެއްވެސް ފަރާތަކާ ދެކޮޅަށް އަނިޔާވެރި ހަރަކާތްތައް ހިންގާނެ ޕާޓިއެއް ނޫން ކަމަށެވެ.
"އަޅުގަނޑުމެން ދުވަހަކު ވެސް އަޅުގަނޑުމެންނާ ހިޔާލު ތަފާތުވާ ބަޔަކާއި ދިމާއަށް ގަލެއް ނޫކާނަން. އެމީހުންގެ ގެދޮރަކަށް ހަމަލައެއް ނުދޭނަން. އެމީހުންގެ ތަނެއް ރޯކޮށެއް ނުލާނަން. މިއީ އަޅުގަނޑުމެންގެ ސިޔާސަތު މިއީ އަޅުގަނޑުމެންގެ ފަލްސާފާ،" މައުމޫނު ވިދާޅުވި އެވެ.
މައުމޫނު ވަނީ އައްޑު އަތޮޅަށް ކުރެއްވި ދަތުރުފުލުގައި ފޭދޫ އަށް ވަޑައިގެން ފޭދޫގެ ޕީޕިއެމް ގޮފީގެ ފަރާތުން އިންތިޒާމުކުރި މާހެފުމެއްގައި ބައިވެރިވެވަޑައިގެންފަ އެވެ. އަދި އެ ރަށުގެ ޕީޕިއެމްގެ މެންބަރުންނާ ވެސް ބައްދަލުކުރައްވާފައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ