ގާނޫނުއަސާސީ އިސްލާހުކުރީ ސައޫދީ ޝާހީ އާއިލާ އެދޭގޮތަށް ކަމަށް ބުނާ އޯޑިއޯގެ މައްސަލަ ބަލަން މައުމޫން ގޮވާލައްވައިފި

ސައޫދީ އަރަބިއްޔާގެ ޝާހީ އާއިލާގެ މުދަލަކަށް، ފ. އަތޮޅުގެ ބައެއް ހަދަން އެ އާއިލާއިން ބޭނުންވާ ކަމަށާއި ގާނޫނު އަސާސީ އިސްލާހުކުރީ އެހެންވެގެން ކަމަށް ބުނާ އޯޑިއޯއެއް ލީކުވުމާ ގުޅިގެން އެ މައްސަލަ ބަލަން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އޮފީހުން މިއަދު ގޮވާލައިފި އެވެ.
ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ކަމަށް ބެލެވޭ މީހަކު އެ އޯޑިއޯގައި ބުނަނީ ބިދޭސީންނަށް ރާއްޖެއިން ބިން މިލްކު ކުރެވޭ ގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައީ ސައުދީގެ ވަލީ އަހުދު މުހައްމަދު ބިން އަބްދުލްއަޒީޒު ފ. އަތޮޅުގައި އިންވެސްޓްކުރަން ބޭނުންފުޅުވުމުން ކަމަށެވެ. އެކަމަކު އެކަން ސިއްރެއްގެ ގޮތުގައި ބާއްވަން ޝާހީ އާއިލާއިން ބޭނުންވީ ކަމަށް ވެސް ބުނެ އެވެ.
އެ އޯޑިއޯއާ ގުޅިގެން ނިހާން މިހާތަނަށް ވަކި އެއްޗެއް ވިދާޅެއް ނުވެ އެވެ.
ޕީޕީއެމުން އެކަހެރިކޮށްފައިވާ، އެ ޕާޓީގެ ރައީސް މައުމޫންގެ އޮފީހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ރައްޔިތުންގެ މަޖިލީހުން ގާނޫނުތައް ހަދަމުން އަންނަނީ ވަކި ބަޔަކަށް ނާޖާއިޒް ފައިދާ ނެގޭ ގޮތަށް ކަމަށާއި އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެއްލުންތަކެއް އެކަމުން ލިބޭނެ ކަމަށެވެ. ބިން ވިއްކޭ ގޮތަށް ގާނޫނު އަސާސީއަށް ބަދަލު ގެނައީ ރައީސް އަބްދުﷲ ޔާމީންގެ އިރުޝާދުގެ ދަށުން ކަމަށް އެ އޯޑިއޯގައި ބުނެފައިވާ ކަމަށާއި ވަކި ބޭފުޅަކު ބޭނުންވެގެން ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަކީ ގައުމަށް ވެވޭނެ އެންމެ ބޮޑު ޚިޔާނާތް ކަމަށް އެ ބަޔާނުގައިވެ އެވެ.
"މިކަން ހިނގައިދިޔަ އިރު މީގެ ހަގީގަތް މަޖިލިސް މެމްބަރުންނަށް ވެސް ވަނީ ސިއްރުކޮށްފައި ކަމަށް ގަބޫލު ކުރެވެ އެވެ. މިއީ އެއްގޮތަކަށް ވެސް މިފަދަ ކަންކަން ހިނގައިގެން ވާނެ ގޮތެއް ނޫނެވެ،" އެ ބަޔާނުގައި ބުނެފައިވެ އެވެ.
ސައޫދީން ރާއްޖޭގައި އިންވެސްޓްކުރާ ފައިސާއަކީ "ޑާޓީ" ފައިސާ ކަމަށް މާނަކުރެވޭ ގޮތަށް އެ އޯޑިއޯގައި ބުނެފައިވާ ކަމަށާއި އެއީ ސައޫދީގެ ގަދަރު ކުޑަވާ ގޮތަށް ދެއްކި، ދަށު ދަރަޖައިގެ ވާހަކައެއް ކަމަށް ވެސް ބުނެފައިވެ އެވެ.
ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، ބޭރުގެ ފަރާތްތަކަށް ބިން ވިއްކާ ނަމަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް ރައީސް ޔާމީންގެ ކިބައިން މައުމޫން އެދިވަޑައިގަތެވެ. ނަމަވެސް ބަޔާނުގައި ބުނެފައިވާ ގޮތުގައި، ގާނޫނު އަސާސީއަށް ބަދަލު ގެނައީ އެއިން އެއްވެސް ކަމެއް ނުކޮށް، އަދި މައުމޫންގެ އެއްވެސް ސިޓީއަކަށް ޖަވާބު ދެއްވުމެއް ނެތި އެވެ.
"އޭސީސީންނާއި ރައްޔިތުންގެ މަޖިލީހުންނާއި ކަމާބެހޭ އެހެން އިދާރާތަކުން މި އޯޑިއޯގައި ނިހާން ކަމަށް ލަފާ ކުރެވޭ ފަރާތަކުން ތުހުމަތު ކުރައްވާފައިވާ ސީރިއަސް މައްސަލަތައް ބައްލަވައި ދެއްވުމަށް ޕީޕީއެމްގެ ރައީސް އޮފީހުން ގޮވާލަމެވެ،"
ފ. އަތޮޅު ސައުދީގެ ޝާހީ އާއިލާއަށް ވިއްކާލަން ނިންމާފައިވާ ކަމުގެ އަޑުު ފެތުރިފައި ވަނިކޮށް ރައީސް ޔާމީން ވަނީ އެ ވާހަކަތައް ދޮގު ކުރައްވައި، އެތަނުގެ ކުރަނީ 10 ބިލިއަން ޑޮލަރުގެ އިންވެސްޓްމެންޓެއް ކަމަށް ވިދާޅުވެފަ އެވެ.
ސައޫދީގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒު މިއަދު ރާއްޖެ ވަޑައިގަތުމަށް ކުރިން ހަމަޖެހިފައި ވަނިކޮށް، ރާއްޖޭގައި މިހާރު ފެތުރެމުންދާ ސްވައިން ފްލޫއާ ހެދި އެ ދަތުރުފުޅު ވަނީ ފަސް ކުރައްވާފައިވާ ކަމަށް ސަރުކާރުން އިއްޔެ ވަނީ ބުނެފަ އެވެ. ރަސްގެފާނުގެ ދަތުރުފުޅާ ދިމާކޮށް ފ. އަތޮޅު މަޝްރޫއާ ދެކޮޅު އަޑުތައް ވެސް ވަނީ ގަދަވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ