އަބްދުﷲ ގާޒީ ހައްޔަރު ކުރި މައްސަލައިގެ އިތުރު ޝަރީއަތްތައް ވެސް މެދުކަނޑާލައިފި

ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރުމާއި ގުޅިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން އަނެއް ހަތަރު ބޭފުޅުންގެ މައްޗަށް ދައުވާ ކުރަން ހުޅުމާލެ ކޯޓަށް ފޮނުވާފައިވާ މައްސަލަތަކުގެ ޝަރީއަތްތައް ކުރިއަށް ގެންދިއުން ވަގުތީ ގޮތުން ހުއްޓާލައިފި އެވެ.
ޖުޑިޝަލް އެޑްމިނިސްޓްރޭޝަންގެ ބުނީ އަބުދުﷲ ގާޒީ ހައްޔަރު ކުރުމާ ގުޅިގެން ފަސް ބޭފުޅެއްގެ މައްޗަށް ހުޅުމާލެ ކޯޓުގައި ކުރަމުންދާ ދައުވާތަކުގެ ޝަރީއަތް ޝެޑިއުލް ކުރުމަށް ފަހު މިއަދު ކެންސަލްކޮށްފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލައާ މެދު އެ ކޯޓުން ވަކިގޮތެއް ކަނޑައަޅަންދެން އެމަނިކުފާނުގެ ޝަރީއަތް ހުޅުމާލެ ކޯޓުގައި ގެންދިއުން ވަގުތީގޮތުން ހުއްޓާލުމަށް ހައިކޯޓުން މިއަދު އަމުރު ނެރުމާއި ގުޅިގެންކަމަށެވެ.
ހައިކޯޓުން މިއަދު ނެރުނު ވަގުތީ އަމުރުގައި ބުނަނީ ހައިކޯޓުގައި ނަޝީދު އިސްތިއުނާފު ކުރައްވާފައިވާ މައްސަލައާ މެދު ޝަރީއަތުން ގޮތެއް ކަނޑައެޅުމުގެ ކުރިން ނަޝީދުގެ ޝަރީއަތް ހުޅުމާލޭ ކޯޓުގައި ކުރިއަށް ގެންގޮސްފި ނަމަ، އޭނާ އަށް ކަށަވަރު ކޮށްދޭންޖެހޭ ހައްގުތަކެއް ކަށަވަރު ނުކުރެވި އެކަމުގެ ސަބަބުން ނަޝީދަށް ގެއްލުން ލިބިދާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ.
އެ މައްސަލައިގައި ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލާއި ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް މުހައްމަދު ދީދީ އާއި ޑިފެންސް މިނިސްޓާ ތޮލްހަތު އިބްރާހިމް ކަލޭފާނު އަދި ކާނަލް މުހަންމަދު ޒިޔާދުގެ މައްޗަށް ވެސް އަންނަނީ ދައުވާކުރަމުންނެވެ.
ގާނޫނާއި ހިލާފަށް އަބްދުއްﷲ ގާޒީ ހައްޔަރުކުރުމާއި ގުޅިގެން ކުރީގެ ރައީސް ނަޝީދުގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތް ހުޅުމާލެ ކޯޓުގައި ކުރިއަށް ނުގެން ދިއުމަށް ހައިކޯޓުން ހުކުމް ކޮށްފައިވާއިރު އެ މައްސަލައިގައި ދައުވާކުރާ ޑިފެންސް މިނިސްޓަރު ތަލްހަތު އިބްރާހިމް ކަލޭފާނާއި ކާނަލް މުހައްމަދު ޒިޔާދުގެ ޝަރީއަތް ކުރިން ވަނީ ބުދަ ދުވަހަށް ޝެޑިއުލް ކޮށްފަ އެވެ.
ހުޅުމާލެ ކޯޓުގައި ބަލަމުންދާ ނަޝީދު މައްސަލައިގެ ޝަރީއަތް ހުޓާލުމަށް ހައިކޯޓުން ވަގުތީ އަމުރެއް ނެރެފައިވަނީ ހުޅުމާލެ ކޯޓުގެ ސައްހަ ކަމާއިމެދު ސުވާލު އުފައްދާ އެމަނިކުފާނު ހައިކޯޓަށް ހުށަހެޅި އިސްތިއުނާފީ މައްސަލައިގައި ވަކި ގޮތެއް ނިމެންދެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ